ރޯދަ ވީއްލާކަށް ނުދެވޭނެ، ތަރާވީހަށް ގުޅާލާ

ރޯދަމަސް ދުނިޔޭގެ އެކި ކަންކޮޅުތަކުން -- ފޮޓޯ/ އޭޕީ

ރޯދަ މަހުގެ ރޯދަ ވީއްލުމަކީ ދިވެހިންގެ ތެރޭގައި ތަފާތު އާދަތަކެއް ގެންގުޅޭ ހަރަކާތެކެެވެ. ރޯދަ ވީއްލުމަކީ ގާތް ތިމާގެ މީހުންނާއެކު ގިނަ ބަޔަކު ކުރަން ބޭނުންވާ ކަމެކެވެ. އެހެންވެ ގެއިން ބޭރަށް ރޯދަ ވީއްލަން ދާން ޖެހިއްޖެ ނަމަ ގިނަ ފަހަރަށް މިއީ އެއް ގޮތަކަށް ވެސް ކަމުދާ ކަމަކަށް ނުވެއެވެ.

ރޯދަ މަހުގައި މަސައްކަތް ނިންމުމަށްފަހު ގެއަށް އައިސް ރޯދަ ވީއްލަން ތަފާތު އެއްޗެއް ހެދުމަކީ ކޮންމެ ގެއެއްގައި ހެން އާންމު އާދައެކެވެ. އެއާއެކު މުޅި ދުވަހު ބިޒީ ކޮށް އުޅުމަށްފަހު ހަމަޖެހިލައިގެން ވަގުތުު ކޮޅެއް ލިބެނީ ރޯދަ ވީއްލާ ވަގުތެވެ. ގިނަ ފަހަރަށް ރޯދަ ވީއްލަން ބޭރަށް ދިޔުމަކީ ވަރަށް އުނދަގޫ ކަމަކަށް ވަނީ އެ ސަބަބާ ހެދިއެވެ.

"ރޯދަ މަހު އަސްލު ވަރަށް ނުވޭ ގެއިން ބޭރަށް ރޯދަ ވީއްލަން ދާ ހިތް. ގޭގައި ކޮންމެވެސް އެއްޗެއް ހަދައިގެން އާއިލާ މީހުން އެކީގައި ރޯދަ ވީއްލާ ނުލެވޭ ނަމަ ހިތްހަމައެއް ނުޖެހޭ،" އުމުރުން 28 އަހަރުގެ ސަބާ ލަތީފު ބުންޏެވެ.

ސަބާ ބުނިގޮތުގައި ގޭގައި ހުރިހާ އެންމެން އެކުގައި ރޯދަ ވީއްލަން އެއްޗެހި ހަދާއިރު އެހެން މަހެއްގައި މިގޮތަށް އެކުގައި ކަމެއް ކޮށްލަން ވަގުތެއް އަދި ފުރުސަތެއް ނުލިބެއެވެ. އެހެންވީމާ އެ ވަގުތުގެ މުހިއްމު ކަން އޭނާއަށް ގަބޫލު ކުރެވޭތީ އިތުރަށް ގެއިން ބޭރަށް ދާން ބޭނުން ނުވާ ކަމަށް ސަބާ ބުނެއެވެ.

އެހެން ނޫނަސް ބޭރުން ރޯދަ ވީއްލުމަކީ ގިނަ މީހުންނަށް މާ ކަމުދާ ކަމެއް ވެސް ނޫނެވެ. ހަމަ ގޭގައި ހަދާ އެއްޗެއް ކާލައިގެން ގެއިން ރޯދަ ވީއްލުން ކަމުދާ މިންވަރު ދިވެހިންނަށް ބޮޑީއެވެ.

ރޯދަ މަހުގައި އޮފީސް ރޯދަ ވީއްލުންތަކަށް ވެސް ދިޔުމަކީ މި ސަބަބު ތަކާ ހުރެ މާ ފަސޭހަ ކަމެއް ނޫނެވެ. ކޮންމެ އަހަރެއްގައި ވެސް ރޯދަ މަހާ ދިމާކޮށް މަސައްކަތް ކުރާ އޮފީހުން ކޮންމެވެސް ކަހަލަށް ރޯދަ ވީއްލުމުގެ އިވެންޓެއް ކުރިއަށް ގެންދާނެއެވެ. ނަމަވެސް ގިނަ މީހުންނަކީ މިފަދަ ރޯދަ ވީއްލުމަށް ދާން ބޭނުންވާ މީހުންނެއް ނޫނެވެ.

އެހެންނަމަވެސް އެއާ ހިލާފަށް ތަރާވީހާ ގުޅުވައިގެން ކެއުމަކަށް ދައުވަތު ލިބިއްޖެ ނަމަ ގިނަ ބަޔަކު ދާނެއެވެ.

"އާންމުކޮށް އޮފީސް އިވެންޓެއް ބޭއްވިޔަސް އަދި ރަށްޓެހިން ކަމެއް ރާވަން އުޅުނަސް ބޭނުންވަނީ ތަރާވީހަކަށް ވާން،" އުމުރުން 29 އަހަރުގެ އިސްމާއިލް ފައިސަލް ބުންޏެވެ.

ގިނަ ފަހަރަށް އެކުވެރިން ރޯދަ ވީއްލުމެއް ބާއްވަން އުޅުނު ނަމަވެސް އެމީހުން ގާތުގައި އެދެނީ ތަރާވީހަކަށް ބަދަލު ކޮށްލަން އެހެން ނޫނީ ނުވާނެ ކަމަށް ފައިސަލް ފާހަގަކުރެއެވެ.

ކޮންމެއަކަސް ރޯދަ މަހުގެ މެދުތެރޭގައި މިހާރު ތިބި އިރު އޮންނާނީ ރޯދަ ވީއްލުމަކަށް ނުވަތަ ތަރާވީހަކަށް ދައުވަތު ލިބިފައެވެ. އަދި ދައުވަތު ލިބިފައިވާ ނަމަ ގިނައިން ދައުވަތު ލިބިފައިވަނީ ކޮން ކަމަކަށް ހެއްޔެވެ؟

comment ކޮމެންޓް