ރާއްޖެއަށް މަސްތުވާތަކެތި ހިފައިން ގިނައިން އަންނަނީ ދާއިމީ ބޮޑެތި ބަލިތައް ހުންނަ މީހުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރު މާރިޔާ ހާޒިރު ކޮށްފައިވާއިރު ސުވާލު ކުރުމުގެ ވަގުތުގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާ ގުޅޭގޮތުން ސަރުކާރުން ދާދިފަހުން އެކުލަވާލާފައިވާ ގަވާއިދާ ގުޅޭ ގޮތުން ސުވާލު ކުރައްވާފައެވެ.
އިމިގްރޭޝަނުން ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އާންމުކުރި ގަވާއިދެއްގައި ބުނާ ގޮތުން، މަސްތުވާތަކެތި ޓްރެފިކް ކުރުމަށް ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރާ ނުވަތަ ބޭނުންކޮށްފާނެ މީހެއްކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިއްޖެ ނަމަ އެ މީހަކު ރާއްޖެ އެތެރެވިޔަނުދީ އަނބުރާ ފޮނުވާލުމުގެ ބާރު އިމިގްރޭޝަނަށް ލިބެއެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން މާރިޔާ ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި ހިފައިން ގިނައިން އަންނަނީ ދާއިމީ ބޮޑެތި ބަލިތައް ހުންނަ މީހުން ކަމަށެވެ. އެގޮތުން އޭގެތެރޭގައި، އެއިޑްސް ޖެހިފަވާ މީހުންނާ ކިޑްނީގެ ބޮޑެތި ބަލިތައް ހުންނަ މީހުން ހިމެނޭ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި މިހާރުވެސް އެފަދަ މީހުން ޖަލުތަކުގައި އެބަތިބި ކަމަށް ވެސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
"އެކަހަލަ އެތައް ބަޔެއް މިވަގުތު ވެސް އެބަތިބި ޖަލުގައި. ރައްޔިތުންގެ ވަރަށް ބޮޑު ޚަރަދަކުން އެ މީހުން މި ބަލަހައްޓަން ޖެހެނީ،" މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ އެފަދަ މީހުން އެތައް ދުވަހެއް ވަންދެން ޖަލުގައި ބެހެއްޓުމަށްފަހު ދެން އެމީހުން އަނބުރާ ފޮނުވާލަން އުޅޭއިރު އެކިކަހަލަ ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ. އަދި އެ ގަވާއިދު އެކުލަވައިލީ ބޮޑު ޚަރަދެއް ކޮށް، ރިމާންޑުގައި މީހުން ބަހައްޓަން ޖެހޭތީ އެކަން އެގޮތަށް ނުކުރުމަށްޓަކައި ފެންނަ ގޮތަށް ގަވާއިދެއް އޮންނަން ބޭނުންވާތީ ކަމަށް ވެސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
އެ ގަވާއިދާ ގުޅޭގޮތުން މަޖިލީހުގައި މީގެ ކުރިން ވެސް ބައެއް މެމްބަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.