ޖިނާއީ ދައުވާތަކާ ގުޅިގެން ޓްރަމްޕް ހައްޔަރުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ/ ގެޓީ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ކުރާ ޖިނާއީ ދައުވާތަކާ ގުޅިގެން އެމަނިކުފާނު ކޯޓަށް ވަޑައިގަތުމާއެކު، ހައްޔަރުކޮށްފިއެވެ.

ޓްރަމްޕްގެ މައްޗަށް ދައުވާކުރަނީ ބަރަހަނާ ފިލްމުކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްއާ އެކު ހިންގި ބަދުއަޚުލާގީ ގުޅުންތަކުގެ ހަގީގަތް ފޮރުވުމަށްޓަކައި ސްޓޯމީއަށް ފައިސާ ދެއްވި މައްސަލައިގައެވެ.

އެފަދަ ގޮތަކަށް ފައިސާ ދިނުން އެއީ އެމެރިކާގެ ގާނޫނުތަކުގައި މައްސަލައަކަށް ނުވި ނަމަވެސް އެ ފައިސާ ދިންކަން ލިޔެކިޔުންތަކުން ފޮހެލާފައި އޮތް އޮތުމަކީ ޖިނާއީ ކުށެއް ކަމަށް އެމެރިކާގެ ޕްރޮސެކިއުޓަރުން ދެކެނީ އެއީ ރިޝްވަތެއް ކަމަށް ބެލެވޭތީއެވެ.

މިއީ އެމެރިކާގައި ރައީސްކަން ކުރެއްވި ބޭފުޅަކަށް ޖިނާއީ ދައުވާ ކުރާ ފުރަތަމަ ފަހަރެވެ.

އެ ދައުވާތައް އަޑުއިއްވުމަށްޓަކައި މިއަދު ޓްރަމްޕް ވަނީ، އެ މައްސަލަ ބަލާ މަންހަޓަން ކްރިމިނަލް ކޯޓްހައުސްއަށް ހާޒިރުކޮށްފައެވެ. އެއާއެކު ޓްރަމްޕް ވަނީ ހައްޔަރުކޮށްފައެވެ. އެމަނިކުފާނު ހައްޔަރުކުރުމަށް ފަހު އާންމު އުސޫލުން ބިޑި އަޅުވައި، ގޮޅިއެއްގައި ނުބައިންދާނެއެވެ. ނަމަވެސް، ޓްރަމްޕްގެ ވަނަވަރު ކަށަވަރު ކުރުމާއި އިނގިލީގެ ނިޝާން ނެގުން ފަދަ ކަންކަން އާންމު އުސޫލާ އެއްގޮތަށް ކުރާނެއެވެ.

އެއަށް ފަހު ޓްރަމްޕްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކޯޓުގައި އިއްވާނެއެވެ. އެ ދައުވާތަކުގެ ތަފްސީލް މިހާތަނަށް ހާމަކޮށްފައިނުވެއެވެ.

ޓްރަމްޕް މިވަގުތަށް ހައްޔަރުކުރި ނަމަވެސް، އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާގެ ގޮތުން ޝަރުތަކާ ނުލައި ދޫކޮށްލާނެ ކަމަށް ބޭރުގެ މީޑިއާތަކުގައިވެއެވެ.

ޓްރަމްޕް ކޯޓަށް ވަޑައިގެންނެވި މަގުމަތީގައި ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާގައި އެފަދަ ކަމެއް ހިނގާކަން ގަބޫލުކުރައްވަން ވެސް އުނދަގޫވާ ކަމަށެވެ.

"އެމީހުން އުޅެނީ އަޅުގަނޑު ހައްޔަރުކުރަން. މިކަން މިހިނގަނީ އެމެރިކާގައިކަން ގަބޫލުކުރަން ވެސް ދަތި،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ ގާނޫނީ ޓީމުން ވަނީ އެމަނިކުފާނު ދައުވާތަކަށް އިންކާރު ކުރައްވާނެ ކަމަށް ބުނެފައެވެ. އަދި އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޓްރަމްޕް ވެވަޑައިގަންނަވާ ތައްޔާރީތައް ހުއްޓާނުލައްވާނެ ކަމަށް ވެސް އެ ޓީމުން ވަނީ ބުނެފައެވެ.

ޓްރަމްޕް ވަނީ އެމަނިކުފާނުގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ދައުވާތަކެއް ކަމަށް މީގެ ކުރިން ތުހުމަތު ކުރައްވާފައެވެ.

ޓްރަމްޕް އެމެރިކާގެ ރައީސްކަން ކުރެއްވީ 2017އިން ފެށިގެން 2021 ވަނަ އަހަރަށެވެ.

comment ކޮމެންޓް