ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ވަކިކުރި ކަމެއް ނުވަތަ ނުކުރާ ކަމެއްވެސް ނޭނގޭ: ނިޒާރު

ފޯ ނޭޝަންސް މުބާރާތް ތެރެއިން ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު އިބްރާހީމް ނިޒާރު ކުޅުންތެރިންނަށް އިރުޝާދު ދެނީ...

ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ހުރި އިބްރާހީމް ނިޒާރު (ބޮޑޭ) މަގާމުން ވަކި ކުރިކަމެއް ނުވަތަ ނުކުރާ ކަމެއްވެސް ނޭނގޭ ކަމަށް އޭނާ ބުނެފިއެވެ.

ގައުމީ އަންހެން ޓީމާއެކު، ފެބްރުއަރީ މަހު ރާއްޖޭގައި ބޭއްވި ފޯ ނޭޝަންސް ކަޕުން ރިހި މެޑަލް ހޯދި ނިޒާރު ބުނީ، ގައުމީ އަންހެން ޓީމުގެ އޮފިޝަލް ގްރޫޕުން އޭނާ ބޭރުކޮށްލާފައިވާ ކަމަށެވެ. އަދި އެ ގްރޫޕުން ބޭރުކޮށްލުމަށްފަހު މަގާމުން ވަކި ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް މިހާތަނަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ނާންގާ ކަމަށެވެ.

ނިޒާރު ބުނީ މިކަމާ ގުޅިގެން ވީއޭއެމްގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) އާ ވާހަކަ ދައްކަން އުޅުމުން އެކަމަށް ރަނޭ ޖަވާބު ދީފައިނުވާ ކަމަށެވެ.

މީގެ ކުރިންވެސް އެކި ފަހަރު މަތިން ގައުމީ ޓީމުގައި މަސައްކަތް ކޮށްފައިވާނެކަން ފާހަގަކޮށް ނިޒާރު ބުނީ މީގެ ކުރިން ގައުމީ ޓީމުތަކުގައި މަސައްކަތް ކުރަނީ އެއްބަސްވުންތައް ލިޔެކިޔުމުން ހެދިގެން ކަމަށާއި، އެކަމަކު މިހާރުގެ އެސޯސިއޭޝަނުން އެކަހަަލަ އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ. އަދި މިފެންވަރަށް ވީއޭއެމް ވެއްޓިފައިވަނިކޮށް ދުވަހަކުވެސް ދެކިފައިނުވާ ކަމަށް ނިޒާރު ބުންޏެވެ.

ނިޒާރު ބުނީ ފޯ ނޭޝަންސް ކަޕްގެ ކާމިޔާބީއާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހްލޫފްގެ އިތުރުން ވީއޭއެމްގެ ރައީސް ރަނޭއާއެކު ބޭއްވި ބައްދަލުވުމުގައި، ވޮލީގެ ކަންކަން ވޮލީ ލެޖެންޑް ސައްޔިދު އަލީ އާ ހިއްސާ ކުރުމަށް ރައީސް ޞާލިޙް އެދިލެއްވި ކަމަށާއި، އެހެންކަމުން ވޮލީގެ ހާލަތު މިގޮތަށް ދާއިރު ސައްޔިދު އަލީ ކަންކަން ހާމަކޮށްދޭން އެދޭ ކަމަށެވެ. އަދި މިހާ "އަންޑަ ގްރައުންޑް"ކޮށް އެސޯސިއޭޝަނެއް ހިންގާތަން ނުފެންނަ ކަމަށް ވެސް ނިޒާރު ބުންޏެވެ.

ގައުމީ ކޯޗަކަށް ނިޒާރު ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުރި މުންތާޒް އަލީ (މުންތޭ) މަގާމުން ވަކިކުރުމަށްފަހުގައެވެ.

ގައުމީ ކޯޗުކަމުން ނިޒާރު ވަކިކުރިކަން މިހާތަނަށް ވީއޭއެމްއިން ހާމަކޮށްފައިނުވާއިރު، ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ނިޒާރު ބައިވެރިނުވާކަން ގައުމީ ޓީމުގެ ކުޅުންތެރިންވަނީ މި ނޫހަށް ކަށަވަރުކޮށްދީފައެވެ.

ގައުމީ އަންހެން ޓީމުގެ ކޯޗުކަމުން ނިޒާރު ވަކިކުރިއިރު، ވޮލީ އާއިލާގެ ބައެއް ފަރާތްތަކުން އަންނަނީ ވީއޭއެމްްގެ ދޯދިޔާ ވާހަކަ ދައްކަމުންނެވެ. އެގޮތުން މިހާރުގެ ހިންގާ ކޮމެޓީ އިންތިޚާބުވި ފަހުން އަހަރީ އާންމު ޖަލްސާއެއްހާ ހިސާބު ބާއްވާފައިނުވާ ކަމަށް އެފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް