މިއީ ކިހާ ހެއްވައި ކަމެއް ހެއްޔެވެ؟ ރާއްޖޭގައި ހިންގައި ހަމަ ކޮންމެ ވިޔަފާރީއެއް ވެސް ރަޖިސްޓާ ކޮށް ހިންގަނީ ދިވެއްސެއްގެ ނަންމަތީގައެވެ. އެކަމަކު އޭގެ ބާރު އޮންނަނީ އޭނާ ގެންގުޅޭ މަސައްކަތު ބިދޭސީގެ އަތް މަތީގައެވެ. މިއީ މިއަދުގެ އާންމު ހާލަތެވެ. ބިދޭސީން ރާއްޖޭގެ މަސައްކަތު މާހައުލަށް އިތުރުވެ އެ މީހުން މިއަދު އަންނަނީ ވިޔަފާރިތައް ހިންގުމުގެ ތެރެއަށް ވެސް ވަންނަމުންނެވެ. ގަވައިދާ ޚިލާފަށް ކުރާ މިފަދަ ކަންކަމުގެ ސަބަބުން އޭގެ ގެއްލުން ނުހަނު ބޮޑަށް މިވަނީ ގައުމަށް ކުރިމަތިލާން ޖެހިފައެވެ.
ކޮންޓްރޯލްކުރަނީ ކިހިނެއް؟
ބިދޭސީން ނޫޅޭ އެއް ދާއިރާ ވެސް މިއަދު ދިވެހީންގެ ތެރޭގައެއް ނެތެވެ. ސައިކަލު ފޮހުން ވިޔަސް، މަސްވެރިކަން ވިޔަސް، ކަންމަތީ ފިހާރައިގައި ސޭޓުކަން ކުރަން އިންނަ މީހާއަކީ ވެސް ބިދޭސީއެކެވެ. ދަނޑުވެރިއަކަށް ވެސް ވިޔަފާރިވެރިއަކަށް ވެސް މިއަދު ދިވެހީންގެ ތެރޭގައި އެންމެ އިސްކޮށް ބިދޭސީއެއް ނެތި ދާ ފަހަރު މަދެވެ.
ނަމަވެސް އުފެދޭ އެންމެ ބޮޑު ސުވާލަކީ މި މީހުން މި ކަން ކޮންޓްރޯލްކުރަނީ ކިހިނެއްތޯއެވެ.
މި ކަން ގުޅިފައި އޮތީ ވިޔަފާރީގެ ކަޅު ބާޒާރާއެވެ. އިކޮނޮމިކް މިނިސްޓްރީގެ އުސޫލުތަކާއި ގަވައިދުތައް ހެދިފައި އޮތް ގޮތުން ނަމަ ދިވެހީން ކުރާ ވިޔަފާރިތަކުގައި، އަދި ބައެއް ވަޒީފާތަކުގައި ބިދޭސީން ހަރަކާތްތެރިވެ އުޅުމަކީ މަނާކަމެކެވެ. އެގޮތުން ކާރާއި ސައިކަލު ފޮހުމާއި، ފިހާރައިގައި ސޭޓުކަން ކުރުމަކީ ވެސް ބިދޭސީންނަށް ކުރަން ހުއްދަ އޮތް ކަންކަމެއް ނޫނެވެ.

އަމީނީމަގު ލޯކަލް މާރުކޭޓުގައި ބިދޭސީން ވިޔަފާރި ހިންގަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ނަމަވެސް މިއަދު މިފަދަ ކުދިކުދި ވިޔަފާރިތައް ހިންގުމުގައި އިސްކޮށް ތިބެނީ ބިދޭސީއެކެވެ.
ބިދޭސީއެއްގެ އަތްމައްޗަށް ވިޔަފާރީގެ ހިންގުން ދާ ގޮތަށް ބަލާއިރު، އެ ކަން ފެށެނީ ފައިސާގެ ބޭނުމުގައި ބިދޭސީއަކަށް ހުރިހާ ބާރުތަކެއް ދޭ ދިވެހި މީހާއާ ހަމައިންނެވެ.
ރާއްޖޭގެ ރަށަކުން ދަނޑު ބިމެއް ދޫކުރި ނަމަވެސް އެ ދޫކުރާނީ ދިވެއްސަކަށެވެ. މާރުކޭޓު ގޮޅިއެއް ހިންގަން ކުއްޔަށް ދޫކުރި ނަމަވެސް އެ ވެސް ދޫކުރާނީ ދިވެއްސަކަށެވެ. ނަމަވެސް ދެން ފެންނަނީ ބިދޭސީއެއް އިސްވެ ހިންގާ މަންޒަރެވެ.
ބޮޑުވެފައިވާ މި މައްސަލައާ ގުޅިގެން ބައެއް އާންމުން ބުނި ގޮތުގައި މިހެން މި ކަން ދިމާވާން މެދުވެރިވާ އެއް ސަބަބަކީ ބިދޭސީއަކަށް މުޅި ވިޔަފާރި ބަލަހައްޓަން ދިނުމުން ދިވެހި މީހާއަށް ކުރަންޖެހޭ ޚަރަދު ކުޑަވުމެވެ.
އެގޮތުން ބިދޭސީ މީހާގެ ފަރާތުންކުރާ ޝަރުތަކީ ވަކިވަރަކަށް ކޮންމެ މަހަކު އަސްލު އޯނަރަށް ފައިސާ ލިބުމެވެ. އަދި ވިޔަފާރިއަށް އެއްވެސް ބުރުލެއް އައުމެއް ނެތި ކުރިއަށް ގެންދިއުމަށެވެ.
"ދެން މި ކަން މި ބޭރު މީހުން އެބަ ކޮށްދޭ މާ ހެޔޮ އަގުގައި. ގޮޅި މި ނަގަނީ ދިވެހި ވިޔަފާރިވެރިއެއް. އެކަމު މި ތަނަށް ބޭނުންވާ މުދަލާއި ދެން އެހެން ހުންނަ ހުރިހާ އެއްޗެއް ގެނައުމުގެ ބާރު ދޫކޮށްލައިފައި މި އޮންނަނީ ބޭރު މީހާގެ އަތްމައްޗަށް. އެހެންވީމަ މި މީހުންދޯ ފެންނާނީ. ބައެއް ދިވެހީން ހިންގާ ދެރަވަރު ކަމެއްގެ ގޮތުގައި މަށަށް މި ކަން ފެންނަނީ،" މާލޭ ބާޒާރުގައި ގާތްގަނޑަކަށް 25 އަހަރަށް ވުރެ ދުވަސްވަންދެން ވިޔަފާރިކުރުމުގައި ހޭދަކުރަމުން އަންނަ އިބްރާހީމް ވާފިރު "ސަން"އަށް ކިޔައިދިނެވެ.
މިހައިތަނަށް ވެސް ބިދޭސީންނަށް މިނިމަމް ވޭޖެއް ކަނޑައަޅައިފައި ނެތުމުން ހެޔޮ އަގުގައި މަސައްކަތްކޮށްދޭ މިފަދަ ބިދޭސީން ދިވެހި ވިޔަފާރިތަކުގެ މައްޗަށް އަންނަނީ އަތްގަދަ ކުރަމުންނެވެ.

ތޮއްޑޫގެ ދަނޑުވެރިން މަސައްކަތުގުގައި--- ފޮޓޯ: ތޮއްޑޫ ދަނޑުވެރިން/ ޓުވިޓާ
ރަށްރަށުގެ ދަނޑު ބިންތަކުގައި ދަނޑުވެރިކަން ކުރުމުގައި ވެސް މިއަދު ތިބީ ހަމަ ބިދޭސީންނެވެ. އެ ކަން ވެސް ކުރަނީ ހަމަ ވިޔަފާރި އުސޫލުންނެވެ.
"އަޅުގަނޑަށް މީގައި އަބަދުވެސް ފެންނަނީ ކައުންސިލުން ދަނޑު މި ދޫކުރަނީ ވަރަށް ހެޔޮ އަގެއްގައި ދިވެހީންނަށް. އެއީ ވެސް އޭގެ ކުލި ފަސޭހައިން އަދައިކޮށްލެވޭނެ މަގު ތަނަވަސްކޮށްލައިދޭން. އެކަމު ދެން މި ހަދާ އެއްޗަކީ ދަނޑުހައްދަން ވެސް ވަޒީފާ ދީފައި މި ބައިތިއްބަނީ ބިދޭސީއެއް. ދެން މީނަ އެ ތަނުގައި ހައްދައި އެއްޗެއް މާލޭ ބާޒާރަށް ނެރެ ވިއްކައިލައިފައި ފައިސާއިން ބައެއް ދީފާނެ ދަނޑުގެ ވެރި ފަރާތަށް،" ދަނޑުވެރިކަމުގައި ގިނަ ދުވަސްތަކެއް މަސައްކަތްކުރަމުން އަންނަ އަލީ މުނީރު މި ނޫހަށް ކިޔައިދިނެވެ.
ހާލަތު އޮތީ ބޮއްސުންލައިފައި، ބޮޑު ކަންބޮޑުވުމެއް
ދިވެހި ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ގިނައެވެ. ބިދޭސީ ވިޔަފާރިވެރިންގެ މައްސަލަ އެންމެ ބޮޑަށް ފާހަގަވާނީ މާލޭ ލޯކަލް މާރުކޭޓު ތެރެއިންނެވެ. އެ ތަނުގައި ގިނަވާނީ ދިވެހީންނަށްވުރެ ބިދޭސީންނެވެ. ދޭތެރެ ދޭތެރެއިން އެ ތަން އިންސްޕެކްޓުކުރަން މާލޭ ސިޓީ ކައުންސިލުން ދާ ފަހަރެއްގައި ބިދޭސީ މީހާ ފޮރުވައިދިނުމަށް ދިވެއްސެއް އެ ތަނުގައި ހުރެދާނެއެވެ.

29 އޭޕްރީލް 2022، މާލެ، ރޯދަޔަށް ތިން ދުވަސް: މާރުކޭޓު ގޮޅިތައް މޭވާއާއި ތަރުކާރީން ފުރި މާރުކޭޓުގައި މީހުން ތޮއްޖެހިފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ނަމަވެސް މިއީ ވެސް އެ ތަނުގައި ވިޔަފާރިކުރާ ދިވެހިންގެ ބޮޑު ޝަކުވާއެކެވެ. ލޯކަލް މާރުކޭޓު ގޮޅިއެއްގައި މީގެ 35 އަހަރު ކުރިން މަސައްކަތް ފެށި ދިވެއްސަކު "ސަން"އަށް ކިޔައިދިން ގޮތުގައި ގިނަ މީހުން ދިވެއްސަކު ބަހައްޓައިފައި ހުންނަނީ ނަމަކަށެވެ.
"މިހާރު ދިވެއްސަކު ބައިންދަން ޖެހެޔޭ ބުނީމާ، އަޅުގަނޑު ކުރިމަތީ މި އޮތް 40 ނަމްބަރު ގޮޅީގައި އެ އޮތީ ފޮޓޯގަނޑެއް. އެ މީހުން ޖީބުގައި ވަތްގަނޑު ވެސް ހުންނާނީ. މިހާރު ތިބޭފުޅުން ބެއްލެވިޔަސް ހެޔޮ. އެހެންވީމާ މި އޮޅުވައިލައިގެން ކޮރަޕްޝަން ވައްދައިގެން މި ކަމުން ސަލާމަތެއް ނުވާނެ،" އޭނާ ކިޔައިދިނެވެ.
މި ކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ކައުންސިލަރު އާދަމް ރަމީޒް ވިދާޅުވީ ކައުންސިލުން، ކައުންސިލްގެ ފެންވަރުގައި އެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރާކަމަށެވެ.
އެގޮތުން އެ ފަދަ ގޮޅިތައް ދޫކޮށްފައިވާ ވެރިން މިހާރު ވެސް ޖޫރިމަނާކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާތަނަށް ގާތްގަނޑަކަށް 30 ގޮޅިއެއް ޖޫރިމަނާކޮށްފިން މި ތަންތަނުގައި ބިދޭސީން ތިބެގެން. އަދި ކުރިއަށް އޮތް ތަނުގައި ވެސް ޖޫރިމަނާކުރުމުގެ މަސައްކަތް ކުރިއަށް ދާނެ،" ރަމީޒް ވިދާޅުވިއެވެ.
ނަމަވެސް ހައްލު ވެދާނެ ކަމާމެދު މާ ބޮޑު ޔަގީންކަމެއް ނެތްކަން ރަމީޒްގެ ވާހަކައިން އެނގެއެވެ.
"އަޅުގަނޑުމެންނަށް ދެން އަބަދު ވެސް ފެންނަ މަންޒަރު ދެއްތޯ މިއީ، މަސްތުވާތަކެތި އެތެރެކުރުމަކީ ވެސް މަނާކަމެއް. އެ ކަމެއް ނުހުއްޓުވޭ، ހަމަ އެ އެތެރެކުރޭ. ހަމަ އެގޮތަށް ބިދޭސީން ވިޔަފާރިކުރަން ތިބުމަކީ ވެސް މަނާކަމެއް. އެކަމު އެ ކަން ހުއްޓުވޭނީ ކިހިނެއްތޯ،" އޭނާ ވިދާޅުވިއެވެ.

29 އޭޕްރީލް 2022، މާލެ، ރޯދަޔަށް ތިން ދުވަސް: މާލޭގެ ބަނދަރުމަތި އާދަޔާހިލާފަށް ބާރުބޮޑު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ހައްލެއް އެބައޮތްތަ؟
ދިވެހި ވިޔަފާރީގެ ތެރެއަށް ގަދަކުރަމުން އަންނަ ބިދޭސީންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ މިނިސްޓްރީއެއް އަދި ނެތެވެ. އިކޮނޮމިކް މިނިސްޓްރީ އޮތީ ގަވައިދެއް އެކުލަވައިލުމަށްފަހު ގަދަ ނިދީގެ ތެރޭގައެވެ. ގަވައިދު ތަންފީޒުކޮށް ރެގިއުލޭޓުކުރަން ކުރެވޭ މަސައްކަތެއް ނެތެވެ. ހެޔޮ ބަދަލެއްގެ ނަތީޖާއެއް ނުފެނެއެވެ. އެ ކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތެވެ.
އެހެންނަމަވެސް ދިވެއްސެއްގެ ހިޔަނީގައި ބިދޭސީން ވެރިންގެ ގޮތުގައި ހިންގާ މި ވިޔަފާރީތަކުގެ ބިރު ހަގީގީ ދިވެހި ވިޔަފާރިވެރިންނަށް ނުހަނު ބޮޑެވެ.