މާލޭ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު ގޮޅިތަކުގައި ވިޔަފާރިކުރަން ސޭޓުންގެ ގޮތުގައި ބިދޭސީން ތިބި 30 ގޮޅިއެއްގެ ވެރިން މިހާތަނަށް ޖޫރިމަނާކޮށްފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭގެ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގައި ބިދޭސީން ތިބޭ ތިބުން ބޮޑު މައްސަލައަކަށް ވަނީ ވެފައެވެ. އެ ކަމުގެ ޝަކުވާ ގޮޅިތަކުގައި ތިބޭ އެހެން ދިވެހި ވިޔަފާރިވެރިން އަބަދު ވެސް ކުރެެއެވެ.
ބިދޭސީން ގޮޅިތަކުގައި ތިބޭ މައްސަލައާ ގުޅިގެން "ސަން"އިން ސުވާލުކުރުމުން މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް ވިދާޅުވީ ރޯދަ މަސް ފެށުނީއްސުރެ ކައުންސިލުން ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް ގޮސް އެ ތަނުގައި ވިޔަފާރިކުރާ މީހުންގެ ހުއްދަ އޮތްތޯ ޔަގީންކުރަމުން އަންނަކަމަށެވެ.
އެ މަސައްކަތުގެ ތެރެއިން ބިދޭސީން އެ ތަނުގައި ތިބޭނަމަ އެ ކަމެއް ބަލައި، ފިޔަވަޅު އަޅަމުން އަންނަކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާތަނަށް ގާތްގަނޑަކަށް 30 ގޮޅިއެއް ޖޫރިމަނާކޮށްފިން މި ތަންތަނުގައި ބިދޭސީން ތިބެގެން. އަދި ކުރިއަށް އޮތް ތަނުގައި ވެސް ޖޫރިމަނާކުރުމުގެ މަސައްކަތް ކުރިއަށް ދާނެ،" ރަމީޒް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ދެން އަބަދު ވެސް ފެންނަ މަންޒަރު ދެއްތޯ މިއީ، މަސްތުވާތަކެތި އެތެރެކުރުމަކީ ވެސް މަނާކަމެއް. އެ ކަމެއް ނުހުއްޓުވޭ، ހަމަ އެ އެތެރެކުރޭ. ހަމަ އެގޮތަށް ބިދޭސީން ވިޔަފާރިކުރަން ތިބުމަކީ ވެސް މަނާކަމެއް. އެކަމު އެ ކަން ހުއްޓުވޭނީ ކިހިނެއްތޯ،"
އޭނާ ވިދާޅުވީ ސިޓީ ކައުންސިލުން ގޮޅި ކުއްޔަށް ދޫކުރަނީ ދިވެހީންނަށް ކަމަށެވެ. ނަަމަވެސް ގޮޅި ލިބުމާ އެކު އެ ތަންތަނަށް ބޭރު މީހުން ގެނެސް އޭގެ ނާޖާއިޒް މަންފާ ގިނަ ބަޔަކު ނަގައިކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
އެ ކަން ހައްލުކުރުމަށްޓަކައި އުސޫލުތައް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.