ޗެރިޓީ މެޗަށް ނުކުންނައިރު ޕްރެޝަރު އޮތީ މާޒިޔާއަށް، އީގަލްސްއަކަށް ނޫން: ސާންތީ

ޗެރިޓީ މެޗްގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީގަލްސް ކޯޗް ސާންތީ އާއި މާޒިޔާގެ ކޯޗް އީވާން ސަލާންކުރަނީ--- ސަން ފޮޓޯ/ ބަނީ

މި އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން މާދަމާރޭ ކުޅުމަށް ހަމަޖެހިފައިވާ ޗެރިޓީ ޝީލްޑް މެޗުގައި ވަރުގަދަ މާޒިޔާއާ ދެކޮޅަށް ނުކުންނައިރު، އީގަލްސްއަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި، ނުކުންނާނީ މެޗުން މޮޅުވާން ކަމަށް އީގަލްސްގެ ކޯޗް އިހްސާން އަބްދުލްގަނީ (ސާންތީ) ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސާންތީ ބުނީ، ޗެރިޓީ މެޗަށް ނުކުންނައިރު ހުރިހާ ވެސް ޕްރެޝަރެއް އޮތީ މާޒިޔާއަށް ކަމަށާއި، މިމެޗަށް ނުކުންނައިރު އީގަލްސްގެ ޓީމް ރޫހު ވަރުގަދަކަމަށެވެ.

މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުތަކަށް ބަލާއިރު، އީގަލްސްގެ ތާރީޚު ރަނގަޅުކަން ފާހަގަކުރަމުން ސާންތީ ބުނީ، ޗެރިޓީ މެޗަށް ނުކުންނައިރު އެންމެ ބޮޑު ކަންބޮޑުވުމަކީ ކުޅެލާނެ ރަނގަޅު މެޗުތަކެއް ނުލިބުން ކަމަށާއި، އީގަލްސްއަށް މެޗެއް ކުޅެލަން ލިބުނީ 19 އަހަރުން ދަށުގެ ގައުމީ ޓީމާއެކު ކަމަށެވެ.

"އަޅުގަނޑުމެންގެ ޓީމް މިނެ ކިރާލާކަށް ޕްރެޝަރުގައި މެޗެއް ކުޅެލުމަށް ފުރުސަތެއް ނުލިބޭ. އީގަލްސްއަށް މިފަހަރުގެ ޕްރިސީޒަން ހަދަންވެސް މި ލިބުނީ ހަތަރުވަރަކަށް މެޗު. އެވެސް ގައުމީ 19 އަހަރުން ދަށުގެ ޓީމާއެކު. މެޗެއް ކުޅެލާނެ ކްލަބެއްވެސް ނުލިބުނު،" ސާންތީ ބުންޏެވެ.

މިފަހަރުގެ ފުޓްބޯޅަ ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމަކީ މާޒިޔާއެވެ. ކުރިއަށްއޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ވަނީ ސައުދީ އަރަބިއްޔާގައި ކޭމްޕްކޮށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައެވެ.

ސާންތީ ބުނީ، މާޒިޔާއިން މިފަހަރުގެ ސީޒަނަށް ތައްޔާރުވުމަށް ކުރި ޚަރަދާއި، ތައްޔާރުވުމަށް ކުޅުނު މެޗުތަކާއި، ތާރީޚުގައި އެޓީމް ހޯދާފައިވާ ކާމިޔާބީތަކާއެކު، ޗެރިޓީ މެޗުގައި އެޓީމަށް މާބޮޑަށްވެސް ޕްރެޝަރު އެބައޮތްކަމަށެވެ.

ޗެރިޓީ މެޗަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާޒިޔާގެ ކޯޗް، ބަލްގޭރިއާގެ އިވާން ވެންކޯވް ބުނީ، އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާގެ ޓީމުން ފަރިތަކުރުންތައް ފެށިއިރު، ކުޅުންތެރިންގެ ފިޓްނަސް ހުރިގޮތުން އޭނާއަށް ފުރަތަމަވެސް ލިބުނީ ޝޮކެއްކަމަށެވެ.

މާޒިޔާގެ ކޯޗް ބަލްގޭރިއާގެ އިވާން ވެންކޯވް ނޫސްވެރިންގެ ބައްދަލުވުމުގައި--- ފޮޓޯ/ ޝިފާން

ނަމަވެސް ކުރިއަށްގެންދިޔަ ފަރިތަކުރުންތަކާއި، ސައުދީގައި ބޭއްވި ކޭމްޕަށްފަހު ކުޅުންތެރިންގެ ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުވި ކަމަށް އިވާން ފާހަގަކުރިއެވެ.

"މީގައި އެބަހުރި ކަންބޮޑުވުންތަކެއް ވެސް. ރާއްޖޭގައި ވާދަވެރި ޕްރެކްޓިސް މެޗެއް ކުޅެލަން ނުލިބުމަކީ އޮތް ކަންބޮޑުވުމެއް. ކަން އެހެން އޮތް ނަމަވެސް ސައުދީގައި ޕްރެކްޓިސް ދިޔައީ ވަރަށް ރަނގަޅަށް. އޭގެން ޓީމް ކުޅުންތެރިންވެސް ދަސްވެގެންދިޔަ،" މާޒިޔާގެ ކޯޗް އީވާން ބުންޏެވެ.

ކޯޗް ބުނީ، އެންމެފަހުން ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗްގެ ސަބަބުން ވެސް އޭނާގެ ޓީމަށް ފައިދާތަކެއް ކޮށްފައިވާކަމަށެވެ. ރާއްޖޭގެ ގައުމީ ޓީމް އެންމެފަހުން ޕާކިސްތާނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި އެއް ކްލަބަކުން ގައުމީ ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިންނަކީ މާޒިޔާގެ ކުޅުންތެރިންނެވެ.

އީގަލްސްއާ ބެހޭގޮތުން އީވާން ބުނީ، އީގަލްސް އަކީ މޮޅު ޓީމެއްކަމަށާއި، އެޓީމާ ދެކޮޅަށް ކުޅޭއިރު، މާޒިޔާއިން ވަރަށް ބޮޑަށް ވިސްނަން ޖެހޭނޭ ކަމަށެވެ. އެހެންކަމުން މި މެޗް ފަސޭހަކޮށް ނެގެން ނެތްކަން މާޒިޔާގެ ކޯޗް އީވާން ފާހަގަކުރިއެވެ.

މިފަހަރުގެ ފުޓްބޯޅަ ސީޒަން މި ފެށެނީ ގާތްގަނޑަކަށް ހަތް މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުމަށް ހަމަޖެހިފައިވާ ޗެރިޓީ ޝީލްޑް މެޗް އޮންނާނީ މާދަމާ ރޭގެ 10:00ގައި ގަލޮޅު ދަނޑުގައެވެ.

comment ކޮމެންޓް