ޕާކިސްތާނުގެ ކާ އެއްޗެހި ބަހާ މަރުކަޒެއްގައި ފިތިގެން 13 މީހަކު މަރުވެއްޖެ

ކަރާޗީގައި ކާބޯތަކެތި ބެހުމުގެ ތެރޭގައި ފިތި ބާރުވެ، ހިނގި ހާދިސާގެ ތެރެއިން -- ފޮޓޯ/ ރޮއިޓާސް

ޕާކިސްތާނުގެ ސިޓީއެއް ކަމަށްވާ ކަރާޗީގައި މި ރަމަޟާން މަހު ރޯދަވީއްލުމަށް ކާބޯތަކެތި ހަދިޔާ ކުރަމުން ދިޔަ ތަނެއްގައި ގިނަ އަދަދެއްގެ ބަޔަކު ފިތި ބާރުވުމުގެ ސަބަބުން 13 މީހަކު މަރުވެއްޖެއެވެ.

ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި އިތުރު 10 މީހަކު ވަނީ ޒަޚަމްވެފައެވެ.

އެހީގެ ޕެކޭޖު ހޯދުމަށް އެ ތަނަށް އެއްވި މީހުންގެ ޢަދަދު 400 އަށްވުރެ އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

އޭގެ ތެރެއިން މަރުވެފައިވަނީ ހުސް އަންހެނުންނާ ކުޑަކުދިން ކަމަށް ބޭރުގެ ރިޕޯޓްތަކުގައި ބުނެފައިވެއެވެ. އަދި ޒަޚަމްވި 10 މީހުންގެ ތެރޭގައި ފަސް އަހަރުގެ އަންހެން ކުއްޖަކާއި ދެ ފިރިހެން ކުދިން ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ކަރާޗީގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެފްކޭ ޑައިއިން އިން އިސްނަގައިގެން ރޯދަ ވީއްލުމަށް އެހީގެ ޕެކޭޖު ބެހުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިންނެވެ.

މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ އެ ކުންފުނީގެ ބައެއް މުވައްޒަފުން ހައްޔަރުކޮށްފައެވެ.

ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެހީދޭ މަރުކަޒުތައް ރަނގަޅަށް ބެލެހެއްޓިފައި ނުވާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި އެފަދަ ތަންތަނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ޕާކިސްތާނުގައި މި ހާދިސާ ހިނގާފައި މިވަނީ އެ ގައުމުގައި ސިޔާސީ ނުތަނަވަސްކަމާއި އިގްތިސާދީ އަދި ހަކަތައިގެ ދަތިކަން ކުރިމަތިވެފައިވާ މި ދަތި ދަނޑިވަޅުގައެވެ.

ޕާކިސްތާނަށް މިވަގުތު ކުރިމަތިވެފައި އޮތް އިޤްތިސާދީ ކާރިސާއާ ގުޅިގެން އިންފްލޭޝަން އުފުލި ދިރިއުޅުމުގެ އަސާސީ ބޭނުންތަކަށް ކުރާ ހަރަދު ވަނީ ބޮޑުވެފައެވެ. އަދި މިދިޔަ ޖެނުއަރީ މަހު މުޅި ޕާކިސްތާނުން ކަރަންޓް ކެނޑުމުގެ ސަބަބުން ގާތްގަނޑަކަށް 220 މިލިއަން މީހުންނަށް ވަނީ ކަރަންޓް ނުލިބިފައެވެ.

ޕާކިސްތާނުގައި ކާބޯތަކެތި ބެހުމުގެ މަރުކަޒުތަކުގައި މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގި ނަމަވެސް މިއީ މި ފަހުން ހިނގި އެންމެ ފަހުގެ ހާދިސާއެވެ.

ވޭތުވެދިޔަ ހަފްތާގެ ތެރޭގައިއެ ގައުމުގެ ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސްގައި ސަރުކާރުން ހިންގާ ފުށް ބެހުމުގެ ސައިޓެއްގައި ދެ މީހަކު މަރުވެ 16 މީހަކު ޒަޚަމްވެފައިވެއެވެ.

comment ކޮމެންޓް