ފަލަސްތީނުގެ މަސްޖިދުލް އަޤްސާ ކުރިމަތީގައި، އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ޑޮކްޓަރަކު މަރާލައިފިއެވެ.
އިޒްރޭލު ސިފައިން މަރާލާފައިވަނީ އެ ގައުމުގެ ދެކުނުގައި އޮންނަ ބަދުޢީން އަރަބި އަވަށެއް ކަމަށްވާ ހޫރާއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ މުހައްމަދު ޚާލިދު އަލް އުސައިބީއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ މަރާލީ، ހޮނިހިރު ދުވަހުގެ ވަގުތެއްގައި އަލް-އަޤްސާ މިސްކިތުގެ ކުރިމަތީ ބަޑިޖަހައިގެންނެވެ.
އެ ތަނުގައި އެ ވަގުތު ތިބި ޕަލަސްތީނުގެ ބައެއް މީހުން ބުނި ގޮތުގައި އިޒްރޭލުގެ ސިފައިން އޭނާ މަރާލާފައިވަނީ މަދުވެގެން 10 ފަހަރު ބަޑި ޖަހައިގެންނެވެ. އެ މީހުން ބުނި ގޮތުގައި އޭނާގެ ގަޔަށް ބަޑި ޖެހީ އިޒްރޭލުގެ ސިފައިން ހަމަލާދެމުން ދިޔަ އަންހެނަކު ސަލާމަތް ކުރުމަށް އޭނާ މަސައްކަތް ކުރަނިކޮށެވެ.
މިކަމާ ގުޅިގެން ފަލަސްތީނުގައި އިތުރު ހަމަނުޖެހުންތަކެއް ހިނގައިދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.

ފަލަސްތީނުގެ މަސްޖިދުލް-އަޤްސާގައި އިޒްރޭލުގެ ސިފައިން ބަޑިޖަހަނީ -- ފޮޓޯ/ އޭޕީ
އިޒްރޭލުގެ ސިފައިން ބުނެފައި ވަނީ މަރުވި ފަލަސްތީނުގެ ޑޮކްޓަރަކީ ރޮމޭނިއާގައި ހުންނަ މެޑިކަލް ސްކޫލަކުން ދަސްވެނިވެފައިވާ މީހެކެވެ. އަދި އޭނާ މަރުވީ، އިޒްރޭލުގެ ސިފައިންގެ މީހެއްގެ ބަޑި ނަގަން އުޅުމުގެ ތެރެއިން ކަމަށް ވެސް އެ މީހުން ބުންޏެވެ.
އިސްރާއީލުގެ ސިފައިން އެފަދަ ތުހުމަތެއް އޭނާގެ މައްޗަށް ކުރި ނަމަވެސް އޭނާގެ އާއިލާއިން ވަނީ އެތުހުމަތުތައް މުޅިން ދޮގު ކޮށްފައެވެ.
މީގެ ކުރީ އަހަރުތަކުގައި ވެސް ރަމަޟާން މަހު އިޒްރޭލުގެ ފުލުހުން ވަނީ އަލް އަޤްސާ މިސްކިތް ވަށައިގެން ޖަމާވެފައި ތިބި ފަލަސްތީނުގެ މީހުންނަށް ހަމަލާދީފައެވެ. ބޭރުގެ ރިޕޯޓްތަކުން ބުނާ ގޮތުގައި މި އަހަރުގެ މިހާތަނަށް އިޒްރޭލުގެ ސިފައިން ޝަހީދު ކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 90 އަށް އަރައެވެ.