ގުދަނުގައި ހުރީ ވެރިފަރާތް ނޭނގޭ ތަކެތި، އެއީ ކައުންސިލްގެ ބިމެއް: ސިޓީ ކައުންސިލް

ސިޓީ ކައުންސިލުގެ ލޮރީއެއްގައި ޔޫތު މިނިސްޓްރީގެ މުދާތަކެއް ބުނާ ބައެއް ތަކެތި ގެންދަނީ -- ފޮޓޯ/ ޓްވީޓާ

ކުރީގެ ރުމާލު2 ޖަގަހަ އާއި ޕޮލިސް ޓޯޔާޑާ ދެމެދުގައިވާ ގުދަނަކީ މާލޭ ސިޓީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބިމެއްގައި ހަދާފައިވާ ގުދަނެއް ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން ރޭ އެ ގުދަނުގައި ހުރި މުދާތައް ގެންދިޔުމުން ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް ވިދާޅުވެފައި ވަނީ އެ މިނިސްޓްރީގެ މުދާތަކެއް ކަމަށެވެ. އަދި އެތަކެތި ގެންދިޔައީ އެ މިނިސްޓްރީގެ ހުއްދަނެތި ކަމަށް ވިދާޅުވެ މަހުލޫފް ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

މިކަމާ ގުޅިގެން މިއަދު ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ އެ ގުދަން ހުރި ބިމަކީ ސިޓީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބިމެއްގައި ހަދާފައިވާ ގުދަނަކަށް ވިޔަސް އެ ގުދަން ހަދާފައި ވަނީ އެ ކައުންސިލުން ހުއްދަދީގެން ނޫން ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން އެ ބިމުގައި ގުދަނެއް ހެދުމަށް ނުވަތަ އެ ބިމުގެ ބައެއް ކުއްޔަށް ދިނުމަށް އެއްވެސް ފަރާތަކާ އެއްބަސްވުމެއް ހަދާފައި އޮތްކަން މާލޭ ސިޓީ ކައުންސިލްގައި ހުރި ލިޔުންތަކުން އެނގެން ނެތްކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެ ގުދަނަކީ ޤަވާއިދާ ޚިލާފަށް އެ ކައުންސލުގެ ހުއްދަ ނެތި ބޭނުންކުރަމުންދާ ތަނަކަށްވާތީ، އެ ގުދަނުގައި ބަހައްޓާފައި ހުރި ތަކެތީގެ ވެރިފަރާތެއް ހޯދުމަށް މިދިޔަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ގެޒެޓުގައި އާންމުކޮށް އިއުލާނު ކުރި ކަމަށެވެ. އަދި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ގުދަނުގައި ތަކެތި ބަހައްޓާފައިވާ ފަރާތަކުން އެކަން މާލޭ ސިޓީ ކައުންސިލަށް ނާންގާނަމަ ނުވަތަ އެ ގުދަން ކުއްޔަށް ހިފައިގެން ބޭނުންކުރާ ކަމުގެ ލިޔުންތައް ހުށަހަނާޅާނަމަ އެ ގުދަން ރޫޅާލައި އެ ގުދަނުގައި ހުރި ތަކެތި މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދާނެކަން އާންމުކޮށް އަންގައި އިއުލާނު ކުރެވިފައިވާ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

"ނަމަވެސް 2023 ވަނަ އަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށްވެސް މާލޭ ސިޓީ ކައުންސިލަށް އެއްވެސް ފަރާތަކުން އެ ގުދަން ބޭނުންކުރާ ކަމުގެ ލިޔުމެއް ހުށަހަޅާފައި ނުވާތީ، އެގުދަނަކީ ވެރިފަރާތެއް ނެތްތަނެއްގެ ގޮތުގައި ބަލައި އެ ގުދަން ހުސްކުރުމަށް ބެލިއިރު އެ ގުދަނުގައި މުދާތަކެއް ހުރިކަން އެނގުމާއެކު އެ ގުދަނުގައި ހުރި ތަކެތި ރައްކާތެރިކަމާއެކު މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ، އެގުދަން ހުރި ތަނަކީ މިހާރު ކައުންސިލަށް އެއްވެސް މަންފާއެއް ނުލިބޭ ތަނަކަށް ވާތީ އެ ބިމުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުމުގެ ބޭނުމުގައެވެ،" ސިޓީ ކައުންސިލްގެ ބަޔާނުގައިވެއެވެ.

މާލޭ ސިޓީ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި ހަދާފައިވާ އެންމެހައި ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކަމަށާއި، އެގޮތުން މި ގުދަންވެސް ހުސްކުރުމުގެ މަސައްކަތް ކުރަމުންދަނީ ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ހުރިހާ ފަރާތެއްގެ މައުލޫމާތަށްޓަކައި ދަންނަވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.

comment ކޮމެންޓް