އަހައިލުމެއްނެތި ޔޫތު މިނިސްޓްރީ މުދާތަކެއް ސިޓީ ކައުންސިލުން ގެންދިއުމުން ކަންބޮޑުވެއްޖެ

ސިޓީ ކައުންސިލުގެ ލޮރީއެއްގައި ޔޫތު މިނިސްޓްރީގެ މުދާތަކެއް ބުނާ ބައެއް ތަކެތި ގެންދަނީ -- ފޮޓޯ/ ޓްވީޓާ

އަހައިލުމެއް ނެތި ޔޫތު މިނިސްޓްރީގެ ގުދަނެއް ތެރެއަށް މާލޭ ސިޓީ ކައުންސިލުން ވަދެ އެ ތަނުގައި ހުރި މުދާތަކެއް ގެންދިޔަ ކަމަށް ވިދާޅުވެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މަހްލޫފު ރޭ ކުރެއްވި ޓްވީޓެއްގައިވަނީ ސިޓީ ކައުންސިލުގެ މުވައްޒަފުން ވަދެފައިވަނީ ޔޫތު މިނިސްޓްރީގެ ބިމެއްގެ ތެރެއަށް ކަމަށެވެ.

އެ ތަަނަށް ވަދެ އެ ތަނުގައި ހުރި ގުދަނެއްގެ ތަޅު ހަލާކުކޮށްލުމަށްފަހު އެ ތަނުގައި ހުރި ތަކެތި ހުސްކުރަމުން އަންނަކަމަށް ވެސް މަހްލޫފު ވިދާޅުވިއެވެ.

އޭނާވަނީ ސިޓީ ކައުންސިލަށް އެކަން ހުއްޓައިލުމަށް ގޮވައިލައްވައިފައެވެ. އަދި އެ ކަމުގެ ތެރެއިން ގެއްލުން ލިބޭ ތަކެއްޗަށް ކައުންސިލުން ޒިންމާވާން ޖެހޭނެކަމަށް ވެސް ވިދާޅުވެފައެވެ.

ސިޓީ ކައުންސިލުން ޔޫތު މިނިސްޓްރީގެ މުދާތަކެއް ބުނާ ބައެއް ތަކެތި ގެންދަނީ -- ފޮޓޯ/ ޓްވީޓާ

މި ކަމާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ ވިދާޅުވީ ސިޓީ ކައުންސިލުން އެއްވެސް ކަމެއް ގަވައިދާ ޚިލާފަށް ނުކުރާނެކަމަށެވެ.

"އަދި އެ ކަން ހިނގައިދިޔަ ގޮތެއް ބަލައި ތަފްސީލް ހާމަކުރާނެ ވާހަކަ މީޑިއާތަކުގެ ސަމާލުކަމަށް ޓަކައި ދަންނަވަން،" ޝިއުނާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލާއި ސަރުކާރުގެ ބައެއް އިދާރާތަކާ މީގެ ކުރިން ވެސް މިފަދަ ބައެއް މައްސަލަތައް އަންނަނީ ޖެހެމުންނެވެ.

އެގޮތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، ސްޓެލްކޯ، އެމްޓީސީސީ އަދި ވެމްކޯ ފަދަ ކުންފުނިތަކާ ވެސް އެކި މައްސަލަތަކާއި ޚިޔާލު ތަފާތުވުންތައް އުފެެދިފައިވެއެވެ.

comment ކޮމެންޓް