50 އަހަރު ފަހުން ވެސް މިތިބީ މޯބައިލް ޓެކްނޮލޮޖީގެ ވަރަށް ފަހަތުގައި: މާޓިން ކޫޕާ

މޯބައިލް ފޯނުގެ ބައްޕަކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އެމެރިކާގެ އިންޖިނިއަރު މާޓިން ކޫޕާ -- ފޮޓޯ/ އޭއެފްޕީ

އަދިވެސް މިތިބީ މޯބައިލް ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކުރެވޭނެ ކަންތައްތައް ވިސްނުމުގެ ފެށުމުގައި ކަމަށް، މީގެ 50 އަހަރުކުރިން މޯބައިލް ފޯނަކުން ފުރަތަމަ ފޯނުކޯލެއް ކުރުމުގެ ޝަރަފު ހޯދި އަދި މޯބައިލް ފޯނުގެ ބައްޕަކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އެމެރިކާގެ އިންޖިނިއަރު މާޓިން ކޫޕާ ބުނެފިއެވެ.

އުމުރުން މިހާރު 94 އަހަރުގެ މާޓިން ކޫޕާ މޮޓޯރޯލާގައި މަސައްކަތް ކުރަމުން، އެންމެ ފުރަތަމަ މޯބައިލް ފޯނު އުފައްދައި ފުރަތަމަ ފޯނު ކޯލް ކުރީ 1973 ވަނަ އަހަރުއެވެ. އެއްވެސް ނަރެއް ނުވަތަ ކޭބަލެއް ބޭނުން ނުކޮށް ކޮންމެ ތަނެއްގައި ވެސް، މޯބައިލް ފޯނު މެދުވެރިކޮށް އެކަކު އަނެކަކާ މުއާމަލާތް ކުރެވޭނެ ދުނިޔެއެއް ތައާރަފު ކުރީ އޭނާއެވެ.

ސެލިއުލާ ފޯނެއް ބޭނުންކޮށްގެން ކޫޕާ ފުރަތަމަ ޕަބްލިކް ކޯލް ކުރިތާ މިހާރު ގާތްގަނޑަކަށް 50 އަހަރު ވެއްޖެއެވެ. އޭގެކުރިންވެސް "މޯބައިލް" ފޯނުތައް ހުރި ނަމަވެސް އެ ފޯނުތައް ބޭނުންކުރީ ދުއްވާ އުޅަނދުތަކުގައި ހަރުކޮށްގެންނެވެ. ކޫޕާގެ ވިސްނުމަކަށްވީ މޯބައިލް ފޯނަކީ ކާރަކާ ނުވަތަ އެހެންވެސް އުޅަނދަކާ ގުޅުމެއްނެތް ހަގީގަތުގައި އެއް ތަނުން އަނެއް ތަނަށް ގެންދެވޭ ޑިވައިސްއަކަށް ހެދުމެވެ. އެގޮތުން 1972 ވަނަ އަހަރުގެ ފަހުކޮޅު އޭނާގެ ބެލުމުގެ ދަށުން އެ މަސައްކަތް ހަވާލުކުރި ޓީމުން، އޭގެ ޖެހިގެން އައި އަހަރު އެކަން ހަގީގަތަކަށް ހެދިއެވެ.

ކޫޕާ ގަބޫލުކުރާ ގޮތުގައި މޮބައިލް ޓެކްނޮލޮޖީގެ އުނިކަންތައްތައް ވެސް އެބަހުއްޓެވެ. އޭއެފްޕީއަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާ ބުނީ 50 އަހަރު ފަހުން ވެސް، ދުނިޔެ މިއޮތީ މޯބައިލް ޓެކްނޮލޮޖީގެ ވަރަށް ފަހަތުގައި ކަމަށާއި، މިއަދު މީހުން ފޯނު ބޭނުންކުރާ ގޮތާއި އެކަމުގެ ސަބަބުން އެމީހުންގެ ގުޅުންތަކާއި ސިއްހަތާއި އުފެއްދުންތެރިކަމަށް އަސަރުކުރާ ގޮތާ މެދު ކަންބޮޑުވާ ކަމަށެވެ.

އޭނާ ބުނި ގޮތުގައި މީހާ އޭނާގެ ފޯން ކޮންޓްރޯލް ކުރުމުގެ ބަދަލުގައި މިހާރު މީހާ ކޮންޓްރޯލް ކުރުމުގެ ބާރު އެ މީހެއްގެ ފޯނަށް އޮވެއެވެ. އެކަން ބަދަލުކުރަން ޖެހޭ ކަމަށް ކޫޕާ ބުންޏެވެ. އެގޮތުން ނޯޓިފިކޭޝަންތައް ނިއްވާލައި، ސްކްރީން ޓައިމް މަދުކޮށް، އުނގެނުމާއި އުފެއްދުމާއި އެހެން މީހުންނާ މުވާސަލާތު ކުރުން ފަދަ މާނަހުރި ކަންކަމަށް ފޯނު ބޭނުންކުރަން އޭނާ ލަފާ ދިނެވެ.

ފޯނަކީ ޕާސަނަލް އެސިސްޓެންޓެއް ގޮތަށް މަސައްކަތްކުރާނެ މުސްތަގުބަލެއް ފެންނާނެ ކަމަށް ކޫޕާ ދެކެއެވެ. އޭނާ ބުނި ގޮތުގައި ފޯނަކީ އަބަދު ސްކްރީނަކަށް ބަލައިގެން ނުވަތަ ކީބޯޑެއްގައި ޓައިޕް ކޮށްގެން މަސައްކަތް ކުރެވޭ ވަސީލަތަކަށް ވުރެ، މީހާގެ ބޭނުންތަކާއި އިހުސާސުތައް ދެނެގަނެ، ޚިދުމަތްތައް ފޯރުކޮށްދޭ އެއްޗަކަށް ވާން ޖެހެއެވެ.

މޮބައިލް ޓެކްނޮލޮޖީއަކީ ވިސްނުންތެރިކަމާއި ޒިންމާދާރުކަމާއެކު ބޭނުންކޮށްފިނަމަ ދިރިއުޅުން ރަނގަޅުކޮށް، މީހުން ބާރުވެރިކުރުވައި، މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން ލިބިފައިވާ ޓެކްނޮލޮޖީއެއް ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ. މޮބައިލް ކޮމިއުނިކޭޝަންގެ މުސްތަގުބަލާމެދު އުއްމީދު ބޮޑު ކަމަށާއި އާ އުފެއްދުންތައް ފެންނާނެ ގޮތަކާ މެދު އަބަދުވެސް ޝައުގުވެރިވާ ކަމަށް އޭނާ ބުންޏެވެ.

ކޫޕާ ބުނީ ވަޔަލެސް ޓެކްނޮލޮޖީއަށް އަދިވެސް ޝައުގުވެރިވާ ކަމަށާއި އާ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ އަކީ މިހާރު އެކި ސިނާއަތްތަކަށް ވަޔަލެސް ސޮލިއުޝަންތައް އުފައްދާ ކުންފުންޏެއް ކަމަށްވާ ޑައިނާ އެލްއެލްސީގެ ކޯ ފައުންޑާ އަދި ޗެއާމަންއެވެ.

މޯބައިލް ކޮމިއުނިކޭޝަންގެ ތާރީޚުގައި އޭނާއަށް ކޮށްދެއްވުނު ޚިދުމަތާ މެދު ފަޚުރުވެރިވާ ކަމަށާއި ނަމަވެސް ފޯނު އުފެއްދުމުގެ ކްރެޑިޓް ނުނަގާ ކަމަށް އޭނާ ބުންޏެވެ. އަދި އޭނާ ހިމެނެނީ، އެކަން ކުރުމަށް ގުޅިގެން މަސައްކަތް ކުރި ހުނަރުވެރި އިންޖިނިއަރުންގެ ޓީމެއްގައި އޭނާ ބުންޏެވެ. އަދި އޭނާގެ ކުރިން ވެސް އަދި ފަހުން ވެސް އައި އެހެން އެތައް އުފެއްދުންތެރިންނާއި އިނޮވޭޓަރުންގެ ހިތްވަރު ލިބުނު ކަމަށް ވެސް ކޫޕާ ބުންޏެވެ.

އޭނާ ދެކޭ ގޮތުގައި އޭނާއަކީ އޭނާގެ ޝައުގުވެރިކަން އޮތް ކަމެއް ކުރިއަށް ގެންގޮސް، ދުނިޔޭގައި ތަފާތެއް ގެނައުމުގެ ފުރުސަތު ލިބުނު ނަސީބުވެރިއެކެވެ. އޭނާ ބުނީ އޭނާގެ ވާހަކައިން މިސާލު ނަގައިގެން އެހެން މީހުން ވެސް އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތްކޮށް، ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިތްވަރު ލިބިގަންނާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު