ޓްރަމްޕްގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިފި

ޓްރަމްޕް

ނިއުޔޯކް (31 މާޗް 2023): ބަރަހަނާ ފިލްމުކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްއާ އެކު ހިންގި ބަދުއަޚުލާގީ ގުޅުންތަކުގެ ހަގީގަތް ފޮރުވުމަށްޓަކައި ސްޓޯމީއަށް ރިޝްވަތުގެ ދިންކަމުގެ ދައުވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް އުފުލައިފިއެވެ.

މި މައްސަލައާ ގުޅިގެން ޓްރަމްޕްގެ މައްޗަށް 30 އަށްވުރެ ގިނަ ތުހުމަތު ކުރެވިފައިވާ ކަމަށް މި މައްސަލަ ބަލާ ނިއުޔޯކްގެ މެންހެޓަންގެ ކޯޓުގެ ގްރާންޑް ޖޫރީން ކޮމިޓީން ބުނެއެވެ. ނަމަވެސް މި ތުހުމަތުތަކުގެ ތަފުސީލު އަދި ހާމައެއް ނުކުރެއެވެ.

ސްޓޯމީއަށް ރިޝްވަތު ދިން މައްސަލައިގައި ޓްރަމްޕްގެ މައްޗަށް ކުރެވިފައިވަ ތުހުމަތުތަކުގެ ތެރޭގައި މާލީ އޮޅުވާލުންތަކާއި، އެނޫން ވެސް މައްސަލަތައް ހިމެނޭ ކަމަށް ވެއެވެ. ސްޓޯމީއަށް ފައިސާ ދިނުން އެއީ އެމެރިކާގެ ގާނޫނުތަކުގައި މައްސަލައަކަށް ނުވި ނަމަވެސް އެ ފައިސާ ދިންކަން ލިޔެކިޔުންތަކުން ފޮހެލާފައި އޮތް އޮތުމަކީ ޖިނާއީ ކުށެއް ކަމަށް އެމެރިކާގެ ޕްރޮސެކިއުޓަރުން ދެކެނީ އެއީ ރިޝްވަތެއް ކަމަށް ބެލެވޭތީއެވެ. ލިޔެކިޔުންތަކުން އެކަން ފުހެލުމަކީ ވަކިބޭނުމެއްގައި ނޫނީ ނުކުރާނެ ކަމަކަށް ވާތީ މި ކަން ސިފަކުރެވެނީ ރިޝްވަތުގެ ގޮތުގައެވެ.

ޓްރަމްޕްގެ މައްޗަށް ކުރެވޭ ދައުވާތައް އިއްވުމަށް އަންނަ އަންގާރަ ދުވަހު އޭނާ މެންހެޓަންގެ ކޯޓަށް ހާޒިރު ކުރާނެއެވެ. މި މައްސަލައާ ގުޅިގެން ޓްރަމްޕް ހައްޔަރު ކުރާނެކަން ނުވަތަ ނޫންކަން ކަނޑައަޅާނީ މެންހެޓަންގެ ކޯޓުގެ ގްރާންޑް ޖޫރީން ކޮމިޓީންނެވެ. މިކަން ވެސް އެނގޭނީ އަންނަ އަންގާރަ ދުވަހުއެވެ.

ޓްރަމްޕް ވިދާޅުވެފައިވާ ގޮތުން އޭނާގެ މައްޗަށް ކުރަނީ އަސާސެއް ނެތް ތުހުމަތުތަކެކެވެ. މިއީ އެމެރިކާގެ ތާރީޚުގައި ވެސް އެ ގައުމުގެ ކުރީގެ ރައީސްއެއްގެ މައްޗަށް ޖިނާއީ މައްސަލައެއްގައި ދައުވާއެއް އުފުލި ފުރަތަމަ ފަހަރެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި މިއީ އަންނަ އަހަރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުރަސްއެޅުމުގެ ގޮތުން އޭނާގެ ދުޝްމަނުން އަޑީގައި ތިބެގެން ހިންގާ ސިޔާސީ ކަންތައްގަނޑެކެވެ.

ޓްރަމްޕް ދިރިއުޅުއްވާ ސްޓޭޓް ކަމަށްވާ ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސެންޓީސް ވިދާޅުވި ގޮތުގައި މި މައްސަލާގައި ޓްރަމްޕް ނިއުޔޯކް ގެ ސަރުކާރާ ހަވާލުކުރުމުގެ އަމުރެއް ކޯޓުން ނެރުނު ނަމަވެސް ފްލޮރިޑާގެ ސަރުކާރުން ޓްރަމްޕް ނިއުޔޯކްގެ ސަރުކާރާ ހަވާލެއް ނުކުރާނެއެވެ. ޓްރަމްޕްގެ މައްޗަށް ހިންގާ ޝަރީއަތް އޮންނާނީ ނިޔުޔޯކްގެ މެންހެޓަންގެ ކޯޓެއްގައެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާގެ ގިނަ ސްޓޭޓްތަކުގެ ޝަރުއީ ނިޒާމަކީ ފާސިދު އަދި އެކި ފަރާތްތަކުގެ ނުފޫޒު ހިނގާ ނިޒާމެކެވެ. އެހެންކަމުން ނިޔުޔޯކުގެ ކޯޓުން އޭނާއަށް އިންސާފު ލިބޭނެކަމުގެ ޔަގީންކަމެއް ނެތެވެ. ނަމަވެސް ޓްރަމްޕްގެ ދިފާއީ ވަކީލުންގެ ޓީމު ބުނާގޮތުން ޓްރަމްޕްގެ މައްޗަށް ކޮށްފައިވަނީ ފޭކު ތުހުމަތުތަކެކެވެ. އެހެންކަމުން ވަރަށް ފަސޭހައިން އެ ތުހުމަތުތަކުން ޓްރަމްޕް ބަރީއަވެގެންދާނެއެވެ.

ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލި މައްސަލާގައި އެމެރިކާގެ ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއާއި ސެނެޓްގެ ރިޕަބްލިކަން މެންބަރުންވަނީ ކަންބޮޑުވާކަން ހާމަކުރައްވާފައެވެ. ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ކެވިން މެކާތީ ވިދާޅުވި ގޮތުގައި މިއީ އެމެރިކާގައި ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީ އަޑީގައި އޮވެގެން ޓްރަމްޕްގެ މައްޗަށް ކުރި "ސިޔާސީ" ދައުވާއެކެވެ.

ސެނެޓްގެ ރިޕަބްލިކަން މެންބަރެއްކަމަށްވާ ޖޯޝް ހަވްލީ ވިދާޅުވި ގޮތުގައި މިއީ ޖޯބައިޑެން އާއި އޭނާގެ ސިޔާސީ ޓީމު އަޑީގައި ތިބެގެން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުން ޓްރަމްޕް އެއްފަރާތް ކުރުމަށްޓަކައި ހިންގާ ކަންތައްގަނޑެކެވެ.

comment ކޮމެންޓް