ޝާހު ވެސް ޖޭޕީ ދޫކޮށް، ރައީސް ޞާލިޙުގެ ފަޅިއަށް

އެމްޑަބްލިއުއެސްސީގެ އެވޯޑު ނައިޓުގެ ތެރެއިން -- ސަން ފޮޓޮ/ މުހައްމަދު ހައްޔާން

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވެސް ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ވަކިވެ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރަން ނިންމައިފިއެވެ.

ޖޭޕީގެ ސްލޮޓެއްގައި އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެވި ޝާހު އިއްޔެ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ފޮނުއްވި ސިޓީއެއްގައި ވަނީ ރައީސް ޞާލީހުގެ ވެރިކަމުގެ މި ދައުރުގައި ދައްކަވައި ދެއްވާފައި ވަނީ ގައުމުގެ ހަމަޖެހުމާއި އަސާސީ ޚިދުމަތް ފޯރުކޮށްދިނުމާ ތަރައްގީ ކަމަށެވެ.

އެހެންކަމުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޝާހު، ރައީސް ޞާލިޙަށް ތާއީދުކުރަން ނިންމާފައިވާތީ ޖުމްހޫރީ ޕާޓީން ވަކިކޮށް ދިނުން އެދޭ ކަމަށް އެދޭ ކަމަށް އެ ސިޓީގައިވެއެވެ.

މީގެ އިތުރުން ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު މުހައްމަދު ސަލީމް ވެސް ވަނީ އިއްޔެ ޖުމްހޫރީ ޕާޓީން ވަކިވުމަށް ނިންމައިފައެވެ. އޭނާ ވެސް އެގޮތަށް ނިންމެވީ ރިޔާސީ އިންތިހާބުގައި ރައީސަށް ތާއީދު ކުރައްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވެސް ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރު ކަމުން އިސްތިއުފާ ދެއްވައި، ރައީސް ޞާލިޙަށް ތާއީދުކުރަން ނިންމަވައިފައެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ޖޭޕީގެ ފަރާތުން ވާދަކުރައްވަން ގާސިމް އިބްރާހީމް ވަނީ ނިންމަވާފައެވެ. ޖޭޕީން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައިވަނީ ސަރުކާރު ހިންގާ ކޯލިޝަން އެކުގައި އިންތިޚާބަށް ނުކުތުމަށް ރައީސް ދައުވަތު ދެއްވާފައި ވަނިކޮށެވެ.

އޭގެ ފަހުން ވަނީ ޖޭޕީގެ ފަރާތުން ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ ޖޭޕީން ވަކިވެފައެވެ. އޭގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އާއި ކޮންޓްރޯލާ ޖެނެރަލްގެ މަގާމުގައި ހުންނެވި، މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ހިމެނެއެވެ.

ނަމަވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނުރަސްމީ ގޮތެއްގައި ގާސިމަށް ތާއީދު ކުރައްވައިފައެވެ. އެ މަނިކުފާނަށް ތާއީދުކުރައްވައި މަޖިލީސް މެންބަރުން މިހާރު ގެންދަވަނީ ޖޭޕީއާ ގުޅިގެން ކޯލިޝަން އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ފަށައިފައެވެ.

comment ކޮމެންޓް