ރަމަޟާން މަހު ދެމަފިރީންނަށް ހުއްދައީ ކޮންކަމެއް؟

ދެމަފިރިއަކު މޫދެއްގެ އައްސޭރިފަށުގައި މަޑުކޮށްލައިގެން --- ފޮޓޯ/ މައުޑޫ3.ކޮމް

އަހަރެއްގައި ހިމެނޭ ބާރަ މަހުގެތެރެއިން ރަމަޟާންމަސް އެތައް ގޮތަކުން ޚާއްޞައެވެ. އަޅުކަމާއި ކެއުންބުއިމާއި މިނޫންވެސް އާއްމު ދިރިއުޅުމުގައި ކުރާ ވަރަށް ގިނަ ކަންކަން، އެހެން މައްސަރުތަކުގައި ކުރާ ގޮތާ އަޅާބަލާއިރު ރަމަޟާންމަހުގައި ކުރިއަށް ގެންދާ ގޮތް ތަފާތެވެ. ރޯދައަށް ހުރުމުގެ މާނައަކީ ﷲ އަށްޓަކައި ކުރާ އަޅުކަމެއްގެ ނިޔަތުގައި، ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވީއްސުރެ އިރު އޮއްސިއްޖައުމަށްދާންދެން އަނގަޔާއި ފަރުޖުގެ ޝަހުވަތްތަކުން ދުރުވެގެން ހުރުމެވެ. ރޯދައަކީ އިސްލާމްކަމުގެ ރުކުންތަކުގެތެރެއިން އެއްރުކުނެވެ. ރޯދަ ހިފުން ވާޖިބުވެފައިވާމީހާ، ޝަރުޢީ ސަބަބަކާނުލައި ރޯދަ ނުހިފައި ހުރުމީ ޙަރާމްކަމެކެވެ.

ރޯދައަށް ހުންނައިރު ދުރުވެގަންނާންޖެހޭ ކަންތައްތަކުގެތެރޭގައި ފަރުޖުގެ ޝަހުވަތްތަކުން ދުރުހެލިވުން ހިމެނެއެވެ. ވީމާ ދެމަފިރީންގެ ދެމެދުގައި އޮންނަ ގުޅުންތަކަށް، ރޯދައާ ގުޅިގެން އަންނަ ޙުކުމްތައް ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. ތިރީގައި އެވަނީ މިފަދަ ބައެއް ޙުކުމްތަކެވެ.

އެއްދާންކުރުން: ރަމަޟާންމަހުގެ ރޭގަނޑުގެ ވަގުތުގައި ދެމަފިރީން އެއްދާންކުރުމީ ހުއްދަ ކަމެކެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. أُحِلَّ لَكُمْ لَيْلَةَ الصِّيَامِ الرَّفَثُ إِلَىٰ نِسَائِكُمْ (ބަޤަރާ: 187) "ރޯދަޔަށް ތިބޭރޭ ތިޔަބައިމީހުންގެ އަނބިންގެ ގާތަށްގޮސް ރޭކުރުން ތިޔަބައިމީހުންނަށް ހުއްދަ ކުރައްވައިފިއެވެ. ..." ނަމަވެސް ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި އެއްދާންކުރުމަކީ ޙަރާމްކަމެކެވެ.(ބަޤަރާ: 187) ރޯދައަށް ހުރެ ގަސްތުގައި ޖިމާޢުވެއްޖެނަމަ އެ ރޯދަ ޤަޟާކުރުމާއެކު ކައްފާރާ ދޭންޖެހޭނެއެވެ. މިކަމުގެ ކައްފާރާއަކީ މުއުމިނު އަޅަކު މިނިވަން ކުރުމެވެ. އެކަމަށް ކުޅަދާނަނުވިނަމަ ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފުމެވެ. އަދި އެކަމަށް ކުޅަދާނަނުވިނަމަ ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުމެވެ.(ބުޚާރީ: 1853)

މަޤުބޫލު އުޒުރެއް އޮވެގެން އަނބިމީހާ އެއްދާންކުރުން: މިއީ ފިރިމީހާ މަޖުބޫރުކޮށްގެން ނުވަތަ ހަނދާންނެތިގެން ނުވަތަ ރަމަޟާންމަހު ދުވާލު އެއްދާންކުރުމަކީ ޙަރާމްކަމެއްކަން ނޭނގި އޮތުންފަދަ ހާލަތެއްގައި އެއްދާންކުރުމެވެ. މިހާލަތުގައި އަނބިމީހާގެ ރޯދަ ޞައްޙަވާނެކަމަށް، ޝާފިޢީންގެ އެއްބުނުމުގައި އަދި ޙަންބަލީންގެ އެއްރިވާޔަތުގައިވެއެވެ. އިބުނު ތައިމިއްޔާއާއި އިބުނު ބާޒްއާއި އިބުނު ޢުޘައިމީންގެ ރައުޔަކީވެސް މިއެވެ. މިބޭފުޅުންގެ ދަލީލުތަކުގެތެރޭގައި؛ "އޮޅިގެންނާއި ހަނދާންނެތިގެންނާއި އަދި މަޖުބޫރުވެގެން ކުރެވޭ ކަންތައްތަކަށް ﷲ އަޒާބު ނުދެއްވާނެ" ކަމަށް އޮންނަ ޙަދީޘް ހިމެނެއެވެ.(އިބުނު މާޖާ: 2045) އަދި ރޯދައަށް ހުރެ ހަނދާންނެތިގެން އެއްޗެއް ކެވުނު ނުވަތަ ބޮވުނު މީހާ، އޭނާގެ އެދުވަހުގެ ރޯދަ ފުރިހަމަކުރުމަށް އަންގަވާފައިވާ ޙަދީޘްފުޅުވެސް ހިމެނެއެވެ.(متفق عليه) ހަނދާންނެތިގެން ކެއުމާއި ބުއިމުގެ ސަބަބުން ރޯދަ ނުގެއްލޭފަދައިން، ހަނދާންނެތިގެން އެއްދާންކުރެވުނަސް ރޯދަ ނުގެއްލޭނެކަމަށް މިބޭފުޅުން ދެކެލައްވައެވެ. ވީމާ އެފަދަ ހާލަތުގައި އެ ރޯދަ ޤަޟާކުރާކަށް ނުޖެހޭނެއެވެ.

ޙަނަފީންނާއި މާލިކީންގެ ޖުމްހޫރު ފިޤުހުވެރީންނާއި، ޝާފިޢީންގެ އެއްޤައުލާއި އަދި ޙަންބަލީންގެ އެއްޤައުލުގައިވާގޮތުން؛ މަޖުބޫރުވެގެން(ވިޔަސް) ރަމަޟާންމަހު ދުވާލު އެއްދާންކޮށްފި އަނބިމީހާގެ ރޯދަ ގެއްލޭނެއެވެ. އެހެންކަމުން އެ ރޯދަ ފަހުން ޤަޟާކުރާންޖެހޭނެއެވެ. ނަމަވެސް މި ހާލަތުގައި އަނބިމީހާ ކައްފާރާ ދޭކަށްނުޖެހޭނެއެވެ. ނަމަވެސް އަނބިމީހާއަށް މަޖުބޫރުކޮށްގެން އޭނާއާއެކު ޖިމާޢުވި ފިރިމީހާ، އެ ރޯދަ ޤަޟާކުރުމާއެކު ކައްފާރާ ދޭންޖެހޭނެއެވެ. ފަލަސްޠީނުގެ ޢިލްމުވެރިއެއްކަމަށްވާ ޑރ. ޙުސާމުއްދީން ޢަފާނާ ވިދާޅުވާގޮތުގައި، އިސްވެދިޔަ ދެރައުޔުގެތެރެއިން އެންމެ ރަނގަޅުކަމަށް ބުރަވެވެނީ ފަހުން ބަޔާން ކުރި ރައުޔެވެ. ސަބަބަކީ އެއްދާންކުރުމަށް ފިރިމީހާ މަޖުބޫރުކުރާ ހާލަތުގައިކަމަށްވިޔަސް، އަނބިމީހާ އެކަން ކުރާނީ އޭނާގެ ކޮންމެވެސް ވަރެއްގެ އެއްބަސްވުމެއް އޮވެގެންނެވެ. މިތަނުގައި ފާހަގަކޮށްލަންޖެހޭ މުހިއްމު ނުކުތާއެއް އެބައޮތެވެ. އެއީ އަނބިމީހާ ރަމަޟާންމަހުގެ ރޯދައަށް ހުއްޓައި ފިރިމީހާ އެއްދާންކުރަން އެދުނަސް އޭނާއަށް ކިޔަމަންތެރިވުމެއްނުވެއެވެ. އެހެނީ "ﷲ އަށް އުރެދުމަކަށްވާ ކަމެއްގައި އެއްވެސް މީހަކަށް ކިޔަމަންތެރިވުމެއްނެތެވެ. ކިޔަމަންތެރިވުން އޮތީ ހެޔޮ ކަންކަމުގައި އެކަންޏެވެ."(ބުޚާރީ: 4340 ، މުސްލިމް: 1840)

ދެމަފިރީން ރުހުމުގައި އެއްދާންކުރުން: އެއްވެސް މަޖުބޫރުކަމެއްނެތި ފުރިހަމަ ރުހުމާއެކު އަނބިމީހާ އެއްދާންކޮށްފިނަމަ އޭނާ ކައްފާރާ ދޭންޖެހޭނެތޯއާމެދުގައި ޢިލްމުވެރިންގެ ދެ ރައުޔެއްވެއެވެ. ޖުމުހޫރު ޢިލްމުވެރިން ވިދާޅުވާގޮތުގައި އެހާލަތުގައި އަނބިމީހާގެ ރޯދަ ޤަޟާކުރުމާއެކު ކައްފާރާ ދޭންޖެހޭނެއެވެ. ރަމަޟާން މަހު ދުވާލު އެއްދާންކުރި ފިރިހެންމީހާ ކައްފާރާ ދިނުމަށް އެންގެވި ޙަދީޘުން މިކަމުގެ ދަލީލު ލިބެއެވެ.(ބުޚާރީ: 1853 ، މުސްލިމް: 1111) ޝަރުޢީ ނައްޞަކުން އިސްތިސްނާއެއް ނާންނަނަމަ، (އެ) ޙުކުމުގައި ދެމަފިރީން ހަމަހަމަވާނެއެވެ. އަދި ފިރިމީހާއެކޭ އެއްގޮތަށް އަނބިމީހާވެސް ރަމަޟާންމަހުގެ ޙުރުމަތް ކެނޑުމުގެ ސަބަބުން ކައްފާރާ ދިނުން ލާޒިމުވާނެއެވެ.

އިސްވެދިޔަ ރައުޔާ ޚިލާފަށް، ޝާފިޢީންނާއި އިމާމު އަޙްމަދުގެ އެއްރިވާޔަތުގައިވާގޮތުން؛ ރުހުމުގައި ނުވަތަ ނުރުހުމުގައިވިޔަސް ރަމަޟާންމަހު ދުވާލު އެއްދާންކުރި އަނބިމީހާ ކައްފާރާދޭކަށް ނުޖެހޭނެއެވެ. ކައްފާރާ ދިނުމަކީ ފިރިމީހާ ކުރަންޖެހޭ ކަމެކެވެ. މިބޭފުޅުން ވިދާޅުވާ ގޮތުގައި، ރަމަޟާންމަހު ދުވާލު އެއްދާންކުރި ފިރިހެންމީހާ ކައްފާރާ ދިނުމަށް އެންގެވި ޙަދީޘްފުޅުގައި އަނބިމީހާގެ ވާހަކަ ޒިކުރުކުރައްވާފައެއްނުވެއެވެ. މިއަށް ރައްދު ދެއްވައި ޖުމުހޫރުން ވިދާޅުވެއެވެ. އެ ހާދިސާގައި ފިރިހެންމީހާ ސުވާލުކޮށްފައިވަނީ އޭނާގެ އަމިއްލަ ނަފުސާ ބެހޭގޮތުންނެވެ. އަނބިމީހާއާ ބެހޭގޮތުން ސުވާލުވެވިފައެއްނުވެއެވެ. އަދި އެހާދިސާގައި ހިމެނޭ އަނބިމީހާއަކީ މަޖުބޫރުވެގެން ނުވަތަ ރަމަޟާންމަހު ދުވާލު ޖިމާޢުވުމުގެ ޙުކުމް ނޭނގި އޮތުމުގެ ސަބަބުން މަޢާފު ލިބިގެންވާ ފަރާތެއްކަމަށްވެސް ވެދާނެއެވެ. މިމައްސަލައިގައި ބޮޑަށް ރަނގަޅުކަމަށް ބުރަވެވެނީ ޖުމުހޫރުންގެ ރައުޔަށެވެ.

ބީހުމާއި ބައްދައިލުމާއި ބޮސްދިނުން: ރޯދައަށް ތިބެ ދެމަފިރީން އެކަކު އަނެކަކުގެ ގައިގައި ބީހުމާއި ބައްދައިލުމާއި ބޮސްދިނުމަކީ އޭގެ ޒާތުގައި ރޯދަގެއްލޭ ކަންކަމެއްނޫނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދައަށް ހުންނަވައި، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ކޯތާފަތްފުޅަށް ބޮސްދެއްވައި ބީހިވަޑައިގަންނަވާކަމަށް ޞައްޙަ ޙަދީޘްގައި ވެއެވެ. އަދި އެކަލޭގެފާނު އެގޮތަށް ކަންތައް ކުރެއްވިނަމަވެސް އެއީ މީސްތަކުންގެތެރެއިން އެންމެ ކެތްތެރި ސާހިބާކަމަށް ޙަދީޘްކުރެއްވިއެވެ.(ބުޚާރީ: 1927 ، މުސްލިމް: 1106) މި ޙަދީޘުން އެނގޭގޮތުގައި، ރޯދައަށް ހުރެ ދެމަފިރީން ބީހި ބޮސްދީ ހެދިނަމަވެސް، އާއްމު އުސޫލުން ބޭރުވެ އިތުރު "ޢަމަލެއް" ގެ ތެރެއަށް ގޮސްދާނެކަމަށް ހީވާނަމަ އެއިން ކަމެއް ކޮށްގެންނުވާނެއެވެ. އަދި ބީހުމާއި ބޮސްދިނުންފަދަ ކަމެއްގެ ސަބަބުން "ހިނައިގަންނާންޖެހޭ ހާލަތަށް" ދާ މީހާވެސް، އެފަދަ ކަމެއްކޮށްނުވާނެއެވެ. އެހެނީ އެހާލަތަށް ގޮސްފިނަމަ އޭނާގެ ރޯދަ ގެއްލޭނެއެވެ. ރައްކާތެރި އަދި އެންމެ އެދެވިގެންވާ ގޮތަކީ ދެމަފިރީންކަމަށްވިޔަސް، ޖިންސީ އެދުންވެރިކަމެއް އަތުވެދާނެފަދަ އެއްވެސް ޢަމަލެއް ރޯދަމަހު ދުވާލު ނުކުރުމެވެ. އެއީ ރަމަޟާންމަހުގެ ޙުރުމަތަށްޓަކައެވެ. "ﷲ ގެ އަޅާ އޭނާގެ އެންމެހައި އެދުންތަކާއި ކެއުން ބުއިން ދޫކޮށްލައިގެން އުޅުނީ ހަމައެކަނި އެ އިލާހުގެ ޙައްޤުގައި ކަމަށާއި އެއީ ﷲ އަށް ޚާއްޞަ އަޅުކަމެއް" ކަމަށް އަންގަވާފައިވާތީއެވެ.(ބުޚާރީ: 7492)

ގުޅޭ ޓެގު
comment ކޮމެންޓް