ހަތް ދަހަރު ފަހުން އިންޑިއާގައި އަލަށް ޗީޓާތަކެއް ވިހައިފި

އިންޑިއާއިން ޗީޓާ ނެތި ދިޔުމުގެ 70 އަހަރު ނުވަތަ ހަތް ދަހަރު ފަހުން ފުރަތަމަ ފަހަރަށް އަލަށް ޗީޓާތަކެއް ވިހައިފިއެވެ.

އިންޑިއާއިން ޗީޓާގެ އާބާދީ އެންމެ ފަހުން ނެތިގެން ގޮސްފައިވާ ކަން އިއުލާނު ކޮށްފައި ވަނީ 1952 ވަނަ އަހަރުގައެވެ. އެއަށްފަހު އިންޑިއާއިން ޗީޓާ އެއްވެސް ވަރަކަށް ފެނިފައެއް ނުވަނީ އެގައުމުގައި ޖަނަވާރު ޝިކާރަ ކުރުމުގެ ސަބަބުންނެވެ.

ނަމަވެސް މި ޖަނަވާރު އަލުން އިންޑިއާގައި އާބާދު ކުރުމުގެ ނިޔަތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ އަންހެން އަދި ފިރިހެން ޗީޓާއެއް ގެނެސްފައެވެ. ސިޔާޔާ އާއި ފްރެޑީ ބަލަހައްޓަމުން ގެންދިޔައީ މަދިޔަ ޕްރަދޭޝްގައި ހުންނަ ކޫނޯ ގައުމީ ޕާކުގައެވެ. އެންމެފަހުން މި ދެ ޖަނަވާރުންނަށް ވަނީ ފުރަތަމަ ފަހަރު ކުދި ދަރިންތަކެއް ލިބިފައެވެ.

އިންޑިއާގެ ތިމާވެށީގެ މިނިސްޓަރު ބުޕެންދުރަ ޔާދަވް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފްރެޑީ އާއި ސިޔާޔާއަށް ފުރަތަމަ ފަހަރަށް ދަރިން ލިބިފައިވާ ކަމަށެވެ. އަދި އެ ދެ ޗީޓާއަށް ވަނީ ހަތަރު ދަރިން ލިބިފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކޫނޯ ޕާކުގެ ވެޓުން އަންނަނީ އެ ކުދި ޗީޓާ ތަކުގެ ސިއްހަތު ގާތުން މޮނިޓާ ކުރަމުންނެވެ. އަދި އެ އެއްޗެހީގެ ހާލު އަދި ރަނގަޅު ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ނަމްބިއާއިން ސިޔާޔާ އާއި ފްރެޑީގެ އިތުރުން އެހެން ޗީޓާތައް ވެސް އަންނަނީ ގެންނަމުންނެވެ. އިންޑިއާއަށް ގެންނަ ޖަނަވާރުތަކަކީ ނަމްބިއާގައި ނުރައްކަލަށް ހުށަހެޅިފައިވާ ޖަނަވާރުތަކަކަށް ވެފައި އެ ނެތި ދިޔުމުގެ ބިރު އޮތް ޖަނަވާރުތަކެކެވެ. އިންޑިއާގައި ޗީޓާގެ އާބާދީ އަލުން ދެމެހެއްޓުމުގެ ޕްރޮގްރާމްގެ ދަށުން ފްރެޑީ އާއި ސިިޔާޔާ އާއެކު ޖުމްލަ އަށް ޖަނަވާރު ގެންގޮސްފައިވެއެވެ. އޭގެ ފަހުން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ވަނީ އިތުރު ޖަނަވާރުތަކެއް ގެންގޮސްފައެވެ.

comment ކޮމެންޓް