މާފުށި ހިއްކި ބިމުން ދޫކުރާ ގޯއްޗަށް އެދުމަށް ހުޅުވާލައިފި

ކ. މާފުށީ ހިއްކި ބިން --- ފޮޓޯ/ މާފުށީ ކައުންސިލް

ކ. މާފުށީގައި ހިއްކާފައިވާ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗަށް އެދި ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ.

މާފުށިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 312 ގޯއްޗެވެ. އޭގެތެރެއިން އާންމުނަށް ހިލޭ ދިނުމަށް ހުޅުވާލާފައިވަނީ 308 ގޯއްޗެވެ. ބާކީ ހަތަރު ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރި އުސޫލުންނެވެ.

ގޯއްޗަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ރަށަކުން ލިބިގެން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 ފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާ ނުވަތަ އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މީހަކަށް ވެގެން ނުވާނެއެވެ. އެގޮތަށް ލިބިފައިވާ ފަރަތެއްނަމަ ގަވައިދާއި އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލަން ޖެހޭނެއެވެ.

ހަމައެއާއެކު ސަރުކާރުން ހަދާފައިވާ އިމާރާތެއް ނުވަތަ ފުލެޓެއް ނުވަތަ އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮތްނަމަ އެތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާ ފަރާތަކަށް ވާން ޖެހޭނެއެވެ.

ގޯއްޗަށް އެދި ހުށަހެޅުމަށް ބޭނުންވާ ފޯމް ސަރުކާރުގެ ގެޒެޓުން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ. އަދި މާފުށި ކައުންސިލް އިދާރާއިން އަންނަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 12:30 އާ ހަމައަށް ލިބެން ހުންނާނެއެވެ.

މާފުށި ކައުންސިލުން ބުނީ ފޯމް ބަލައިގަތުން އޮންނާނީ އޭޕްރީލް 9 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 13:00 އާ ހަމައަށް ކަމަށެވެ.

ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ބިމަކީ މާފުއްޓާ ކައިރީގައި ވަކި ރަށެއްގެ ގޮތުގައި ހިއްކާފައިވާ ބިމެކެވެ. މާފުށީގައި ގޯތި ދޫކުރުމަށް އޮތް ހިއްކި ސަރަހައްދަކީ މީގެ އަހަރެއް ކުރިން މަސައްކަތް ނިންމާ ރަށު ކައުންސިލާ ހަވާލުކޮށްފަ އޮތް ބިމެކެވެ. އެ ބިމުގެ ބޮޑުމިނުގައި 25 ހެކްޓަރުގެ ހުންނާނެއެވެ.

އަލަށް ހިއްކި ބަޔާއި މާފުއްޓާ ބްރިޖަކުން ގުޅާލުމަށް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

މާފުށި ކައުންސިލްގެ ރައީސް ހަސަން ޞަލާހް 'ސަން' އާ ވާހަކަދައްކަވަމުން ވިދާޅުވީ މި ބްރިޖްގެ މަސައްކަތް ފަށަން މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި ބްރިޖް ބޭނުންކުރަން ފަށާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މާފުއްޓަކީ ޒަމާނުއްސުރެވެސް ބޯހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޮޑު ރަށެކެވެ. މާފުށީގައި އެންމެ ފަހުންވެސް ގޯއްޗެއް ދޫކޮށްފައި ވަނީ މީގެ 20 އަހަރު ކުރިންނެވެ. މާފުއްޓަކީ ގެސްޓް ހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގަ ހިންގާ ރަށެކެވެ. އަދި އެކި ރަށްރަށުން މީހުން އައިސް ދިރިއުޅޭ އާބާދީގެ ނިސްބަތުން ބޮޑު އެއް ރަށެވެ.

comment ކޮމެންޓް