މެލޭޝިއާގެ ބަޓިކް އެއާއިން ރާއްޖެއަށް ދަތުރުތައް ފަށަނީ

މެލޭޝިއާގެ ބަޓިކް އެއާ --

މެލޭޝިއާގެ އެއާލައިނެއް ކަމަށްވާ ބަޓިކް އެއާއިން ރާއްޖެއަށް ދަތުރުތައް ފަށަން އިއުލާނުކޮށްފިއެވެ.

އެ އެއާލައިނުން ބުނީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާނީ މޭ މަހުގެ 12ވަނަ ދުވަހުކަމަށެވެ. މި އެއާލައިނުން ރާއްޖެއަށް ދަތުރުކުރާއިރު ރާއްޖެ އައުމުގެ ކުރިން ސްރީލަންކާގެ ކޮލަމްބޯއަށް ޓްރާންސިޓްކުރާނެއެވެ.

މި ދަތުރުތަކަށް ބޭނުންކުރާނީ ބޮއިން 737 މެކްސް އަށެއް މަރުކާގެ ބޯޓެވެ. މީގެ ކުރިން، 2015 އިން 2020އަށް މި އެއާލައިނުން ލަންކާއަށް ދަތުރުތައް ބާއްވައިފައިވެއެވެ.

މި މަހުގެ އަށްވަނަ ދުވަހު ސައުދީ އަރަބިއްޔާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ފްލައިނާސްއިން ވެސް ވަނީ ރާއްޖެއަށް ދަތުރުތައް ފަށަން އިއުލާންކޮށްފައެެވެ.

ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަނެ އަލުން ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަން ކުރިއަރަން ފަށައިފައިވާއިރު ޗައިނާގެ ސަދަން އެއާލައިނުން ވެސް ވަނީ ފެބްރުއަރީ މަހު ރާއްޖެއަށް ދަތުރުތައް ފަށައިފައެވެ.

އަލަށް ފަށާ އެއާލައިންތަކާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިން ވެސް އިތުރުވާނެކަމަށް އަންދާޒާކުރެވެއެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް މިދިޔަ ހޯމަ ދުވަހުގެ ރޭ ހިއްސާކުރެއްވި ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ ފަސް ލައްކަ ހުރަސްކޮށްފައެވެ.

comment ކޮމެންޓް