ވިލިނގިލި ފެރީ ޓާމިނަލް ސަރަހައްދު ފަޅުގައި ގަވާއިދާ ޚިލާފަށް އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފި

ވިލިމާލެ ފެރީ ޓާމިނަލް---ސަަން ފޮޓޯ: މުހައްމަދު އަފްރާހް

މާފަންނު ފެރީ ޓާމިނަލް ނުވަތަ މާލޭ ހުޅަނގު ފަރާތުގައި ހުންނަ ވިލިނގިލި ޓާމިނަލް ހިމެނޭ ސަރަހައްދު ފަޅުގައި ގަވާއިދާ ޚިލާފަށް އަޅާފައިވާ އުޅަނދުތައް ނަގަން އެމްޓީސީސީން އަންގައިފިއެވެ.

މިކަމާ ގުޅިގެން އެމްޓީސީސީން ބުނެފައި ވަނީ، އެ ސަރަހައްދަކީ ހަމައެކަނި އެމްޓީސީސީގެ އުޅަނދުތަކުން ބޭނުން ކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ދީފައިވާ ސަރަހައްދެއް ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގައި އެހެނިހެން އުޅަނދުތައް ގަވާއިދާ ޚިލާފަށް އަޅާފައި އޮތުމުން ފެރީތައް ގަޑިއަށް ފުރުމަށާއި ލެފުމަށް ދަތިވާކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން، ގަވާއިދާ ޚިލާފަށް ގިނަ އުޅަނދުތައް އެ ސަރަހައްދުގައި އަޅާފައި އޮތުމުގެ ސަބަބުން އެކްސިޑެންޓުތައް ހިނގަން މެދުވެރިވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެހެންކަމުން އެ ސަރަހައްދު ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެ ސަރަހައްދުން ނެގުމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. މި މުއްދަތުގެ ތެރޭގައި ނުނަގާ އުޅަނދުތައް މޯލްޑިވްސް ޕޮލިސް ސާވިސް މެދުވެރިކޮށް އެ ސަރަހައްދުން ނަގާނެކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް