ފުލުހާއި އެސްއެސްޓީވީ ގުޅިގެން އުފެއްދި ''ވަޒަނަށް ޓަކައި'' ޑްރާމާ މިރޭ ދައްކަނީ

ވަޒަނަށް ޓަކައި -- ސަން ފޮޓޯ

ފުލުހުންނާއި އެސްއެސްޓީވީ ގުޅިގެން އުފެއްދި 'ވަޒަނަށް ޓަކައި' ޑްރާމާ ސިލްސިލާ މިރޭ އެސްއެސްޓީވީން ދައްކަން ތައްޔާރުވެއްޖެއެވެ.

ރަމަޟާން މަހަށް ޚާއްސަކޮށް ގެނެސްދޭ މި ޑްރާމާގެ އެންމެ ފުރަތަމަ އެޕިސޯޑް ދައްކާނީ މިރޭ 10:30ގައެވެ. މިއީ ކޮންމެ ބުދަ ދުވަހެއްގެ ރޭ 10:30ގައި ދައްކާ ޑްރާމާއެކެވެ.

ފުލުހުންގެ ވަޒީފާއާއި މަސައްކަތުގެ ދައުރު ފެންނަހެން ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ޑްރާމާ ސިލްސިލާއާ މިރޭ ދައްކަނީ ފުލުހުންގެ އަހަރީ ދުވަހާ ގުޅުވައެވެ.

މި ޑްރާމާ ސިލްސިލާގެ މަންޒަރުތައް ކުޅެފައިވަނީ ހއ. އިހަވަންދޫގައެވެ. ޑްރާމާގެ އެކި ރޯލްތަކުން އެ ރަށުގެ ބައެއް ރައްޔިތުން ވެސް ފެންނާނެއެވެ.

ވަޒަނަށް ޓަކައި މަންޒަރުތައް ޝޫޓުކުރުމުގެ ތެރެއިން -- ސަން ފޮޓޯ

މި ޑްރާމާ އާ ގުޅިގެން ވާހަކަދައްކަވަމުން ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ނާފިއު ވިދާޅުވީ މި ޑްރާމާ ސިލްސިލާ އުފެއްދުމަށް ޓަކައި އިހަވަންދޫ ކައުންސިލާއި، އެ ރަށު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށެވެ.

"އަަޅުގަނޑުމެން ޙީ ވެސް ނުކުރާހާ މަސައްކަތަކަށްވީ. އަޅުގަނޑުމެންގެ ޓާގެޓް ވެސް އެޗީވްވީ. އަޅުގަނޑުމެންނަށް ވަރަށް ސަޕޯޓިވް. މުޅި ރަށްކަހަލަ ގޮތަކަށް އަޅުގަނޑުމެންނަށް ސަޕޯޓުދިން. ޚާއްސަކޮށް ޕޮލިސް ސްޓޭޝަނާއި ސިއްހީ މަރުކަޒާއި ސްކޫލާއި، ހުރިހާ ދިމާއަކުން ވެސް އެއްބައެއްގެ ގޮތުގައި އަހުވަންތަކަން ދައްކައިދިން،" ނާފިއު ވިދާޅުވިއެވެ.

މީގެ އިތުރުން މި ޑްރާމާގެ ކޮންސެޕްޓު ޑިޒައިން ކުރެއްވި، ސުޕްރިންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ވިދާޅުވީ 15 ދުވަހުގެ ތެރޭ ޑްރާމާގެ މަސައްކަތް އެއްކޮށް ނިންމައިލެވުނީ ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ސަބަބުންކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވީ އިހަވަންދޫގައި ހިނގި މައްސަލައެއް މި ޑްރާމާގެ ތެރެއަށް އިންކޯޕަރޭޓްކޮށްލަން،" ނަޝްވާ ވިދާޅުވިއެވެ.

ވަޒަނަށް ޓަކައި މަންޒަރުތައް ޝޫޓުކުރުމުގެ ތެރެއިން -- ސަން ފޮޓޯ

މި ޑްރާމާ ސިލްސިލާއާ ގުޅޭގޮތުން ޑްރާމާގެ ޑައިރެކްޓަރު އަލީ ރަޝީދު (ގޮޅާ) ވިދާޅުވީ މި ޑްރާމާގައި ކާސްޓުކުރި އެންމެންނަކީ ވެސް އަލަށް އެކަން ކުރި ބައެއްކަމަށެވެ. ނަމަވެސް ވަރަށް ހުނަރުވެރިކަމަށާއި ޓެކްނިކަލް ކަންކަމުގައި ވެސް ދަތިތަކާ ކުރިމަތިނުވާކަމަށް އަލީ ވިދާޅުވިއެވެ.

"މި ޕްރެޒެންޓްކޮށްދެވިފައިި ވަނީ ވަރަށް ސިނެމެޓިކްކޮށް. ވަރަށް ފިލްމީވަންތަކަން އަންނަހާ ގޮތަަކަށް. މިކަހަލަ ގޮތަކަށް ވަރަށް އިންޓްރެސްޓިންކަމާއެކީ ދާނީ،" އަލީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޓެކްނިކަލް މަސައްކަތްތައް ވެސް މި ޑްރާމާގައި ވަަރަށް ފުރިހަމައަށް ފެންނާނެކަމަށެވެ. ބެލުންތެރިން ހިތްހަމަޖެހޭ ފަދަ ފެންވަރަކަށް މި ފިލްމުގެ މަންޒަރުތައް ގެނެސްދެވޭނެކަމަށް ވެސް އަލީ ވިދާޅުވިއެވެ.

comment ކޮމެންޓް