ޒިކުރާ ކޮލެޖުން ކިޔަވަމުން އަންނަ ދަރިވަރުންނަށް ސްކޮލާޝިޕްގެ ފުރުސަތުތައް

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ދަރިވަރުންތަކެއް ---

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖަކީ މަތީ ތައުލީމް ފޯރުކޮށްދިނުމުގެ ދާއިރާގައި ވިދަމުން އަންނަ ކޮލެޖެކޭ ދެންނެވުމުން ގޯހަކަށް ނުވާނެއެވެ. މަތީ ތައުލީމު ފޯރުކޮށްދިނުމުގެ އިތުރުން އެ ކޮލެޖުން ކިޔަވާ ނިންމާ ދަރިވަރުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ތަފާތު އެކި ދާއިރާތަކުން އިތުރަށް ތައުލީމު ހޯދޭނޭ ފުރުސަތުތައްވެސް އަންނަނީ ހޯދައިދެމުންނެވެ.

މިގޮތުން ބެޗެލާސް ޑިގްރީ، މާސްޓާސް ޑިގްރީ އަދި ޑޮކްޓޯރަލް ޑިގްރީ (ޕީ.އެޗް.ޑީ)، މިއިން ކޮންމެ ޕޮރޮގްރާމަކުން އެއް (1) ޖާގަ އަށް މިހާރު މިވަނީ އިއުލާން ކޮށްފައެވެ. ޒިކުރާ އިންޓަނޭޝަނަލް ކޮލެޖްގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް ހުޅުވާލެވިފައިވާ މި ކޯސްތަކަކީ ކޯހުގެ ޚަރަދާއި އެހެނިހެން ޚަރަދު ހިމެނޭގޮތަށް ދެވޭ ކޯސްތަކެކެވެ. މިކޯސްތަކަކީ ޗައިނާގެ ޔުނާން ޕޮރޮވިންސް ގެ ޔުނިވާސިޓީތަކުން ކުރިއަށް ގެންދެވޭނޭ ކޯސްތަކެކެވެ. މިކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 2022 ޑިސެމްބަރު 31ގެ ނިޔަލަށް އެ ކޮލެޖުން ސެޓްފިކެޓް ލެވެލް 4، ޑިޕްލޮމާ، ބެޗެލާސް ޑިގްރީ އަދި މާސްޓާސް ޑިގްރީ ފުރިހަމަކޮށްފައިވާ ދަރިވަރުންނަށެވެ.

ދެހާސް ބާވީސް ވަނަ އަހަރު ތެރޭގައިވެސް ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން މާސްޓާ އޮފް އިންކްލޫސިވް އެޑިޔުކޭޝަން ނިންމި ދަރިވަރަކަށް ވަނީ ޕީ.އެޗް.ޑީ އަށް ކިޔެވުމަށް ޗައިނާ އަށް ދިޔުމުގެ ފުރުސަތު ހޯދައިދީފައެވެ.

މިފުރުސަތުތަކަކީ ޒިކުރާ ޔޫނިއަން އިން ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ދަރިވަރުންނަށް ހޯދައިދޭ ފުރުސަތުތަކެކެވެ.

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ބުނާގޮތުގައި މި ޕްރޮގްރާމްތަކުގެ ބޭނުމަކީ ދަރިވަރުންނަށް ބައިނަލްއަގުވާމީ މާހައުލުގައިވެސް ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.

މި ސްކޮލާޝިޕްތަކާ ގުޅޭ އިތުރު މައުލޫމާތު ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ވެބްސައިޓް [email protected] އާއި ހޮޓްލައިން 7902562 އިން ލިބޭނެއެވެ.

comment ކޮމެންޓް