އުރީދޫ ބޯކި ބޯޅަ މުބާރާތަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

އުރީދޫ މޯލްޑިވްސް އިން ރަމަޟާން މަހަށް ހާއްސަކޮށްގެން ބާއްވާ އުރީދޫ ބޯކީ ބޮޅަ މުބާރާތް އިއުލާން ކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރެޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫ ބޮކި ބޯޅަ މުބާރާތަކީ ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓުބޯޅައަށް ތަފާތު އަދި މަޖާ ބަދަލުތަކެއް ގެނެސްގެން ކުޅޭ ބަމްޕަރު ފުޓްބޯޅައެވެ. މި މުބާރާތް އިންތިޒާމްކޮށްފާވަނީ އުރީދޫ ގެ ބްރޭންޑް އެމްބަސަޑަރ މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާއި އެކުއެވެ.

ބަމްޕަރ ފުޓުބޯޅައިގެ މަޖާ ތަޖުރިބާކުރުމުގެ ފުރުސަތު ހޯދުމަށް ކޯޕަރޭޓްތަކަށް މިހާރު އުރީދޫގެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރ ވެވޭނެއެވެ. ރެޖިސްޓަރ ވުމަށް މި ލިންކަށް ޒިޔާރާތްކުރައްވާށެވެ. މިމުބާރާތަށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ރަސްމީކޮށް ހުޅުވާލާފައިވާއިރު، މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 6 އިން 8 ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 1 އޭޕްރިލް ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 11:59 ގެ ކުރިން ރެޖިސްޓްރޭޝަން ފުރިހަމަ ކުރަންޖެހެއެވެ.

މުބާރާތުން މޮޅުވާ ޓީމްތަކަށް ހާއްސަ އަގުހުރި އިނާމުތަކެއްވެސް ވަނީ އިންތިޒާމުކުރެވިފައެވެ. އެއްވަނަ އަށް ދާ ޓީމަކަށް 20،000 ރުފިޔާ، ދެ ވަނަ އަށް ދާ ޓީމަށް 10،000 ރުފިޔާ އަދި ތިން ވަނަ އަށް ދާ ޓީމަށް އިނާމެއްގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ބައިވެރިވާ 12 ޓީމު ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ ހޯދާ ޓީމެއް ސެމީ ފައިނަލަށް ދަތުރުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާނެއެވެ. 12 އަށް ވުރެ ގިނަ ޓީމު ރަޖިސްޓްރީކޮށްފި ނަމަ ޓީމުތައް ހޮވާނީ ލަކީ ޑްރޯއަކުންނެވެ. ކޮންމެ ޓީމެއްގައި އަށް ކުޅުންތެރިންނާއި ގިނަވެގެން ތިން އޮފިޝަލުން ތިބެންޖެހެއެވެ. މެޗެއް ފަށަން މަދުވެގެން ފަސް ކުޅުންތެރިން ބޭނުންވާނެއެވެ.

މުބާރާތުގެ ކޮންމެ މެޗެއް ވެސް 10 މިނެޓަށް ދެމިގެންދާއިރު، ތިން މިނެޓުގެ ބްރޭކަކާއެކު ދެ ހާފް ހިމެނޭނެއެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި މޮޅުވެއްޖެނަމަ ތިން ޕޮއިންޓް އަދި އެއްވަރުވުމުން އެއް ޕޮއިންޓް ލިބޭނެއެވެ. ނޮކްއައުޓް ސްޓޭޖުގައި ދެ ޓީމެއް އެއްވަރުވެއްޖެ ނަމަ ޕެނަލްޓީ ޝޫޓްއައުޓް އޮންނާނެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އުރީދޫއިން ވަނީ ރަމަޟާން މަހު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް އިވެންޓް ކަމަށްވާ އުރީދޫ މަސްރޭސް ބާއްވާފައެވެ. އެހެންނަމަވެސް ކަސްޓަމަރުނާއި ބައިވެރިންގެ އަގުހުރި ފީޑްބެކްގެ މައްޗަށް ބިނާކޮށް މަސްރޭސް މިއަހަރުގެ ރަމަޟާން މަހަށްފަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އުރީދޫ މޯލްޑިވްސްގެ ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް މަސްރޭހުގެ އާ ތާރީހުތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫ މޯލްޑިވްސް އަދި މާޒިޔާއިން އުރީދޫ ބޮކި ބޯޅަ އަކީ ބައިވެރިންނަށް ތަފާތު އަދި މަޖާ މުބާރާތަކަށް ވެގެންދާނެކަމުގެ ޔަގީންކަން އަރުވައެވެ. ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު މުޅިން އާ ގޮތަކަށް ކުޅެލުމަށް އުރީދޫ ބޯކީ ބޮޅާ މުބާރާތުގައި އަވަހަށް ރެޖިސްޓަރ ކުރައްވާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް