ތެހެރާން (29 މާޗް 2023): ރަޝިއާއިން ގަތުމަށް އީރާނުން މަސައްކަތްކުރާ އެސްޔޫ-35 މަރުކާގެ ފައިޓާޖެޓްގެ ފުރަތަމަ ޝިޕްމެންޓްގައި ހިމެނޭ ޖެޓްތައް މިފެށޭ ހަފުތާގައި އީރާނަށް ލިބޭނެކަމަށް އެގައުމުން ބުނެފިއެވެ.
އީރާނުގެ ރަސްމީ ނޫސްއެޖެންސީ "އިރްނާ" ބުނާގޮތުން ރަޝިއާގައި އުފައްދާ އެންމެ ފެންވަރު ރަނގަޅު ހަނގުރާމަމަތީ ޖެޓްކަމަށްވާ އެސްޔޫ-35 މަރުކާގެ ފައިޓާޖެޓްގެ ފުރަތަމަ ޝިޕްމެންޓްގައި ހިމެނޭ ޖެޓްތައް މިހާރުވަނީ އެގައުމަށް ގެނައުމުގެ މަގުމަތީގައެވެ. އެޖެޓްތައް އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން އީރާނަށް ގެނަސް ނިމެނޭކަމަށް އީރާނުގެ އަސްކަރިއްޔާ އާ ހަވާލާދީ "އިރްނާ" ބުނެއެވެ.
އދ.ގައި ހުންނަ އީރާނުގެ ދާއިމީ މިޝަން އިންވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އެސްޔޫ-35 މަރުކާގެ ފައިޓާޖެޓް ގަތުމަށް ރަޝިއާއާ އީރާން ވާހަކަދައްކަމުން ގެންދާތާ މިހާރު ތިން އަހަރުވެއްޖެއެވެ. ނަމަވެސް މިކަން އަވަސްވާގޮތްވީ ޔުކްރެއިންއާ ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ރަޝިއާއަށް ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތަކާ ކުރިމަތިލުމަށް އީރާނުގެ އެހީ ރަޝިއާ ބޭނުންވުމުންނެވެ.
ރަޝިއާ އީރާނުގެ އެހީ ހޯދާކަންކަމުގެ ތެރޭގައި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކިގަތުމަށް ކުރަންޖެހޭ ކަންކަމާއި އަޅަންޖެހޭ ފިޔަވަޅުތަކާއި އެކަމުގެ ތަޖުރިބާ އީރާނުގެ ކިބައިން ހާސިލް ކުރުން ހިމެނެއެވެ. އީރާނަކީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ތަހައްމަލުކުރާތާ 44 އަހަރު ވެފައިވާ ގައުމަކަށްވާއިރު އެފިޔަވަޅުތަކުން ސަލާމަތްވުމާއި އޭގެ އަސަރުތައް ކުޑަކުރާނެގޮތުގެ ތަޖުރިބާ އީރާނުގައި ވަރަށް ބޮޑެވެ.

މިގް-31 މަރުކާގެ ފައިޓާޖެޓް
މީގެ އިތުރުން ރަޝިއާ ގެންދަނީ ޔުކްރެއިންއާ ދެކޮޅަށްކުރާ ހަނގުރާމައަށް ބޭނުންވާ ބައެއް ހަތިޔާރުވެސް އީރާނުގެ ކިބައިން ހޯދަމުންނެވެ. މީގެތެރޭގައި އެކިބާވަތުގެ ޑްރޯން އާއި ބޮޑުބަޑީގެ އުންޑައާއި އެނޫންވެސް އެކިބާވަތުގެ އުންޑަތައް ހިމެނެއެވެ. އަދި އީރާނުގައި އުފައްދާ ކޮންޕްރެޝަރާއި ކަރަންޓް އުފައްދާ ޖަނަރޭޓަރު ފަދަތަކެއްޗާއި ޓްރާންސްފޯމަރު ފަދަ ބާވަތްތައްވެސް ރަޝިއާ ގެންދަނީ ގަންނަމުންނެވެ.
މިހާލަތު މިގޮތަށް އޮތުމުން އީރާނުން ގަންނަންބޭނުންވާ އެސްޔޫ-35 މަރުކާގެ ފައިޓާޖެޓް ފޯރުކޮށްދިނުން އަވަސްކުރުމަށް ރަޝިއާއަށް ބާރުއެޅުމުގެ ފުރުސަތު އީރާނަށްވެސްވަނީ ތަނަވަސްވެފައެވެ.
ރިޕޯޓްތައް ބުނާގޮތުން ފާއިތުވި އަހަރެއްހާ ދުވަހުގެތެރޭގައި, އެސްޔޫ-35 މަރުކާގެ ފައިޓާޖެޓް ދުއްވާނެ އީރާނުގެ އެއާފޯސް ޕައިލެޓުންގެ އެތައް ބަޔަކު ވަނީ ރަޝިއާގެ އަސްކަރީ އެކަޑަމީތަކުގައި އެބޯޓުތައް ދުއްވުމާބެހޭ ތަމްރީންތައް ފުރިހަމަކޮށްފައެވެ. އަދި ކަމާބެހޭ އިންޖިނޭރުންވެސް ގެންދަނީ ތަމްރީން ހޯދަމުންނެވެ.
އެސްޔޫ -35 މަރުކާގެ ފައިޓާޖެޓް ގަތުމަށް ރަޝިއާއާއި އީރާން ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އީރާނުން ގަންނަ ފައިޓާޖެޓްތަކުގެ އަދަދު މިދެގައުމުންވެސް ހާމަކޮށްފައެއް ނުވެއެވެ. އަދި މިއެއްބަސްވުމުގެ ފުރަތަމަ ޝިޕްމަންޓްގައި އީރާނަށް ލިބޭ ފައިޓާޖެޓްގެ އަދަދުވެސް އެގައުމުން ހާމަކޮށްފައެއް ނުވެއެވެ.
ހަތިޔާރު ވިއްކުމާއި ގަތުމުގައި އީރާނާ މުއާމަލާތްކުރުން މަނާކޮށްފައިވާ އދ. ގެ ގަރާރު 2015 ވަނަ އަހަރުވަނީ އުވާލާފައެވެ. އެހެންކަމުން އީރާނަށް ހަތިޔާރު ވިއްކުމާއި އީރާނުގެ ހަތިޔާރު ގަތުންފަދަ މުއާމަލާތްތަކަކީ މިހާރު މަނާކަމެއްނޫނެވެ. މިކަން މަނާކުރުމަށް 2020 ވަނަ އަހަރު އެމެރިކާ ކުރިމަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
އިރާނާއެކު ހަތިޔާރާބެހޭ އެއްވެސް މުއާމަލާތެއްކުރުން މަނާކުރުމަށް ގޮވާލާ ގަރާރެއް އދ. ސަލާމަތީ މަޖިލީހުން ފާސްކުރަން އެމެރިކާ މަސައްކަތް ކުރުމުން ރަޝިއާއާއި ޗައިނާވަނީ ގުޅިގެން އެގަރާރާ ދެކޮޅަށް ވީޓޯގެ ބާރު ބޭނުންކޮށް އެކަން ހުއްޓުވާފައެވެ. މިމައްސަލާގައި އެދުވަސްވަރު އެމެރިކާ ޗައިނާއާއި ރަޝިއާ ދެކެވަރަށް ބޮޑަށް ރުޅިއައިސް އެދެގައުމަށް ވަރަށްބޮޑަށް ފާޑުވެސް ކިޔެއެވެ.
އީރާނުގެ ވައިގެ ސިފައިން މިހާރު ބޭނުންކުރަނީ އެގައުމު އަމިއްލައަށް އުފައްދާފައިވާ އެކިބާވަތުގެ ޑްރޯން އާއި ރަޝިއާގައި އުފައްދާފައިވާ މިގް މަރުކާގެ ބައު ފައިޓާޖެޓް ތަކެކެވެ. އެއީ 1990 ގެ އަހަރުތަކުގައި ރަޝިއާއިން އީރާން ގަނެފައިވާ ޖެޓްތަކެކެވެ. މީގެއިތުރުން ދެން އީރާނުގައި ހުރީ 1979 ގެ ކުރިން ޝާހުގެ ވެރިކަމުގައި އެމެރިކާއާއި އީރާނާ ގުޅުންތައް ބޮޑު ދުވަސްވަރު އެމެރިކާއިން ގަނެފައިވާ ފެންޓަމް މަރުކާގެ ބައު ފައިޓާޖެޓެވެ.
މިހުރިހާ ޖެޓްތަކެއް އެއްކޮށްލުމުން އީރާނުގެ ވައިގެ ސިފައިންގެ ޚިދުމަތުގައި އޮންނަނީ 120 އަށްވުރެ މަދު ފައިޓާޖެޓެވެ. ނަމަވެސް އެސްޔޫ-35 މަރުކާގެ ފައިޓާޖެޓްތަކާއި މިގް-31 މަރުކާގެ ޖެޓްތައް އީރާނަށް އެއްކޮށް ލިބުމުން އީރާނުގެ ވައިގެ ސިފައިންގެ ހާލަތު މުޅިން ބަދަލުވެ ސަރަހައްދުގެ އެންމެ ބާރުގަދަ އެއް އެއާފޯސްއަށް އީރާނުގެ އެއާފޯސްވެގެންދާނެ ކަމަށް ބައިނަލްއަގްވާމީ އަސްކަރީ މަޖައްލާއެއްކަމަށްވާ "އާމީ ސްޓޭންޑަޑް" ބުނެއެވެ. "އާމީ ސްޓޭންޑަޑް" އަކީ ބައިނަލްއަގްވާމީ ތިންކްޓޭންކެއްކަމަށްވާ ސެންޓާފޯ އެނަލިލިސް އޮފް ސްޓްރެޓެޖީސް އެންޑް ޓެކްނޮލޮޖީސް" އިން ނެރޭ މަޖައްލާއެކެވެ.
އީރާނުންވަނީ މިގް-31 މަރުކާގެ ފައިޓާޖެޓްތަކެއް ގަތުމުގެ އެއްބަސްވުމެއްގައިވެސް މީގެ އަހަރުތަކެއް ކުރިން ރަޝިއާއެކު ސޮއިކޮށްފައެވެ.