ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އެއް ވަގުތެއްގައި ރާއްޖޭން ބޭރަށް ވަޑައިގެންފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އެ އިދާރާގެ ޢަމީން ޢާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ ރައީސް ނުރަސްމީ ދަތުރުފުޅެއްގައި އަދި ނައިބު ރައީސް ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރަށް ވަޑައިގަންނަވާފައިވާތީ މިއަދުގެ ޖަލްސާގައި ވެސް ރިޔާސަތު ބަލަހައްޓަވާނީ، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ކަމަށެވެ. މި ހަފުތާގެ ހޯމަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ އޭނާއެވެ.
މިއަދަކީ އޭނާ ވިދިވިދިގެން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ތިންވަނަ ޖަލްސާއެވެ. އެހެންވެ، ދެން އޮންނަ މަޖިލީހުގެ ޖަލްސާގެ ރިޔާސަތެއް އޭނާއަކަށް ނުބެލެހެއްޓޭނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާ ހާލަތެއްގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ވިދިވިދިގެން މަޖިލީހުގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މެންބަރެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، އެފަދަ ފަސް މެންބަރެއް ކަނޑައަޅަން ޖެހެއެވެ. އަދި، ރިޔާސަތު ބަލަހައްޓަން މަޖިލީހުގެ ރައީސާއި ނައިބު ރައީސް އުޒުރުވެރިވެއްޖެ ހާލަތެއްގައި އެ މެންބަރުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނެއެވެ. އެކަމަކު، އެ މެންބަރުންނަށް ވިދިވިދިގެން ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ތިން ޖަލްސާގައެވެ.
އެ ގަވާއިދުގެ ދަށުން މި ދައުރުގައި ރިޔާސަތު ބަލަހައްޓަވާނެ ފަސް މެންބަރުންގެ ގޮތުގައި ކަނޑައަޅާފައިވަނީ، އެއްވަނައަށް މެންބަރު އަފީފެވެ. އަދި، ދެވަނައަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. ތިންވަނައަށް، ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދެވެ. ހަތަރުވަނައަށް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަދި ފަސްވަނައަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ.
އެހެންވެ، ދެން އޮންނަ ޖަލްސާއަކަށް ވެސް މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހާޒިރުނުވެއްޖެ ހާލަތެއްގައި ރިޔާސަތު ބަލަހައްޓަވާނީ މެންބަރު އިބްރާހިމް ޝަރީފެވެ.