ޖޯން ވިކްގެ ފަސްވަނަ ބައެއް ނެރެނީ، މިއީ ފަހު ފިލްމު

ކިއާނޫ ރީވްސް ލީޑުން ފެނިގެންދާ މަޝްހޫރު ފްރެންޗައިޒް "ޖޯން ވިކް"ގެ ފަސްވަނަ ބައެއް ނެރުމަށް ތައްޔާރު ވެއްޖެއެވެ.

ފްރެންޗައިޒްގެ ފަސްވަނަ ބައެއް ރިލީޒްކުރުމަށް ނިންމާފައިވާއިރު އޭގެ ހަތަރުވަނަ ބައި ރިލިޒްކޮށްފައިވަނީ މިދިޔަ ހަފުތާ ބަންދުގައެވެ.

ޖޯން ވިކްގެ ހަތަރުވަނަ ފިލްމަށް ލިބެމުން އަންނަ ކާމިޔާބީއަކީ ފްރެންޗައިޒް އިތުރަށް ކުރިއަށް ގެންދަން ބޭނުންވި ސަބަބެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބެމުން އަންނައިރު ކްރިޓީކުންގެ ފަރާތުން ވެސް އަންނަނީ ބޮޑު ކާމިޔާބީއެއް ލިބެމުންނެވެ.

ފިލްމުގެ ޕްރޮޑިއުސަރުން ބުނެފައިވަނީ ޖޯން ވިކްގެ ފަސްވަނަ ބައެއް ވަރަށް އަވަހަށް ރިލީޒް ކުރާނެ ކަމަށެވެ. ނަމަވެސް އެ ފިލްމަކީ ފްރެންޗައިޒްގެ އެންމެ ފަހު ފިލްމު ކަމުގައި ހަދަން ބޭނުންވާ ކަމަށް ކާސްޓުންނާއި ކްރޫއިން ވަނީ ފާހަގަކޮށްފައެވެ.

ޖޯން ވިކްގެ ފަސްވަނަ ފިލްމު ނެރޭނެ ދުވަހެއް އަދި ނޭނގެއެވެ. ނަމަވެސް އެ ވީހާ ވެސް އަވަހަކަށް އާންމުންނަށް ގެނެސްދިނުމަކީ މުޅި ޓީމްގެ ވެސް އުއްމީދު ކަމަށް ފާހަގަކުރެއެވެ.

މިދިޔަ ހަފުތާ ބަންދުގައި ޖޯން ވިކްގެ ހަތަރުވަނަ ބައި ދައްކަން ފަށާފައިވާއިރު މި ފިލްމުން ފެނިގެން ދާނީ ޖޯން ވިކްގެ ކުރީގެ ރަހުމަތްތެރިންނާ އެކު ފްރެންޗައިޒްގެ ގޯސް އޯގަނައިޒޭޝަން ހައި ޓޭބަލް އިން މިނިވަން ވާން މަސައްކަތް ކުރާ ތަނެވެ.

ފިލްމުގައި ކިއާނޫގެ އިތުރުން ފެނިގެންދާ ހުރިހާ އެކްޓަރުންނަށް ވެސް އަންނަނީ ބޮޑު ތަރުޚީބެއް ލިބެމުންނެވެ. އޭގެ ތެރޭގައި ފުރަތަމަ ފަހަރަށް ފިލްމެއްގައި ބައިވެރިވެފައިވާ ލަވަކިޔުންތެރިޔާ ރީނާ ސަވަޔާމާއަށް ލިބެމުން އަންނަ ތަރުޚީބު އިތުރަށް ފާހަގަކޮށްލެވެއެވެ. ފިލްމުގައި އެހެން ރޯލުތަކުން ދެން ފެންނާނީ ޑޮނީ ޔެން އާއި ސްކޮޓް އެޑްކިންސްގެ އިތުރުން ބިލް ސްކާސްގާޑް އަދި ހިރޮޔޫކީ ސަނާޑާއެވެ.

comment ކޮމެންޓް