މިދިޔަ ހަފުތާގައި ހުމާއި ކޮވިޑު ޖެހުނު މީހުންގެ އަދަދު އިތުރު

އައިޖީއެމްއެޗް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ދުވަސްވަރު ހުމާއި ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި ކޮވިޑު ކޭސްތައް ވެސް އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ އެހެން ހަފުތާތަކާ އަޅާބަލާއިރު މިދިޔަ ހަފުތާގައި ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އޭގެ އަދަދު ފަހުން ހާމަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެންމެ ފަހުން އެޗްޕީއޭއިން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު އިތުރުވެފައިވާ ބަލިތަކުގެ ތެރޭގައި ހިމެނެނީ ލޮލު ރޯގާ އާއި ފާނަބަސަންދާއި އަރިދަފުސް ރޯގާ އާއި ބޭރަށް ހިންގުމެވެ.

އެގޮތުން މި އަހަރުގެ ޖެނުއަރީ މަހު ޖުމުލަ 29،307 މީހުންނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވާއިރު، ފާއިތުވި މަހު އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 30،628 އަށް އަރައިފައެވެ.

އެޗްޕީއޭއިން ވަނީ އަރިދަފުސް ރޯގާ އާއި ހުން ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދިފައެވެ.

މީގެ އިތުރުން ފަހަކަށް އައިސް ކޮވިޑު ޖެހޭ މީހުންގެ އަދަދު ދަށަށް ދާކަން ފާހަގަކުރެވިފައިވާއިރު، މި އަދަދު މިދިޔަ ހަފުތާގައި ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފުތާގައި ޖުމުލަ 16 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ކުރީ ހަފުތާގައި އެ ބައްޔަށް ޕޮޒިޓިވް ވީ 11 މީހުންނެވެ. އަދި މި މަސް ފެށުނު އިރު، ހަ މީހަކު ކޮވިޑަށް ޕޮސިޓިވް ވެފައިވާއިރު، އޭގެ ފަހުން ހަފުތާއަކަށްވުރެ ހަފުތާއެއް ކޮވިޑަށް ޕޮޒިޓިވް ވާ މީހުން އަންނަނީ އިތުރުވަމުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޖުމުލަ 185،771 މީހުން ޕޮޒިޓިވް ވެފައިވާއިރު، އެ ބަލީގައި 311 މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް