ތިން މަހުން ބައި މިލިއަން ފަތުރުވެރިން

ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ފަސް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ރޭ ހިއްސާކުރެއްވި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 500،597 ފަތުރުވެރިންނެވެ. އެއީ 22 ޕަސަންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މާޗް 26އާ ހަމައަށް ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ، 409،426 ފަތުރުވެރިންނެވެ.

ޑރ. މައުސޫމް ވިދާޅުވީ، މި އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން އަމާޒު ހިފާފައިވާ 1.8 މިލިއަން ފަތުރުވެރިންގެ ތެރެއިން ފުރަތަމަ ފަސް ލައްކަ ހަމަވީ ދާއިރާގައި މަސައްކަތް ކުރާ މަސައްކަތްތެރިންގެ ބުރަ މަސައްކަތުން ކަމަށެވެ.

މި މަހުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް 4000އާއި 7000އާ ދެމެދުގެ އަދަދަކަށް ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް ފަސް ލައްކައަސް ވުރެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައި ވާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓުތަކުގެ ތެރޭން އެއްވަނައިގައި ވަނީ ރަޝިޔާއިންނެވެ. އެގޮތުން ރަޝިއާއިން 60،590 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިންނެވެ. އެއީ 52،734 ފަތުރުވެރިންނެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކީ، އިނގިރޭސިވިލާތެވެ. އެ ގައުމުން އައިސްފައި ވަނީ، 45،545 ފަތުރުވެރިންނެވެ.

ކޮވިޑްގެ ކުރިން، 2019ވަނަ އަހަރު ރާއްޖެއަށް ޖުމްލަ 1.70 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއިރު މިދިޔަ އަހަރު ސަރުކާރުން އަމާޒު ހިފީ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އެ އަމާޒަށް ވާސިލުވެ، މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.68 މިލިއަނަށް އެރިއެވެ.

comment ކޮމެންޓް