މިދިޔަ އަހަރު ގިނައިން އައްޔަނުކުރީ އަންހެން ފަނޑިޔާރުން

އަންހެން ފަނޑިޔާރުންގެ ބެންޗަކުން މައްސަލައެއް ބައްލަވަނީ / ފޮޓޯ: ޖޭއެސްސީ

މިދިޔަ އަހަރަށް ވުރެ އޭގެ ކުރީ އަހަރު އަންހެން ފަނޑިޔާރުންގެ ނިސްބަތް 2.7 އިންސައްތަ އިތުރުވެފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.

އެކޮމިޝަނުން އާންމުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު ނިމުނު އިރު ޖުމްލަ 170 ފަނޑިޔާރުން ތިބިއިރު އޭގެ ތެރޭގައި 23 އަންހެން ފަނޑިޔާރުން ހިމެނެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 2.7 އިންސައްތައިގެ ކުރިއެރުމެކެވެ.

ނިމުނު އަހަރު ނުވަ ފަނޑިޔާރަކު އައްޔަންކޮށްފައިވާއިރު، އޭގެ ތެރެއިން ފަސް ފަނޑިޔާރުންނަކީ އަަންހެން ފަނޑިޔާރުންނެވެ. އޭގެ ތެރޭގައި ހައި ކޯޓަށް އައްޔަންކުރި ފަނޑިޔާރު ހުޒައިފާ މުހައްމަދާއި، ފަނޑިޔާރު ދީބަނާޒު ފަހުމީގެ އިތުރަށް ސިވިލް ކޯޓަށް އައްޔަންކުރި ފަނޑިޔާރު ޒުލައިހާ ޝީޒާ ހިމެނެއެވެ.

އަންހެން ފަނޑިޔާރުންގެ ނިސްބަތް އިތުރުވެފައިވާއިރު، ހައި ކޯޓާއި ސުޕްރީމް ކޯޓުގެ މައްސަލަތައް ބަލަން ފުރަތަމަ ފަހަރަށް މުޅީން އަންހެން ފަނޑިޔާރުން ހިމެނޭ ބެންޗެއްވެސް މިދިޔަ އަހަރު އެކުލަވާލާފައިވެއެވެ. ހައި ކޯޓުގައި އޮތް އެ މައްސަލަ ބެއްލެވީ އެ ކޯޓުގައި މިހާރު ތިއްބެވި ތިން އަންހެން ފަނޑިޔާރުންނެވެ.

ސުޕްރީމް ކޯޓުގައި ޖުމްލަ ހަތް ފަނޑިޔާރުން ތިއްބަވާއިރު، އޭގެ ތެރެއިން ދެ ފަނޑިޔާރުންނަކީ އަންހެން ފަނޑިޔާރުންނެވެ.

comment ކޮމެންޓް