ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުގެ ބައެއް ޓަވަރުތަކަށް ކަރަންޓު ފޯރުކޮށްދޭން އަދިވެސް ދެވަރަކަށް ގަޑިއިރު ނަގާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ހިޔާ ފްލެޓަށް ކަރަންޓު ކެނޑިފައި ވަނީ މިއަދު ހަވީރު 5:30 ހާއިރެވެ.
ސްޓެލްކޯއިން ބުނީ، ކަރަންޓު ކެނޑެން މެދުވެރިވީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސިޑޭޝަންގެ ސްވިޗް ގިއާގެ ބަސްބާ ސޯޓު ވުމާ ގުޅިގެން ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް މިހާރު ފުރަތަމަ ޓަވަރުގެ ސަބްސިޑޭޝަންގެ ސްވިޗް ގިއާ ބަދަލުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރަމުންނެވެ.
ސްޓެލްކޯއިން ބުނީ، ކަރަންޓު ކެނޑިފައި ވަނީ ފުރަތަމަ ޓަވަރުން ފެށިގެން އަށްވަނަ ޓަވަރާ ހަމައަށް ކަމަށެވެ. ނަމަވެސް، ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ބައެއް ރައްޔިތުން ބުނި ގޮތުގައި 16ވަނަ ޓަވަރާ ހަމައަށް ވެސް ކަރަންޓު ކެނޑުނެވެ. އެ ޓަވަރުތަކަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ކަރަންޓު ލިބިފައެވެ.
ކަރަންޓު ކެނޑުވު ވަގުތަކީ ރޯދަ ވީއްލާ ވަގުތު ކަމުން ގިނަ ބަޔަކު ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ކުރިމަތިވި ދަތިތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެގޮތުން ހިޔާ ފްލެޓުގެ ގިނަ ރައްޔިތުން ރޯދަ ވީއްލީ ކަނު އަނދިރީގައި ތިބެކަމަށް އެ މީހުން ބުނެފައިވެއެވެ.
ހިޔާ ފްލެޓުގެ އާބާދީ 22000ވުރެ ބޮޑެވެ.