ޝަމްހާއަށް އަނެއްކާވެސް ރެކޯޑެއް، މިފަހަރު އާކުރީ 10 ކިލޯމީޓަރުގެ ރެކޯޑު

ސަމްހާ އަހުމަދު----

ރާއްޖޭގެ ބާރު މެރަތަން ދުވުންތެރިޔާ ޝަމްހާ އަޙްމަދު އަނެއްކާވެސް 10 ކިލޯމީޓަރު ދުވުމުގެ ރެކޯޑު އާކޮށްފިއެވެ.

އުމުރުން 40 އަހަރުގެ ޝަމްހާ 10 ކިލޯމީޓަރު ދުވުމުގެ ރިކޯޑު އާކުރީ މިދިޔަ ހޮނިހިރު ދުވަހު ނެދަލެންޑްސްގެ ވެންލޫޕް ހާފް މެރަތަންގައި ވާދަކޮށް 39 މިނެޓާ 34 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މީގެކުރިން ވެސް އެ ރެކޯޑު އޮންނަނީ ޝަމްހާ އަތުގައެވެ. މިދިޔައަހަރު ސެޕްޓެމްބަރު މަހު ނޯވޭގެ ވެރިރަށް އޮސްލޯގެ މެރެތަންގައި އޭނާ 10 ކިލޯމީޓަރު ދުވުން ވަނީ 40 މިނެޓް 39 ސިކުންތުން ރޭސް ނިންމައިފައެވެ.

ރާއްޖޭގެ ދިގު ދުވުމުގެ ގިނަ ރެކޯޑުތަކެއް ޝަމްހާ ވަނީ ހަދައިފައެވެ. އޭނާ ވަނީ 10 ކިލޯމީޓަރާއި 15 ކިލޯމީޓަރު އަދި 20 ކިލޯމީޓަރުގެ ގައުމީ ރެކޯޑު ހަދައިފައެވެ.

މީގެ އިތުރުން ހާފު މެރަތަންގެ ގައުމީ ރެކޯޑު ވެސް ސަމްހާ ވަނީ އާކޮށްފައެވެ. އޮސްލޯ މެރަތަން ގެ ހާފް މެރަތަން ކެޓަގަރީގައި ވާދަކޮށް ޝަމްހާ ގަައުމީ ރެކޯޑު މުގުރާލީ އެއްގަޑިއިރާއި 27 މިނެޓު 51 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އޭނާ ވަނީ ޖަރުމަނުގައި ބޭއްވި ރޯޑް ރަންގައި ވާދަކޮށް 5 ކިލޯމީޓަރު ދުވުން 20 މިނެޓަށްވުރެެ އަވަހަށް ނިންމި ފުރަތަމަ އަންހެން ދުވުންތެރިޔާގެ ޝަރަފު ވެސް ހޯދައިފައެވެ.

comment ކޮމެންޓް