ޓެލްއަވީވު (27 މާޗް 2023): އިސްރާއީލުގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެންގުޅުއްވާ ޕްލޭނަށް ފާޑުވިދާޅުވި އިސްރާއީލުގެ ދިފާއީ ވަޒީރު ޔޮޔަވް ގަލަންޓެން މަގާމުން ވަކިކޮށްފިއެވެ.
ބޮޑުވަޒީރުގެ އޮފީހުން ބުނީ ނަތަންޔާހޫ މިހާރުވަނީ ދިފާއީ ވަޒީރު ޔޮޔަވް ގަލަންޓެން މަގާމުން ވަކިކޮށްފައިކަމަށާއި ސަރުކާރުގެ ޕްލޭންތަކާ ދެކޮޅުހައްދަވާ ބޭފުޅަކު ކެބިނެޓްގައި ނުބެހެއްޓޭނެ ކަމަށެވެ. އިސްރާއީލުގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ނަތަންޔާހޫ ގެންގުޅުއްވާ ޕްލޭން ބިނާވެފައިވަނީ އެގައުމުގެ ހައިކޯޓާއި ސްޕްރީމް ކޯޓަށް މިހާރު ލިބިފައިވާ ބައެއް ބާރުތައް ގާނޫނެއްގެ ޒަރީއާއިން ކުޑަކުރުމުގެ މައްޗަށެވެ. އަދި ޝަރުޢީ ދާއިރާގެ ބައެއް ބާރުތައް ޕާލަމެންޓަށާއި ޖަސްޓިސް މިނިސްޓްރީއަށް ދިނުމުގެ މައްޗަށެވެ.
މި ޕްލޭން ތަންފީޒު ކުރުމަށްޓަކައި ޕާލަމެންޓަށް ހުށަހަޅާފައިވާ ބިލުގައިވަނީ އިސްރާއީލުގެ ހައި ކޯޓަށް ލިބިގެންވާ ބައެއް ބާރުތައް އެގައުމުގެ ޕާލަމެންޓަށް އަދި އަނެއްބައި ބާރުތައް ޖަސްޓިސް މިނިސްޓްރީއަށް ލިބޭގޮތަށެވެ.
އިސްރާއީލުގެ ޕާލަމެންޓަށް ލިބިދޭ ބާރުތަކުގެ ތެރޭގައި، ގާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ، އިސްރާއީލުގެ ހައި ކޯޓުން ބާތިލުކޮށްފައިވާ ބައެއް ގާނޫނުތައް އަލުން ފާސްކުރުމުގެ ބާރު ހިމެނެއެވެ. އަދި ސުޕްރީމް ކޯޓުން ނިންމާ ނިންމުންތައް ވެސް ޕާލަމެންޓްގެ ސިންޕަލް މެޖޯރިޓީގެ ވޯޓުން ބަދަލުކޮށްލުމުގެ ބާރު މި ބިލްގައި ޕާލަމެންޓަށް ލިބިދެއެވެ. މި ބިލު މިހާރުވަނީ ކޮމިޓީ މަރުހަލާތައްނިމި ޕާލަމެންޓުގެ ތަޅުމަށް ގެންދިޔުމަށް ތައްޔާރުވެފައެވެ.
އިސްރާއީލުގެ ޕާލަމެންޓްގައި އޮތީ ނަތަންޔާހޫގެ ކޯލިޝަން ސަރުކާރުގެ އަޣްލަބިއްޔަތުކަމުން އެބިލް ފާސްކުރުމަކީ ނަތަންޔާހޫއަށް އެއްވެސް ދަތިކަމެއްނޫނެވެ.

އިސްރާއީލުގައި ކުރިޔަށްދާ އެތަށް ލައްކަ ބަޔަކު ބައިވެރިވާ މުޒާހަރާތައް
ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މި ޕްލޭނާ ދެކޮޅަށް އިސްރާއީލުގެ އާންމުންގެ އެތައް ލައްކަ ބަޔަކު މުޒާހަރާކުރަމުން ގެންދާތާ ތިން މަހަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. މިދިޔަ ހަފުތާގައިވެސް މިކަމާދެކޮޅަށް އިސްރާއީލުގެ އެކި ސިޓީތަކުގައި ބައިމިލިޔަން މީހުން މުޒާހަރާކުރިއެވެ. އެއީ އިސްރާއީލުގެ އާބާދީގެ ގާތްގަނޑަކަށް ފަސް އިންސައްތަ މީހުންނެވެ.
ޓީވީ މެދުވެރިކޮށް ދެއްކެވި ވާހަކައެއްގައި ނަތަންޔާހޫގެ ސަރުކާރުގެ އެންމެ ބާރުގަދަ އެއް ވަޒީރުކަމަށްވާ ދިފާއީ ވަޒީރު ޔޮޔަވް ގަލަންޓެން މިިދިޔަ ހޮނިހިރު ދުވަހު ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ނަތަންޔަހޫ ގެންގުޅުއްވާ ޕްލޭނަކީ އިސްރާއީލްގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށާއި އެ ޕްލޭންގެ މަސައްކަތް ވަގުތުން ހުއްޓާލަން ޖެހޭ ކަމުގައެވެ. ގަލަންޓެން އަކީ ނަތަންޔާހޫގެ ކަނާތު ފިޔައިގެ ހަރުކަށި ލިކޫޑް ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ.
އިސްރާއީލުގެ ރައީސް އިސްހާގް ހެރްޒޮގް ވެސް ވަނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ޕްލޭން ކުރިޔަށް ގެންދިޔުމުން އިސްރާއީލު ބައިބައިވެ ދައުލަތް ބަލިކަށިވެ ދާޚިލީ ހަނގުރާމައަކަށް މަގުފަހިވާކަމަށް ވިދާޅުވެ އެޕްލޭން ކުރިޔަށް ނުގެންދިޔުމަށް ނަތަންޔާހޫގެ ކިބައިން އެދިވަޑައިގެންފައެވެ.
ރިޕޯޓްތައް ބުނާގޮތުން ދިފާއީ ވަޒީރު މަގާމުން ދުރުކުރުމަށް ނަތަންޔާހޫ ނިންމެވީ އޭނާގެ ސަރުކާރުގައި ހިމެނޭ ޔަހޫދީ ދީނީ އަދި ގައުމީ ހަރުކަށި ފިކުރުގެ ޕާޓީއެއް ކަމަށްވާ ޖެވިޝް ނެޝަނަލް ފްރަންޓްގެ ލީޑަރު އިތަމާރު ބެންގްވީރުގެ އެދުމަށެވެ. ފަލަސްތީނު ރައްޔިތުން އެމީހުން ވަޒަނުން ބޭރުކުރުމަށް ގޮވާލާ ހައްދު ފަހަނައަޅާފައިވާ ބެންގްވީރަކީ ނަތަންޔާހޫގެ ސަރުކާރުގައި ވަރަށް ބާރުގަދަ ވަޒީރެކެވެ. އޭނާ ހުންނަނީ އިސްރާއީލުގެ އަމަނާބެހޭ ވަޒީރުގެ މަގާމުގައެވެ.
އިސްރާއީލުގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ނަތަންޔާހޫ ކުރައްވާ މަސައްކަތްތަކާ ދެކޮޅު ހެދުމުގެ ގޮތުން އިސްރާއީލުގެ ސިފައިންގެ ތެރޭގައިވެސްވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ރޫހެއް އުފެދިފައެވެ. ޚާއްސަކޮށް އިސްރާއީލު ސިފައިންގެ ރިޒާވް ފޯސްގައި ހިމެނޭ އެތަށް ހާސްބަޔަކުވަނީ އަސްކަރީ އަމުރުތަކަށް ނުކިޔަމަންތެރިކަން ދައްކައި ނަތަންޔާހޫގެ ޕްލޭނާ ދެކޮޅަށް ތެދުވެ އިހުތިޖާޖުތައް ފަށާފައެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު ޔޮޔަވް ގަލަންޓެން މަގާމުން ދުރުކުރުމުން އިސްރާއީލުގެ އެތައް ހާސްބަޔަކުވަނީ ހިފާފައިވާ ގުދުސުގައި ހުންނަ ނަތަންޔާހުގެ ގޭގެ ވަށައިގެން މުޒާހަރާކުރަން ފަށާފައެވެ. މިކަމުގެ ސަބަބުން ނަތަންޔާހޫއަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލުގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ނަތަންޔާހޫ ގެންގުޅުއްވާ ޕްލޭންގެ މައިގަނޑު އެއްބޭނުމަކީ އޭނާގެ މައްޗަށް އިސްރާއީލުގެ ކޯޓުތަކުގައި އުފުލާފައިވާ ކޮރަޕްޝަނާއި އަމާނާތަށް ޚިޔާނާތްތެރިވުންފަދަ ދައުވާތަކުން ސަލާމަތްވާނެ ގޮތުން ހޯދުންކަމަށް ވަނީ ބެލެވިފައެވެ.