ދޫދިނުމެއް ނެތް ކައިޒީން ބައްޕަ ގޮވައިގެން ހައި ކޯޓަށް

ސޯޝަލް މީޑިއާގައި މަޝްހޫރުކަން ހޯދާފައިވާ ކައިޒީން: ބޯޓެއްގެ ރަޖިސްޓްރޭޝަންގެ މައްސަލައިގައި އޭނާ ވަނީ ބައްޕައާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅާފަ -- ފޮޓޯ/ ފޭސްބުކް

ސޯޝަލް މީޑިއާގައި މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް، އާންމު ނަމުން ނަމަ ކައިޒީން، ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން އޭނާގެ ބައްޕައާ ދެކޮޅަށް ނެރެދެން އެދިފައިވާ އަމުރެއް ނެރެން ނުފެންނަ ކަމަށް ސިވިލް ކޯޓުން ނިންމުމުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

ކައިޒީން ވަނީ ބޯޓެއްގެ މިލްކުވެރިކަމާ ގުޅިގެން އޭނާގެ ބައްޕައާ ދެކޮޅަށް ސިވިލް ކޯޓުގައި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ދައުވާކޮށްފައެވެ.

އެ މައްސަލާގައި ކައިޒީން ބުނީ، އޭނާ ހަވާލުކުރި 3.6 މިލިއަން ރުފިޔާ ބޭނުންކޮށްގެން އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅަށް ގަނެދިން ބޯޓު އޭނާގެ ރުހުމެއް ނެތި ބައްޕަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

އެފަހަރު ސިވިލް ކޯޓުން ވަނީ ބޯޓުގެ ރަޖިސްޓްރޭޝަނާ ބެހޭ ގޮތުން ކޯޓުން ގޮތް ނިންމަންދެން ރަޖިސްޓްރީ ބަދަލުނުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދީފައެވެ.

ކައިޒީން މައްސަލަ ހުށަހެޅީ އިބްރާހީމްގެ ނަމުގައިވާ ބޯޓުގެ ރަޖިސްޓްރީ ކައިޒީންގެ ނަމަށް ބަދަލުކޮށްދިނުމުގެ އަމުރަކަށް އެދިއެވެ. ނަމަވެސް، ކައިޒީން އޭނާގެ ބައްޕައާ ދެކޮޅަށް އުފުލާފައިވާ ދައުވާގައިވާ މުދަލުގެ މިލްކުވެރިކަން ބަދަލުވާފަދަ އެއްވެސް ތަސައްރުފެއް ނުކުރުމަށް ވަގުތީ އަމުރެއް ނެރެފައިވުމާއެކު، ކޯޓުން ވަނީ އިތުރު އަމުރެއް ނެރެންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅާފައެވެ.

އެ އަމުރު އިސްތިއުނާފު ކުރުމަށް ކައިޒީންގެ ފަރާތުން ވަނީ ހައި ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

އެ މައްސަލައިގައި އިބްރާހީމް އަލިފުޅުގެ ފަރާތުން ބުނެފައި ވަނީ، ބޯޓު ގަނެފައި ވަނީ ކައިޒީންގެ ފަރާތުން އޭނާއާ އެ މަސައްކަތް ހަވާލުކޮށްގެން ކަމަށް ދައުވާގައި ބުނެފައިވީ ނަމަވެސް ބޯޓު ގަތުމަށް ވެފައިވާ އެއްބަސްވުމުގައި ގަންނަ ފަރާތުގެ ނަމަކަށް އޮންނާނީ އިބްރާހީމް އަލިފުޅުގެ ނަން ކަމަށެވެ. އެހެންކަމުން އެ ބޯޓު ގަނެފައި ވަނީ އޭނާ ކައިޒީންގެ އޭޖެންޓެއްގެ ގޮތުގައި ހުރެގެން ނޫންކަން އެނގޭ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ދަރިންގެ މުދާ މައިންބަފައިން ބޭނުންކުރުމާ މެދު އައިސްފައިވާ ހަދީޘަކުން، ދަރިއެއްގެ މުދަލެއް މައިންބަފައިން ބޭނުންކޮށްގެން އެ ފަރާތެއްގެ މައްޗަށް ދައުވާ ނުކުރެވޭނެކަން ހާމަވާ ކަމަށް އިބްރާހީމް އަލިފުޅުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް