އައްޑޫ ސިޓީގައި ޑެންގީ ހުން އިތުރުވަމުންދާ ކަމަށާއި މި މަހުގެ މިހާތަނަށް 33 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
އައްޑޫ ސިޓީގައި ޑެންގީ ހުން އިތުރުވުމާ ގުޅިގެން އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ޝާފީ މުހައްމަދު ހުސައިން މިއަދު "ސަން"އަށް ވިދާޅުވީ މި މަހު އެކަނި، މިދިޔަ ހުކުރު ދުވަހާ ހަމައަށް ޖުމުލަ 33 މީހުންނަށް ޑެންގީ ޖެހިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެންމެ ގިނައިން އެ ބަލި ޖެހިގެން ރިޕޯޓް ކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދުއިން ކަމަށް އޭނާ ވިދާޅުވިއެވެ.
"މީގެ ތެރޭގައި އެންމެ ގިނައީ ބޮޑެތި މީހުންނަށް ޑެންގީ ޖެހިގެން ރިޕޯޓް ކޮށްފައިވާ ކޭސްތައް،" އޭނާ ވިދާޅުވިއެވެ.
ޝާފީ ބުނިގޮތުގައި އައްޑޫ ސިޓީ ހިތަދުއިން މި މަހު 27 ކޭސް ޑެންގީ ޖެހިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އައްޑޫ ސިޓީ މަރަދުއިން ތިން ކޭސް ރިޕޯޓް ކޮށްފައިވާއިރު، އައްޑޫ ސިޓީ މަރަދޫ ފޭދުއިންނާއި އައްޑޫ ސިޓީ ހުޅުމީދުއިން ވަނީ އެއް ކޭސް ރިޕޯޓްކޮށްފައެވެ.
ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކުރި ހިތަދުއަކީ އައްޑޫ ސިޓީގެ އަވަށްތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު އަވަށެވެ. އައްޑޫގައި ޑެންގީ ހުން އިތުރުވަމުންދާއިރު، އެ ބަލިން ރައްކާތެރިވުމަށް ފަރުވާތެރިވުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އެދެއެވެ.
އެ ބަލިން ސަލާމަތްވުމަށް ޓަކައި މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކޮށް، ފަތިސް ގަޑީގައާއި ހަވީރު އިރުއޮއްސޭ ވަގުތުގައި ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް ވެސް ސިއްހީ މާހިރުން ވަނީ އިލްތިމާސްކޮށްފައެވެ.
ޑެންގީ ޖެހިއްޖެ ނަމަ އަރާމު ކުރުމާއި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި ޕެރެސެޓެމޯލް ބޭނުން ކުރުމަކީ ގޭގައި ދެވިދާނެ ފަރުވާތަކެވެ. އަދި ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެހި ބޭނުން ނުކުރެވޭ ނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން ވެސް މުހިންމެވެ.
މިދިޔަ އަހަރު ޑެންގީ ޖެހޭ މިންވަރު ރާއްޖޭގައި އިތުރު ނަމަވެސް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު ދަނީ ދަށަށެވެ.