ހިތްހަމަނުޖެހުންތައް ހުރި ނަމަވެސް، ކޯލިޝަނުން ވަކިވާ ހާލަތަށް އަދި ނުދޭ: ފާރިސް

ފާރިސް މައުމޫން / ސަން ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ ކޯލިޝަންގައި ހިތްހަމަނުޖެހޭ ކަންކަން ހުރި ނަމަވެސް ކޯލިޝަނުން ވަކިވާން ޖެހޭ ހާލަތަކަށް ނުދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

"މާއްދާ 27" ގެ ނަމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް ކްލަބްހައުސްގައި ކުރިއަށް ދިޔަ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފާރިސް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމާ ގުޅޭގޮތުން ސަރުކާރު ކޯލިޝަނާ ހަމައަށް ޖަވާބު ހޯދަން ލިޔުން ފޮނުވި ނަމަވެސް ގިނަ ކަންކަމުގައި ޖަވާބު ލިބިފައި ނުވާ ކަމަށެވެ. އަދި ގޯސްކޮށް ހިނގާފައިވާ ބައެއް ކަންކަމުގައި ރަސްމީކޮށް ޚިޔާލު ފާޅުކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް މިހާތަނަށް އައިއިރު ކޯލިޝަނުން ވަކިވާން ޖެހޭ ހާލަތަކަށް އައިސްފައި ނުވާކަން ފާހަގަކޮށް ފާރިސް ވިދާޅުވީ އެމްއާރުއެމުން އޮތީ ފަސް އަހަރު ދުވަހު އެކުގައި މަސައްކަތް ކުރުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ.

ކޯލިޝަނުން ވަކިވާ ހިސާބަށް ނުދިޔަ ނަމަވެސް، އެމްއާރުއެމްގެ ކަންބޮޑުވުންތައް ހުރި މައްސަލަތަކުގައި އެ ޕާޓީގެ ލީޑާޝިޕާއި، އެކްސްކޯ ހިތްހަމަޖެހޭ ފެންވަރަކަށް ކުރިއެރުން ލިބިފައި ނެތް ކަމަށް ފާރިސް ވިދާޅުވިއެވެ.

އެގޮތުން، ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދިއުމާއި، ސިޔާސީ ނުފޫޒު ކަންކަމުގެ ތެރެއަށް ވަދެގެން ދިއުމާއި، ކޮރަޕްޝަންގެ ކަންކަން ފުޅާވެފައި އޮތް މިންވަރާއި ޖިނާއީ އަދުލުގެ ނިޒާމް ދޯދިޔާވެފައި އޮތް މިންވަރު ފާރިސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ފާރިސް ވަނީ މަސްތުވަތަކެތީގެ މައްސަލައަށް އެއްވެސް ވަރެއްގެ ހައްލެއް ލިބިފައި ނުވާ ކަމަށާއި، ޖިނާއީ އަދަލުގެ ނިޒާމް އެކަންކަމުގެ މައްޗަށް ހިނގާ ގޮތާއި މެދު ހިތްހަމަ ނުޖެހޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް ފަށާފައިވާއިރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސް ޞާލިޙްއަށް ތާއީދުކުރަން މިހާތަނަށް ނިންމާފައިވަނީ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިންނެވެ.

ފާރިސް ހާމަކުރެއްވި ގޮތުގައި، އިންތިހާބާ ގުޅޭގޮތުން އެމްޑީޕީ، އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީއާއެކު ބައްދަލުކުރައްވާފައިވާ ކަމަށާއި ނަމަވެސް އަދި އެއްވެސް ޕާޓީއާއެކު ވަކިކަމަކަށް އެއްބަސްވުމަކަށް އާދެވިފައި ނެތެވެ. އަދި، ރިޔާސީ އިންތިހާބާ ގުޅުންހުރި މަސައްކަތްތަކެއް އެމްއާރްއެމުން ކުރަމުންދާ ކަމަށާއި، އިންތިހާބުގައި ވާދަކުރުމާ ގުޅޭގޮތުން އޭނާގެ ނިންމެވުމެއް ބިނާވެގެންދާނީ އެމްއާރްއެމުން ނިންމާ ގޮތެއްގެ މައްޗަށް ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

comment ކޮމެންޓް