ފުވައްމުލަކު އައު ހޮސްޕިޓަލްގެ ކުރެހުންތައް ދައްކާލައިފި

ފުވައްމުލަކުގައި އަޅަން ނިންމާފައިވާ އައު ހޮސްޕިޓަލްގެ ކުރެހުން

ކުޑަކުދިންނާއި އަންހެނުންގެ ބަލިތަކަށް ޚާއްސަ ކޮށްގެން ފުވައްމުލަކުގައި އަޅަން ނިންމާފައިވާ އައު ހޮސްޕިޓަލްގެ ކުރެހުން ދައްކާލައިފިއެވެ.

ކުރެހުން ދައްކާލި ނަމަވެސް ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް އަދި އެއްވެސް ހަވާލުކޮށްފައެއް ނުވެއެވެ. އެ މަސައްކަތް ފަށާނެ ވަކި ތާރީޚެއް ވެސް އަދި އިއުލާން ކޮށްފައެއް ނުވެއެވެ. ކުވައިތު ފަންޑުން ހަރަދުކޮށްގެން އިމާރާތް ކުރުމަށް އިއުލާންކޮށްފައިވާ މި ހޮސްޕިޓަލް އަޅަން ބޭނުންވާ ފައިސާ ވެސް އަދި ހަމަ ނުޖެހެއެވެ.

މިދިޔަ މަހު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ، މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، ކުވައިތު ފަންޑުން ހަރަދު ކޮށްގެން އިމާރާތް ކުރާ ހޮސްޕިޓަލްތައް އެޅުމަށް ބޭނުންވާ ފައިސާ ހަފްތާއެއްގެ ތެރޭގައި ހަމަޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް ފާއިތުވި ހަފްތާ އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ އެ މަޝްރޫތަކަށް ބޭނުންވާ ފައިސާ އަދި ހަމަޖެހިފައިނުވާ ކަމަށާއި، އެކަން މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށެވެ.

ހޮސްޕިޓަލްގެ ކުރެހުމަށް ބަލާއިރު، އެއީ މުޅީން ތަފާތު ޑިޒައިން އަކަށް ފަރުމާކޮށްފައިވާ އިމާރާތެއް ކަން ފާހަގަ ކޮށްލެވެއެވެ. ފަންސާސް އެނދުގެ ޖާގައިގެ މި ހޮސްޕިޓަލް އިމާރާތް ކުރަން ހަމަޖެހިފައިވަނީ މިހާރުވެސް ފުވައްމުލަކު ހޮސްޕިޓަލް ހިންގަމުން އަންނަ އިމާރާތާއި އިންވެގެންނެވެ.

އަލަށް ހޮސްޕިޓަލްތައް އިމާރާތް ކުރަން ހަމަޖެހިފައިވަނީ ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލީގެ އިތުރުން ތ. ވިލުފުށީގައެވެ. މި ރަށްތަކުގައި އަޅާ ހޮސްޕިޓަލްތަކަކީ 30 އެނދުގެ ހޮސްޕިޓަލްތަކެވެ.

comment ކޮމެންޓް