ތިން މަހުން ގާތްގަނޑަކަށް ފަސްލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި ތިން މަސް ތެރޭގައި ގާތްގަޑަކަށް ފަސް ލައްކަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީއިން ނެރުނު ތަފާސް ހިސާބުތަކުން ދާއްކާގޮތުން މި އަހަރުގެ މިހާތަނަށް، 483,524 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރެކޯޑުތަކުން ދައްކާ ގޮތުގައި 2021 ވަނަ އަހަރުގެ މި މުއްދަތުގައި 266،754 ފަތުރުވެރިން ރާއްޖެ ޒިޔާރާތް ކުރިއިރު މިދިޔަ އަހަރު ޒިޔާރަތްކުރީ 394،204 ފަތުރުވެރިންނެވެ. އެހެންކަމުން މި އަހަރުގެ މި މުއްދަތުގައި ނިމިދިޔަ އަހަރަށް ވުރެ 22.7 ޕަސެންޓު އިތުރު ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާގެ ފަތުރުވެރިންނެވެ. އެގޮތުން ރަޝިޔާގެ 59،987 ފަތުރުވެރިއަކު ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިޔާއިން 52،276 ފަތުރުވެރިއަކު ވަނީ ޒިޔާރަތްކޮށްފައެވެ. އަދި އިނގިރޭސިވިލާތުން 44،839 ފަތުރުވެރިއަކު ޒިޔާރަތްކުރިއިރު، އިޓަލީއިން 43،267 ފަތުރުވެރިއަކު ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ޢާންމުގޮތެއްގައި ރާއްޖޭގައި މަޑުކުރަނީ އަށް ދުވަހުއެވެ.

ޓޫރިސްޓުން މަޑުކުރާ ތަންތަނަށް ބަލާއިރު، ރާއްޖޭގައި ހަދާފައިވާ 173 ރިސޯޓުގެ ތެރެއިން 169 ރިސޯޓެއް އޮޕަރޭޓް ކުރާއިރު، އެއީ އެނދުގެ ނިސްބަތުން ބަލާއިރު 41،141 އެނދެވެ. އަދި 13 ހޮޓެލުން 1640 އެނދު، 894 ގެސްޓް ހައުސް އިިން 14،642 އެނދުގެ އިތުރުން، 153 ސަފާރީއަކުން 2،959 އެނދު ދަނީ އޮޕަރޭޝަނުގައި ބޭނުން ކުރަމުންނެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖެއަށް މި އަހަރު 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މި އަދަދަށް ޓޫރިސްޓުން އައިސްފިނަމަ، 1.7 މިލިއަން ޓޫރިސްޓުން އައި 2019 ވަނަ އަހަރުގެ ރެކޯޑު މުގުރާލެވޭނެއެވެ.

comment ކޮމެންޓް