ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ ނަޝީދު ތާއީދުކުރައްވާ ކެންޑިޑޭޓު: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) / ފޮޓޯ: ޓްވިޓާ

މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވާ ކެންޑިޑޭޓު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ، "ފިކުރެއްގެ ދިރުން" އަކީ މިފަހަރުގެ "ކިންގްމޭކާ" ކަމަށް ވިދާޅުވެ ކުރި ޓްވީޓަކާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެމުންނެވެ.

ކިންގްމޭކާ އަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމަށް ނިސްބަތްކޮށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ބޭނުންކޮށް އުޅޭ ބަހެކެވެ. އެއީ އާ ގާނޫނުއަސާސީ ވުޖޫދުވުމަށް ފަހު މިހާތަނަށް ބޭއްވި ކޮންމެ އިންތިޚާބެއްގައި ވެސް ގާސިމް ތާއީދު ކުރައްވާ، ކެންޑިޑޭޓުން އިންތިޚާބު ކާމިޔާބު ކޮށްފައިވާތީއެވެ.

ޓްވީޓުގައި ބުނި ވާހަކަތައް އޮޅުންފިލުއްވައިދެއްވަމުން އިންތި ވަނީ، މި ފަހަރު ގައުމުގެ ވެރިކަމަށް އަންނާނީ ނަޝީދާއި ފިކުރެއްގެ ދިރުން ހަރަކާތުން ތާއީދު ކުރައްވާ ކެންޑިޑޭޓެއް ކަމަށް ވަރަށް ޔަގީންކަމާ އެކު ވިދާޅުވެފައެވެ.

ރައީސް ނަޝީދު މި ފަހަރު ނަންގަވާ ދިމާ އެއީ ކާމިޔާބު ވާނެ ދިމާ. ރައީސް ނަޝީދު ޖޭޕީގެ ސައިޑް ނަންގަވާނަމަ ޖޭޕީ މޮޅުވާނެ ކަމަށް އަޅުގަނޑުމެން ހިސާބުތަކުން ދައްކަނީ. މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)

މީގެ އިތުރުން އިންތި ވަނީ، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވެން އޮތް ހަނި ފުރުސަތު ވެސް މިހާރު ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ.

ސަބަބަކީ އިންތިޚާބު ކާމިޔާބު ކުރުމަށް އޮތް ހަމައެކަނި ފޯމިއުލާއަކީ ކޯލިޝަނަކާ އެކު ކުރިއަށް ގޮސްގެން ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އެ މަނިކުފާނު އުންމީދު ކުރެއްވި ގޮތާ ޚިލާފަށް ކޯލިޝަން ރޫޅިގެން ގޮސްފައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިގެ އެ ވާހަކަތައް ގުޅުވާލީ، ރިޔާސީ އިންތިޚާބުގައި ވަކިން ނުވަތަ ޖޭޕީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ވާދަކުރާނެކަން ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ނިންމި ނިންމުމާއެވެ. ޖޭޕީން މި ގޮތަށް ނިންމީ އެމްޑީޕީއާ އެކީ ކޯލިޝަން ހަދަން ރައީސް ޞާލިޙް ދައުވަތު ދެއްވާފައި ވަނިކޮށެވެ.

އެ ޕާޓީން އަންނަނީ "ފިކުރެއްގެ ދިރުން" ފެކްޝަނާ އެކު މެނިފެސްޓޯއެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންނެވެ. މެނިފެސްޓޯއެއްގެ މަސައްކަތް ފެށި ނަމަވެސް، މިއިން އެއްވެސް ފަރާތަކުން ރިޔާސީ އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވާކަން ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.

comment ކޮމެންޓް