ފެބް ފިހާރައިން ހިލޭ ޤުރުއާން އަޅައިދިނުން، ފެށުނީއްސުރެ ވެސް އާދައެއް

ހިލޭ ޤުރުއާން އަޅައިދޭ ކަމަށް ބުނެ ކޮށްފައިވާ އިއުލާން-- ސަން ފޮޓޯ

ފެބް ފިހާރައިން އިލެކްޓްރޯނިކް ޑިވައިސްތަކަށް ހިލޭ ކީރިތި ޤުރުއާން އަޅައިދޭ ކަމަށް އެ ފިހާރައިގެ ބޭރުގައި އިޝްތިހާރު ކޮށްފައި ހުއްޓެވެ. އެކަމާ ޝައުގުވެރިކަން އުފެދި، ފިހާރައިގެ ވެރިމީހާއަށް ގުޅާލާ ވާހަކަ ދައްކާލީމެވެ.

ފިލްމާއި ސީރީޒް ވެސް އަޅައިދޭ ފެބް ފިހާރައިގެ ވެރިޔާ، އަލިމަނިކު (އަލީ)އާ ދެކެވުނު ވާހަކައިން އެނގުނީ މިއީ އޭނާ ކޮންމެ އަހަރަކު ރަމަޟާން މަހު އާދަވެގެން ކުރާކަމެއް ކަމެވެ.

"ކޮންމެ އަހަރަކު ވެސް ޝައުބާން މަހު ޤުރުއާން އޯޑިއޯ އަޅައިދޭން ފަށަނީ. ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް އެކި ޑިވައިސް ތަކަށް ޤުރުއާން އަޅައިދެން،" އަލީ ބުންޏެވެ.

ފެބް ފިހާރަ: ކޮންމެ ރޯދަ މަހަކު ވެސް އެ ފިހާރައިން ހިލޭ ޤުރުއާން އަޅައިދޭ-- ފޮޓޯ: ފެބް ފިހާރަ

އެހެންކަމުން ޤުރުއާން އެޅޭފަދަ އެއްވެސް ވަސީލަތެއް ހިފައިގެން ފެބް ފިހާރައަށް ޤުރުއާން އަޅަން ދިއުމުން އެ ފިހާރައިން އެކަން ކޮށްދޭނެކަމަށް އަލީ ބުންޏެވެ.

"އައިފޯނަށް ޤުރުއާން އަޅަން އެންމެ އުނދަގުލީ. އެކަމަކު ހަމަ ޤުރުއާން އޯޑިއޯ އެޅޭކަހަލަ ކޮންމެ އެއްޗަކަށް ވެސް އަޅައިދެން،" އަލީ ބުންޏެވެ.

އޭނާ ބުނީ މިއީ މީހުނަށް ހެޔޮ ކަމެއް ކޮށްދިނުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށެވެ. އެގޮތުން ފެށުނީއްސުރެ ވެސް އޭނާ ރަމަޟާން މަހަށް ޚާއްސަކޮށް މީހުނަށް ހިލޭ ޤުރުއާން އަޅައިދޭކަމަށް އޭނާ ބުންޏެވެ.

އަލިމަނިކަކީ އަބަދު ވެސް ވިޔަފާރި ކުރާ މީހެކެވެ. އެގޮތުން އޭނާ ކުރިން ޑޭޓާ ޓްރާންސްފާ ކުރުމުގެ މަސައްކަތް ކުރިއެވެ. އޭރު ވެސް އޭނާ ރަމަޟާން މަހު މީހުނަށް ހިލޭ ޤުރުއާން އޯޑިއޯ އަޅައިދިނުމުގެ މަސައްކަތް ކުރިއެވެ.

"އަޅުގަނޑަކީ އަބަދު ވެސް ވިޔަފާރި ކުރާ މީހެއް ފެށުނީއްސުރެ ވެސް. އެހެންވީމަ ހަމަ އެންމެ ކުރިން ވެސް އަޅުގަނޑު ކޮށް އުޅުން ކަމެއް މީ،" އަލީ ބުންޏެވެ.

އިލެކްޓްރޯނިކް ސާމާނު ވިއްކާ ފެބް ފިހާރައަކީ، އަމީނީ މަގުގައި ގިޔާސުއްދީން ސްކޫލް ކައިރި ހުންނަ ފިހާރައެކެވެ.

comment ކޮމެންޓް