ޤުރުއާން ބާވައިލެއްވި މައްސަރު އެފޮތަށް އޮންނަ ލޯބި އިތުރުކުރަން ޖެހޭ: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް / ފޮޓޯ: ރައީސް އޮފީސް

ކީރިތި ޤުރުއާން ބާވައިލެއްވި މާތް ރަމަޟާން މައްސަރު ދިވެހީންގެ ހިތްތަކުގައި އެފޮތަށް ދެވިފައިވާ ލޯބި އިތުރުކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެއެވެ.

ރިއަލިޓީ ޝޯއެއްގެ ގޮތުގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތްކަމުގައިވާ، "ރަންތާޖު" ޤުރުއާން މުބާރާތް އިފުތިތާހްކޮށްދެއްވައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޤުރުއާން މުބާރާތެއް ބޭއްވުމުގެ މަގްސަދު އެއްވެސް ހާލެއްގައި ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އަދި މި ރަމަޟާން މަހު ޤުރުއާން ކިޔެވުމަށް އިތުރު އިސްކަމެއް ދިނުމަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ނައިބު ރައީސް ވަނީ މިމުބާރާތް ރާވައި އިންތިޒާމްކުރުމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކާއި މުބާރާތަށް އެހީތެރިވެދެއްވާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އަދި، ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ޤުރުއާން މުބާރާތްތައް ބޭއްވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަމުގެ މައްޗަށް ވެސް އެމަނިކުފާނުގެ ވާހަކައިގައި އަލި އަޅުއްވާ ލެއްވިއެވެ.

"ރަންތާޖު" ޤުރުއާން މުބާރާތް އިފްތިތާހްކޮށްދެއްވުން / ފޮޓޯ: ރައީސް އޮފީސް

ރަމަޟާން މަހަކީ ޤުރުއާނުގެ މައްސަރު، ރަމަޟާން މަހަކީ އެމަހެއްގައި ޤުރުއާން ބާވައިލެއްވުނު މައްސަރު. އަޅުގަނޑުމެން ދިވެހިރާއްޖޭގައި ޒަމާނުއްސުރެން ފެށިގެން ޚާއްސަކޮށް ރަށްރަށުގައި ދެނަމާދު ދޭތެރޭގައި ހިނގާލާއިރު ކޮންމެ ގެއަކުންވެސް އިވެނީ ޤުރުއާން ކިޔަވާ އަޑު. ޤުރުއާނަށް އެއޮންނަ ލޯބި އެއީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ތާ އަބަދު އޮންނަ ކަމެއް. މިއަދު މިފަދަ މުބާރާތެއްގެ މަގްސަދަކަށް ވެގެން ދަނީ އިތުރަށް ލޯބި ޖައްސައި، ޚާއްސަކޮށް ރިވެތިކޮށް ތަޖުވީދުގެ މަގުން ޤުރުއާން ކިޔެވުމަށް ބާރުއެޅުން. ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް

"ރަންތާޖު" ޤުރުއާން މުބާރާތް އިފްތިތާހްކުރުން / ފޮޓޯ: ރައީސް އޮފީސް

މީގެއިތުރުން ނައިބު ރައީސް ވިދާޅުވީ، ޤުރުއާން ކިޔެވުމުގެ އިތުރުން އެފޮތުގައި ބަޔާންކޮށްފައިވާ ވާހަކަތައް ދެނެގަންނަން ޖެހޭ ކަމަށެވެ. ޤުރުއާނުގައި ހިފައިފި އިންސާނަކަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ޤުރުއާނުގައި ބަޔާންކޮށްފައިވާ ގޮތަށް އެންމެންގެ އަމަލުތައް ބެހެއްޓުމަށް އަޒުމު ކަނޑައަޅަން ޖެހޭ ކަމަށެވެ.

އަދި މިއަދު އިސްކަން ދޭން ޖެހޭ ކަމަކީ މުޖުތަމައުގެ ތެރޭގައި އެކަކު އަނެކަކަށް އިހްތިރާމްކޮށް އެކަކު އަނެކަކަށް އަޅާލުން ކަމަށާއި ދުނިޔެ މަތީގައި ކުރެވޭނެ އެންމެ ހެޔޮ ކަމަކީ އެހެން މީހުންނަށް ހެޔޮކޮށް ހިތައި، ހެޔޮ ބަސް ބުނެ، ހެޔޮ މަގު ދައްކައި ދިނުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ރަންތާޖު" ޤުރުއާން މުބާރާތް އިފްތިތާހްކުރުން / ފޮޓޯ: ރައީސް އޮފީސް

"ރަންތާޖު" ޤުރުއާން މުބާރާތަކީ އިސްލާމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީއާއި ރާއްޖެ ޓީވީ ގުޅިގެން މި ރޯދަމަހު ކުރިއަށްގެންދާ މުބާރާތެކެވެ.

އެ މުބާރާތުގެ ފުރަތަމަ ޝޯ މިރޭ ވަނީ ރާއްޖެޓީވީން ދައްކާފައެވެ. މި މުބާރާތުގެ އޮޑިޝަން ރާއްޖޭގެ ހަ ސަރަހައްދެއްގައި ބާއްވާފައިވާއިރު، މުބާރާތުގެ އޮޑިޝަންގައި 111 ފަރާތަކުން ބައިވެރިވިއެވެ.

އެ މުބާރާތަށް ތިން ލައްކަ ރުފިޔާގެ ފައިސާގެ އިނާމްވަނީ ހުށަހަޅާފައެވެ.

comment ކޮމެންޓް