އައްޑޫ ސިޓީގައި އެއްފަހަރާ 1500 މީހުންނަށް ނަމާދުކުރެވޭ އިސްލާމީ މަރުކަޒެއް އިމާރާތްކުރަނީ

އައްޑޫ އިސްލާމިކް ސެންޓަރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އައްޑޫ ސިޓީ ހިތަދޫގައި އެއްފަހަރާ 1500 މީހުންނަށް ނަމާދު ކުރެވޭ އިސްލާމީ މަރުކަޒެއް އިމާރާތްކުރަން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާގައި އެކަމަށް ޚާއްސަކޮށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއާއި ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު މުސްތަފާ ލުތުފީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރާއި މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

އައްޑޫ ސިޓީގެ އިސްލާމީ މަރުކަޒު ތަރައްގީކުރުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައި ވަނީ ފީޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. ފީޑޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ފަޔާޒެވެ.

ރައީސް އޮފީހުން ބުނީ، ދެ ފަންގިފިލާ ހިމެނޭ އެ އިމާރާތުގައި 1500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބައެއް ހިމެނޭނެ ކަމަށެވެ. އަދި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި ހަތަރު ކްލާސްރޫމާއި ދެ ސެމިނާ ރޫމްގެ އިތުރުން އިދާރީ އޮފީހެއް ވެސް ހިމެނޭނެ ކަމަށް އޮފީހުން ބުންޏެވެ.

އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އައްޑޫ އިސްލާމިކް ސެންޓަރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، މިއީ މާލެއިން ބޭރުގައި މިނިސްޓްރީގެ ފަރާތުން މިފަދަ މަސައްކަތެއް ކުރާ ފުރަތަމަ ފަހަރުކަމަށެވެ. އަދި އައްޑޫގައި އިސްލާމީ މަރުކަޒު ބިނާކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައި ވާކަމަށާއި، މި އިސްލާމިކް މަރުކަޒަކީ އައްޑޫގެ ރައްޔިތުންގެ ދިގު އިންތިޒާރެއްގެ ނިމުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު އުންމީދު ކުރަން ރައްޔިތުންގެ އެ އުންމީދުތަކާ އެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތަށް ލަސްތަކެއް ނުވެ މި އިސްލާމިކް ސެންޓަރު ނިންމާލާފަ ރައްޔިތުން ބޭނުންކުރުމުގެ މަގު ފަހިކޮށްދެއްވާނޭ ކަމަށް،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އިސްލާމިކް ސެންޓަރުގެ މަސައްކަތް ލަސްވާ ކޮންމެ ދުވަހަކީ ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ކުރިމަތިވާނޭ ދުވަހެއް ކަމަށެވެ. އަދި މި މަރުކަޒުގެ މަސައްކަތަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ދޭންޖެހޭ އެހީތެރިކަން ދޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ސަރުކާރުން ޚަރަދުކޮށްގެން އައްޑޫގައި މިސްކިތެއް ނާޅާތާ ވަރަށް ގިނަ ދުވަސް ވެއްޖެކަމަށެވެ. ނަމަވެސް މި ދައުރުގައި އައްޑޫގައި ފަސް މިސްކިތް އެޅުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އޭނާ ވިދާޅުވިއެވެ.

"މި މިސްތިތްތަކާ އެކު އަޅުގަނޑު އުންމީދު ކުރަނީ އައްޑޫއަކީ ދީނީ ކަންކަމުގައި ޚާއްސަކަން ދެވިގެން ގިނަ އިލްމުވެރިން އުފެދި، ރައްޔިތުން ވެސް މިހާރަށް ވުރެ ބޮޑަށް ދީނީ ކަންކަމަށް ޚާއްސަކަން ދޭ ތަނެއްގެ ގޮތުގައި ވެގެންދާނެ ކަމަށް،" މޭޔަރު ވިދާޅުވިއެވެ.

comment ކޮމެންޓް