އިންޑިއާގެ އިދިކޮޅު އިސް ލީޑަރު ރާހުލް ގާންދީ ޖިނާއީ އަބުރުގެ މައްސަލައެއްގައި ދެ އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން އޭނާއަށް ގެއްލިއްޖެއެވެ.
ރާހުލް ގާންދީ އައީ ކެރެލާގެ ދެކުނު ސްޓޭޓް, ވަޔަނާޑްގެ މަޖިލިސް މެމްބަރު ކަމުގެ މަގާމް ފުރަމުންނެވެ.
އޭނާ މެމްބަރުކަމުން ވަކިކޮށްފައިވަނީ އެ ގައުމުގެ މަޖިލީހުގެ ދަށުގޭގެ އޮފީހުން ނެރުނު އަމުރަކާ ގުޅިގެންނެވެ. މި އަމުރު ނެރެފައިވަނީ ގުޖުރާތު ސްޓޭޓްގެ ލޯކަލް ކޯޓުން އަބުރުގެ މައްސަލައާ ގުޅިގެން ކުރި ހުކުމަކުން އޭނާގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެންނެވެ.
އިންޑިއާގެ ގާނޫނު އަސާސީގައި އޮންނަ ގޮތުން، އިންތިޚާބީ މަގާމެއްގައި ހުރި އޮފިޝަލަކަށް ދެ އަހަރު ނުވަތަ އެއަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފި ނަމަ އެ މީހަކަށް މަގާމު ގެއްލޭނެއެވެ.
ގުޖުރާތުގެ ޑިސްޓްރިކްޓް ކޯޓަކުން ރާހުލް ޖަލަށް ލާން ހުކުމްކުރީ 2019 ވަނަ އަހަރުގެ އާންމު އިންތިޚާބުގެ ކެމްޕޭން ތެރެއިން 'މޯދީ'، އެ ނަމާ ބެހޭ ގޮތުން އޭނާ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އެގޮތުން ކުށުގެ ތަފާތު މައްސަލަތަކުގައި ތުހުމަތު ކުރެވޭ މުއްސަނދިން ކަމަށްވާ ނިރަވް މޯދީ އާއި ލަލިތު މޯދީ ފަދަ އެންމެންގެ އާއިލީ ނަމަކަށް 'މޯދީ' ވަނީ ކީއްވެގެންތޯ އޭނާ ސުވާލު ކުރެއްވިއެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅީ ގާނޫނު ހަދާ މަޖިލީހުގެ، ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ މެމްބަރެއް ކަމަށްވާ ޕުރުނޭޝް މޯދީއެވެ. އޭނާ ހުށަހެޅި މައްސަލައިގައި ވަނީ ގާންދީގެ ވާހަކަފުޅުގެ ސަބަބުން 'މޯދީ'ގެ ނަން ކިޔާ އެންމެންގެ އަބުރަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.
ރާހުލްގެ ކޮންގްރެސް ޕާޓީން ވަނީ އެ ހުކުމަކީ ގޯސް ހުކުމެއް ކަމަށް ބުނެފައެވެ. އަދި އިދިކޮޅުން ވަނީ މިކަމާ ގުޅިގެން ވެރި ރަށް ދިއްލީގައި މުޒާހަރާ ހިނގާލުމެއްވެސް ބާއްވައިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރާ ދެކޮޅަށް އިތުރު މުޒާހަރާތަކެއް ކުރަން ރާވާފައިވާ ކަމަށް އެ ކޮންގްރެސްއިން ވަނީ ބުނެފައެވެ.
އިންޑިއާގެ ޓީވީ ޗެނަލްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ މަދު މެމްބަރުންތަކެއް އެ ސަރަހައްދުން ބޭރަށް ނުކުތުން އެ ގައުމުގެ ސަލާމަތީ ފަރާތްތަކުން ވަނީ ހުއްޓުވާފައެވެ.
ރާހުލްއަށް ތާއީދުކޮށް އިދިކޮޅު ބައެއް ޕާޓީތަކުން ވަނީ އޭނާގެ ދިފާއުގައި ނުކުމެފައެވެ.