ކަދުރު ރުއްތަކުގެ ބުޑުގައި އިންދި ބޯގަންވިލާ ގަސްތައް ވަގަށް ނަގަނީ

ކައުންސިލުން އިންދި ކަދުރު ރުއްތައް ހުރި ޕިޓް ތަކުގައި އެކި ކުލަކުލައިގެ ބޯގަންވިލާ ގަސް ވަނީ އިންދާފައި--- ފޮޓޯ/ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން، ބޮޑުތަކުރުފާނު މަގުގައި އިންދާފައިވާ ކަދުރު ރުއްތަކުގެ ޕިޓުގައި އިންދި ބޯގަންވިލާ ގަސްތައް ވަގަށް ނަގަމުންދާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

ރަމަޟާން މަހާ ދިމާކޮށް، ބޮޑުތަކުރުފާނުމަގު ޒީނަތްތެރި ކުރުމުގެ ގޮތުން، ސިޓީ ކައުންސިލުން ވަނީ ކުލަކުލައިގެ ބޯގަންވިލާ ގަސް އިންދާފައެވެ.

ނަމަވެސް ސިޓީ ކައުންސިލުން މިއަދު ބުނީ އެ ގަސްތައް ވަގަށް ނަގަމުންދާ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އެދޭ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ ޗާލު މާލެ ސިޓީ އަމާޒަށް ވާސިލުވުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

މާލެއަކީ ފެހިކަން ގަދަ، މޭވާ އަޅާ، ފައިދާ ހުރި ގަސްތައް ގިނަ ޗާލު ސިޓީއަކަށް ހެދުމަށް ސިޓީ ކައުންސިލުން ވަނީ ޚާއްސަ ޕްރޮގްރާމެއް ވެސް ފަށާފައެވެ. އެގޮތުން މާލޭގައި އެއްލައްކަ ގަސް އިންދުމުގެ މަޝްރޫއެއް އެ ކައުންސިލުން ވަނީ ފަށާފައެވެ.

އެކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގައި އިންދަން ނިންމާފައިވަނީ އެކި ވައްތަރުގެ މާއަޅާ ގަސްތަކުގެ އިތުރުން އަނބު، ސައްކެޔޮ، ޖަނބުރޯލު ފަދަ މޭވާ އަޅާ ގަސް ކަމަށެވެ.

comment ކޮމެންޓް