އިންތިޒާރުކުރި ވަގުތު އައިސް ޖެހިއްޖެ!

މަގެއްގެ ދެފަރާތުގައި ހެދިފައިވާ ގަސްތަކުގައި މައު އަޅާފައި --- ފޮޓޯ/ ހައުސިން.ކޮމް

އިޚުލާޞްތެރި މުސްލިމުން އެމަހަކަށްޓަކައި އިންތިޒާރުކުރަމުންދިޔަ ބަރަކާތްތެރި ރަމަޟާންމަސް އެއުރެންނާ ބައްދަލުކޮށްފިއެވެ. އުފާވެރިކަން ހުއްޓެވެ. މި މާތް މައްސަރު ކުރިމަތިވާހިނދު، އެކަމުގެ އުފާވެރި ޚަބަރު ދެއްވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާ ބަސްފުޅުތަކުގައި ވެއެވެ. "ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް ރަމަޟާންމަސް އަތުވެއްޖެއެވެ. އެއީ ބަރަކާތްތެރި މަހެކެވެ. އެމަހުގައި ރޯދަ ހިފުން އެއީ ތިޔަބައިމީހުންގެ މައްޗަށް އޮތް ފަރުޟެއްކަމުގައި ﷲ ލެއްވިއެވެ. އެމަހުގައި ސުވަރުގޭގެ ދޮރުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ލެއްޕޭހުއްޓެވެ. އަދި ޝައިޠާނުން ކަސްތަޅު އެޅުއްވޭހުއްޓެވެ. އެއްހާސް މައްސަރުގެ ހެޔޮކަމަށްވުރެ ގިނަ ހެޔޮކަން އެކުލެވިގެންވާ ރެޔެއް އެމަހުގައި ވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެމީހާ އެވަނީ ޔަގީނުންވެސް ހެޔޮކަމުން މަޙްރޫމުވެފައެވެ."(އަޙްމަދު: 9213 ، ނަސާއީ: 2106)

އާއްމުކޮށް އަންގަވާފައިވާ ގޮތުގައި، ﷲ އަށްޓަކައި އަދާކުރެވޭ ހުރިހައި އަޅުކަންތަކެއްގެވެސް މަޤުޞަދަކީ އެ އިލާހަށް ތަޤުވާވެރިވުމެވެ.(ބަޤަރާ: 21) މީގެއިތުރުން ވަކީން ޚާއްޞަކޮށް، ރޯދަ ފަރުޟު ކުރެއްވި މަޤުޞަދަކީ ތަޤުވާވެރިވުންކަމަށް އަންގަވައި ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (ބަޤަރާ: 183) "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ."

ތަޤުވާއަކީ 'އިޚުލާޞްތެރިކަމާއެކު ﷲ އަށް ކިޔަމަންތެރިވުމެވެ. އެއީ އެކަލާނގެ ކުރަން އެންގެވި ކަންތައްތައް ކުރުމާއި، ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމެވެ.' މިގޮތުން ބަލާއިރު؛ ރަމަޟާން މަހުގެ ދުވާލު ނުކައި ނުބޮއެ ހުރުމާއެކު ފަރުޖުރުގެ ޝަހުވަތްތަކުން ދުރުހެލިވެގެން ހުރުމީ ތަޤުވާއެވެ. ނަމާދު ކުރުމާއި ޤުރުއާން ކިޔެވުމާއި ދުޢާ ޒިކުރުކުރުމާއި ޞަދަޤާތް ކުރުމީ ތަޤުވާއެވެ. ޚާއްޞަކޮށް މައިންބަފައިންނާއި ގާތްތިމާގެ މީހުންނާއި އާއްމުކޮށް އެންމެންނާމެދުގައިވެސް ހެޔޮކޮށް ކަންތައް ކުރުމީ ތަޤުވާއެވެ. އިރުއޮއްސިއްޖެކަން ޔަޤީންވުމުން ލަސްނުކޮށް ރޯދަ ވީއްލުމާއި، ހާރު ކެއުން ފަސްކުރުމާއި ރޭއަޅުކަން ކުރުމީ ތަޤުވާއެވެ. ރޯދައަށް ހުރެ މީހުންނާ ޒުވާބު ނުކުރުމާއި، ހަޑިހުތުރު ބަހުން ވާހަކަ ނުދެއްކުމާއި، ނެތިމޮށުމާއި އާޑަފުރައްސާރަކުރުމުން ދުރުހެލިވުމީ ތަޤުވާއެވެ.

ޝައްކެއްނެތްގޮތުގައި ރަމަޟާން މަހަކީ މުސްލިމުންނަށް ވަރަށް ޚާއްޞަ މަހެކެވެ. އެއީ އާދަޔާ ޚިލާފު އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ މައްސަރެކެވެ. އެކަން އެހެންވަނީ އެހެން މައްސަރުތަކާ ޚިލާފަށް، އެ މަހުގައި އެކުލެވިގެންވާ ގިނަގުނަ ސަވާބާއި މަޣުފިރަތާއި ރަޙުމަތުގެ ސަބަބުންނެވެ. އަށްޑިހަތިން އަހަރުވާންދެން ދުނިޔޭގައި ހުރެއްޖެމީހަކު، އޭނާގެ މުޅި އުމުރުގައި އަދާކުރާހައި ހެޔޮކަން އެންމެ ރެއެއްގައި އެކުލެވިގެންވާ، ލައިލަތުލްޤަދުރި އެ މައްސަރުގައި ހިމެނިގެންވާތީއެވެ. ދުވާލު ހަތަރުދަމު، ބަނޑާއި ފަރުޖުގެ ޝަހުވަތްތަކުން މަނާވެގެން ހުރުމަށްފަހު، އިރު އޮއްސުމުން އެކަންކަން ހުއްދަވެގެންދާ ވަގުތު އެލިބޭ އުފާވެރިކަން ރޯދައިން ގެނެސްދޭތީއެވެ. ﷲ ގެ ޙަޟުރަތުގައި ހުއްޓި ހުންނާންޖެހޭ ދުވަހު، ދުނިޔޭގެ ހަޔާތުގައި އޭނާ ހިފި ރޯދައިގެ ސަވާބުތައް ފެންނަ ހިނދު އެލިބޭ މަތިވެރި އުފާވެރިކަން ގެނެސްދޭ އެއްޗަކީ ރޯދަކަމަށްވާތީއެވެ.

ތަޤުވާވެރިވުމުގައި އެންމެ މަތީ ދަރަޖައަށް ވާސިލުވުމަކީ ކޮންމެ މުސްލިމެއްގެވެސް އަޒުމުކަމުގައި ވާންވާނެއެވެ. ނަމަވެސް މިކަމުގައި އެންމެން އެއްވަރުނުވާނެކަން ދެނެވޮޑިގެންވާ އިލާހު އަންގަވާފައިވަނީ އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އެ އިލާހަށް ތަޤުވާވެރިވުމަށެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ وَاسْمَعُوا وَأَطِيعُوا (ތަޣާބުން: 16) "ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހާށެވެ! އަދި ތިޔަބައިމީހުން ކިޔަމަންވާށެވެ!" ކިތަންމެ ރަނގަޅަށް އުޅޭ މީހަކަށްވެސް ގޯސްކަމެއް ކުރެވުން އެއީ ވެދާނެކަމެކެވެ. އެހެންވެއްޖެނަމަ ދެން ކަންތައް ކުރާންވީގޮތް ބަޔާންކުރައްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "ތިބާވީ ކޮންމެ ތަނެއްގައި ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ނުބައި ކަމެއް ކުރެވިއްޖެނަމަ އެކަމާ ވިދިގެން ހެޔޮކަމެއް ކުރާހުށިކަމެވެ. އޭރުން އެ ނުބައިކަންތައް ﷲ ފުއްސަވާނެތެވެ. އަދި ރިވެތިވެގެންވާ އަޚުލާޤުން މީސްތަކުންނާ މުޢާމަލާތުކުރާހުށިކަމެވެ."(ތިރުމިޛީ: 7/1910) ކަންމިހެން އޮތްނަމަވެސް، ފާފައެއް ކުރުމަށްފަހު އެއާ ވިދިގެން ހެޔޮއަމަލެއް ކުރުމުގެ ނިޔަތުގައި، ގަސްތުގައި ފާފަތަކަށް އަރައިގަނެގެންނުވާނެއެވެ. ސަބަބަކީ ފާފަ ކުރުމަށްފަހު ތައުބާވެ ހެޔޮ އަމަލު ކުރުމުގެ ފުރުސަތު ލިބޭނެކަން ނުވަތަ ނޫންކަން އެއީ އެކަކަށްވެސް އެނގޭ ކަމެއްނޫނެވެ.

ފާއިތުވެދިޔަ ރަމަޟާން މަހު ދުނިޔޭގައި ތިބި ކިތަންމެ ބަޔަކު، މި ރަމަޟާންމަސް އައި އިރު ދުނިޔެއަކު ނެތެވެ. ހަމައެގޮތަށް، މިއީ އަހަރެމެންނާ ބައްދަލުކުރާ އެންމެ ފަހު ރަމަޟާންމަސްކަމަށް ވެދާނެއެވެ. ވީމާ، މި އަގުބޮޑު ފުރުސަތު ލިބިފައިވާ މީހާ އޭގެ ބޭނުން އެންމެ ހެޔޮގޮތުގައި ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރާންވާނެއެވެ. ގިނަވެގެންވާ ކާބޯތަކެއްޗައިގެން އަވަދިނެތި އުޅުމާއި، އިސްރާފުކުރުމާއި، ކުޅިވަރާއި މަޖަލުގައި ރަމަޟާން މަހުގެ ވަގުތުތައް ދުއްވައިލުމީ ތަޤުވާއާ މުޅީން އިދިކޮޅު ޢަމަލުތައްކަން ހަނދާނުގައި ބަހައްޓާންވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް