ސައުދީން ހަދިޔާކުރި ކަދުރު އާދިއްތަ ދުވަހު ބަހަން ފަށަނީ

ސައުދީން މިއަހަރު ރާއްޖެއަށް ހަދިޔާކުރި ކަދުރު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު އަންނަ އާދީއްތަ ދުވަހު ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ 50 ޓަނުގެ ކަދުރު މާލެއާއި ރަށްރަށުގައި ބަހާއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ރާއްޖޭގެ ފަގީރުންގެ ގޭބިސީތަކަަށް ކަމަށެވެ. އަދި އޭގެ ތެރެއިން ކޮންމެ ގެއަކަށް އެއް ޕެކެޓް ދިނުމަށް ފަހު އެންމެ ކުރިން ކަދުރު ބަލާ އަންނަ މީހުންނަށް އިސްކަންދީގެން ކަދުރު ބެހުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރު ބަހާއިރު ސައުދީން މިއަހަރު ލިބުނު ކަދުރު ފަގީރުންގެ ގޭބިސީތަކަށް ބެހުމަށް ފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕެކެޓް ކަދުރެއެވެ.

ކަދުރު ބެހުން އޮންނާނީ އާދީއްތަ ދުވަހުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

މިނިސްޓްރީން ބުނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12:00 އަށް އިސްލާމީ މަރުކަޒުގެ ލޮބީ ސަރަހައްދުގައި ކަދުރު ބެހުމުގެ އެންމެހާ ކަންކަން ކުރިއަށްދާނެ ކަމަށާއި އަދި ކަދުރު ބަލައި އަންނަ މީހާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަން ޖެހޭނެ ކަމަށެވެ.

ރަށްރަށަށް ކަދުރު ބަހާނީ ރަށު ކައުންސިލްތަކުން މި ހިނގާ 2023 ވަނަ އަހަރު މިނިސްޓްރީއަށް ފޮނުވި ގޭބިސީގެ ލިސްޓުތަކަށް ބެލުމަށްފަހު އެ ކައުންސިލްތަކުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް