މި އަހަރުގެ ރަމަޟާން މަހަކީ ގއ. ނިލަންދޫ ދަނޑުވެރިންގެ އުފެއްދުންތެރިކަން ވަރަށް ރަނގަޅު މަހެއް ކަމަށާއި ރޯދައިގެ އެންމެ ފުރަތަމަ ދުވަހަށް މާލޭ ބާޒާރަށް ހަތް ޓަނު ކަރާ ވިއްކައިފިކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ނިލަންދޫ ދަނޑުވެރިންގެ މި މަސައްކަތާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އެ ރަށު ކައުންސިލް ރައީސް ނާސިހް އިބްރާހީމް ވިދާޅުވީ މި ރަމަޟާން މަހު ނިލަންދޫ ދަނޑުވެރިންގެ އަމާޒަކީ 40 ޓަނާ ގާތްކުރާ އަދަދަކަށް ކަރާ މާކެޓަށް ނެރުންކަމަށެވެ.
"އެންމެ މަދުވެގެން ވެސް ނެރޭނެ 40 ނުވަތަ 50 ޓަނުގެ ކަރާ. މިފަހަރު ވެސް އަޅުގަނޑުމެން މި ބަލަނީ ފުރަތަމަ 10ގެ ތެރޭގައި ދަނޑުތަކުން އެންމެ މަދުވެގެން 30 ނުވަތަ 40 ޓަނު ކަރާ ނެރެވޭނެ ކަމަށް. އަދި އޭގެ ފަހަށް ވެސް އަޅުގަނޑުމެންގެ ދަނޑުވެރިން ކަރާއައި ތަރުކާރީ ނެރެމުންދާނެ،" ނާސިހް ވިދާޅުވިއެވެ.
ދަނޑުވެރިކަން ރަނގަޅުވުމުގެ ސަބަބެއްގެ ގޮތުގައި ނާސިހް ފާހަގަކުރަނީ މިފަހަރު އެ ރަށު ކައުންސިލުން ހިންގި ތަމްރީނު ޕްރޮގްރާމެވެ.
"މިފަަހަރު އަޅުގަނޑުމެންނަށް ހިންގުނު ތަމްރީނު ޕްރޮގްރާމްގެ ފައިދާ ވަރަށް ރަނގަޅު ގޮތުގައި ދަނޑުވެރިންނަށް ލިބިގެންދިޔަކަން. އޭގެ ނަތީޖާކަމަށް މިއަދު މި ފެންނަނީ. އަޅުގަނޑުމެން ގެނައީ މިކަމަށް ތަޖުރިބާކާރު ބޭފުޅުން، ގެނެސް ހިންގީ ޕްރޮގްރާމްތަކެއް. ސީދާ ހަމަ ދަނޑުތަކަށް ގޮސް ތަމްރީނު ދިނީ،" ނާސިހް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ކެމިކަލް ބޭނުންކުރާނެ ގޮތް ކިޔައިދިން ކަމަށެވެ. އަދި އެންމެ ރަނގަޅު ގޮތުގައި ދަނޑު ހައްދާނެ ގޮތާ ގުޅޭ ގޮތުން ވެސް މައުލޫމަތު ފޯރުކޮށްދިންކަމަށް ނާސިހް ވިދާޅުވިއެވެ.
"އެގޮތަށް ހަމަ ވަރަށް ގިނަ ދަނޑުވެރިން އަމަލު ވެސް ކުރި. އޭގެ ސަބަބުން މިފަހަރު މިހާ ރަނގަޅު ނަތީޖާއެއް ނެރެވިފައިމިވަނީ. ކުރީ މަސްތަކުގައި އަޅުގަނޑުމެންނަށް ދިމާވާ މައްސަލައަކީ ރަނގަޅު ތަމްރީނު ޕްރޮގްރާމެއް ނެތި މައުލޫމާތު ނެތުމުގެ ސަބަބުން ދަނޑުވެރިން ހައްދާ ވަރަށް ގިނަ ތަކެތި ޑެމޭޖުވެގެންދަނީ،" ނާސިހް ވިދާޅުވިއެވެ.
ނާސިހް ވިދާޅުވީ ނިލަންދުއަކީ ދަނޑުވެރިކަމުގައި ހޮވައިލެވޭ ރަށްތަކުގެ ތެރެއިން ރަށެއްކަމަށެވެ. އެގޮތުން އެ ރަށުން ބައިވަރު ދަނޑުތައް ދަނޑުވެރިކަމަށް ދޫކޮށްފައިވާކަމަށް ވެސް ނާސިހް ވިދާޅުވިއެވެ.
"ދެން އެހެން ރަމަޟާން މަސްތަކުގައި ވެސް ހަމަ ދަނޑުވެރިކަން ކުރޭ. ދަނޑުވެރި ރަށެއް ނިލަންދޫއަކީ. އެހެންނަމަވެސް މި ރަމަޟާން މަހު ތަފާތަކީ ދަނޑުވެރިންގެ އުފެއްދުންތައް ވަރަށް ކާމިޔާބު. އަދި ދަނޑުވެރިންގެ އުފެއްދުންތަކުން ލިބޭ ފައިދާ ވެސް ބޮޑު،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ރަށުގެ ކޮންމެ ދަނޑުވެރި ގެއަކަށް 5،000 އަކަފޫޓުގެ ދެ ދަނޑު ކައުންސިލުން ދޫކޮށްފައިވާކަމަށެވެ. ޖުމްލަ 210 ދަނޑު ދޫކޮށްފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގާތްގަނޑަކަށް 700 މީހުން ދިރިއުޅޭ އެ ރަށަށް ދަނޑުވެރިކަމުން ލިބޭ އާމްދަނީގެ ތެރެއިން އާންމުންގެ ފުދުންތެރިކަން އިތުރުވެ އަތޮޅުގެ އެންމެ މަތީ ފަންތީގެ ރަށްތަކުގެ ފުދުންތެރިކަމާ އެއްހަމައެއްގައި ފާހަގަކޮށްލެވޭކަމަށް ވެސް ނާސިހް ވިދާޅުވިއެވެ.