ސްކޫލު ކުދިންނަށް އިހްޔާ ފޯރަމް މިއަހަރު ފަށަނީ

މާލޭގައި ބޭއްވި އިޙްޔާ ފޯރަމްއެއްގެ ތެރެއިން އިސްލާމިކް މިނިސްޓަރު -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ސްކޫލު ކުދިންނަށް ޚާއްސަކޮށް "ސްކޫލް އިހްޔާ ފޯރަމް"ގެ ނަމުގައި އިހްޔާ ފޯރަމްތަކެއް ފަށަން ނިންމާފައި ވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރޯދައަށް ވެފައިވާ ތައްޔާރީތަކާ ގުޅޭގޮތުން ރޭ އެސްއެސް ޓީވީގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަދީލް ވިދާޅުވީ، ސްކޫލު ކުދިންގެ އިހްޔާ ފޯރަމް ފެށުމުގެ ގޮތުން އަމާޒުކޮށްފައި ވަނީ މާލޭގެ ސަކޫލުތަކުގެ ހަޔާ ސެކަންޑްރީ ދަރިވަރުންނަށް ކަމަށެވެ.

"އެގޮތުން ހަތަރު ސްކޫލަކުން ވަނީ މި ޕްރޮގްރާމްގައި ބައިވެރި ވެފަ. މި ޕްރޮގްރާމާ އެހެން އިހްޔާ ޕްރޮގްރާމް ތަކާ ތަފާތު ވާނެ. އެއީ މި ޕްރޮގްރާމް ހުށަހަޅައިދިނުން، ޕްރޮގްރާމަށް ބޭނުންވާ މައުލޫމާތުތައް ދިރާސާކުރުން މިކަންކަން ވެސް ކުރިއަށް ގެންދާނީ ހަމަ އެސްކޫލުތަކުގެ ދަރިވަރުން،" އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް އިލްމުވެރިންގެ ފަރާތުން އެހީތެރިކަން ލިބޭނެކަމަށް ވެސް އަދީލް ވިދާޅުވިއެވެ. މިއަހަރު ވެސް އިހްޔާ ފޯރަމްގެ ޕްރޮގްރާމް ތައް ކުރިއަށް ގެންދާނީ އިސްލާމީ މަރުކަޒުގެ ހޯލުތެރޭ، އާދިއްތަ ދުވަހުގެރޭ އަދި ބުރާސްފަތި ދުވަހުގެ ރެއެވެ.

"އެހެން ނަމަވެސް އެންމެ ފަހު ހަފުތާގެ ޕްރޮގްރާމްތަކަށް ބަލާއިރު ބުރާސްފަތި ދުވަހުގެ ރޭ މިދިމާ ވަނީ، ޝައްވާލް މަހުގެ ހަނދު ބެލުމުގެ ރެއާ. އެހެންވީމަ އެންމެ ފަހު ޕްރޮގްރާމް އޮންނާނީ ބުދަ ދުވަހުގެ ރޭ،" އަދިލް ވިދާޅުވިއެވެ.

މީގެ އިތުރުން އަދިލް ވިދާޅުވީ، އިހްޔާ ޕްރޮގްރާމްގެ މައުލޫތައް ނަގަނީ އެއިރެއްގައި މުޖުތަމައުގައި ހިނގާ ކަންކަމާ ގުޅޭ ޝައުގުވެރި ކަންކަމުގެ މައްޗަށް ކަމަށެވެ.

އަތޮޅު ތެރޭގައި މިއަހަރު އިހްޔާ ފޯރަމް ބާއްވާ ރަށްތައް ގިނަކަން އަދީލް ފާހަގަކުރެއްވިއެވެ.

"އެގޮތުން މާލޭގައި ނުވަ ފޯރަމެއް ޕްލޭންކުރެވިފައި މި ވަނީ. ދެން އަތޮޅު ތެރޭގައި އަށް ފޯރަމްއެއް،" އޭނާ ވިދާޅުވިއެވެ.

ރަމަޟާން މަހު އަސްރު ނަމަދަށް ފަހު ދަރުސް ދިނުމާ ގުޅޭގޮތުން އަދީލް ވިދާޅުވީ، އިސްލާމީ މަރުކަޒުގަ އާއި ކިންގް ސަލްމާން މިސްކިތުގައި ކޮންމެ ދުވަހަކު އަސްރު ނަމާދަށް ފަހު ދަރުސް ދޭނެކަމަށެވެ.

"އޭގެ އިތުރުން މާލޭ ސަރަހައްދުގެ 29 މިސްކިތެއްގަ ދަރުސް ކުރިއަށްދާނެ. އެކަމަކު ކޮންމެ ދުވަހަކު 29 މިސްކިތުގައި ދަރުހެއް ނުދޭނެ،" އަދީލް ވިދާޅުވިއެވެ.

comment ކޮމެންޓް