މާލޭ ސަރަހައްދުން 26 މިސްކިތުގައި ތަރާވީސް ނަމާދު ކުރާނެ

ޖުލައި 31، 2020: އިސްލާމީ މަރުކަޒުގައި ކުރެވުނު އަޟްހާ އީދު ނަމާދުގެ ތެރެއިން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދަ މަހު މާލޭ ސަރަހައްދުގައި ހިމެނޭ 26 މިސްކިތުގައި ތަރާވީސް ނަމާދު ކުރަން ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަ ދުވަހަކީ މާދަމާއެވެ. އެހެންވެ، މިސްކިތްތަކުގައި މިރޭ ތަރާވީސް ނަމާދު ކުރަން ފަށާނެއެވެ.

ރަމަޟާން މަހު މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ހިފްޒުކޮށް ތަރާވީސް ނަމާދުކުރާނެ މިސްކިތްތަކުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައި ވަނީ މާލޭގެ 16 މިސްކިތާއި ހުޅުމާލޭގެ ނުވަ މިސްކިތުގެ އިތުރުން ވިލިމާލޭގެ އެއް މިސްކިތެވެ.

މާލޭގައި ތަރާވީސް ނަމާދު ކުރާ ބައެއް މިސްކިތްތަކުގެ ތެރޭގައި އިސްލާމީ މަރުކަޒާއި ކިންގް ސަލްމާން މިސްކިތާއި ނޫރު މިސްކިތާއި ފުރުޤާން މިސްކިތާއި ޒިކުރާ މިސްކިތް ހިމެނެއެވެ.

ހުޅުމާލޭގައި އެއްވަނަ ފޭހާއި ދެވަނަ ފޭހުގެ ވަގުތީ މިސްކިތްތަކުގައި ވެސް ތަރާވީހު ނަމާދު ކުރާނެއެވެ. އަދި ވިލިމާލޭގައި ތަރާވީހު ނަމާދު ކުރާނީ ވިލިމާލޭގެ މަސްޖިދުލް އިޚުލާސްގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެހެން އަހަރު ތަކެކޭ އެއްގޮތަށް މި އަހަރު ވެސް އިސްލާމީ މަރުކަޒުގެ އެންމެ ތިރީ ފަންގިފިލާގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށެވެ.

comment ކޮމެންޓް