ސެރަމިކް އާޓް އަދި ޕޮޓަރީ ތައްޔާރުކުރާ ކްލޭ ސްޓޫޑިއޯއެއް ހުޅުމާލޭގައި ރަސްމީކޮށް ހުޅުވައިފިއެވެ.
މި ކްލޭ ސްޓޫޑިއޯ ރަސްމީކޮށް ހުޅުއްވައިދެއްވީ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ.
މި ކްލޭ ސްޓޫޑިއޯ ހުޅުވާފައި ވަނީ ރެއިން ކްރެސްޓް ރެސިޑެންސް އިމާރާތުގެ އެންމެ ތިރީ ފަންގިފިލާގައެވެ.
މި ސްޓޫޑިއޯއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ޕޮޓަރީ އަދި ސެރަމިކް އާޓްގެ ފަންނު ދަސްކޮށްދިނުމުގެ ކޯސްތައް ހިންގުން ހިމެނެއެވެ.

ސެރަމިކް އާޓް އަދި ޕޮޓަރީ ތައްޔާރުކުރާ ކްލޭ ސްޓޫޑިއޯއެއް ހުޅުމާލޭގައި ހުޅުވުމުގެ ރަސްމިއްޔާތު -- ފޮޓޯ/ އެޗްޑީސީ
މީގެ އިތުރުން އެ މަސައްކަތް ތަޖުރިބާކޮށްލަން އެދޭ ފަރާތްތަކަށް ވެސް އެ ފުރުސަތު ފަހިކޮށްދެވިގެން ދާނެއެވެ.
އޭގެ ތެރޭގައި ރައްޓެހިންނާއި އެކުވެރިންނާއެކު ނެގޭ ގަޑިތަކާއި އިންޑިވިޖުއަލް ގަޑިތައް ވެސް ހިމެނެއެވެ. އަދި ކުޑަކުދިންނަށް ވެސް މި ފަންނު ދަސްކޮށް ތަޖުރިބާކުރުމުގެ ފުރުސަތު މި ސްޓޫޑިއޯއިން ފަހިކޮށްދޭނެއެވެ.

ސެރަމިކް އާޓް އަދި ޕޮޓަރީ ތައްޔާރުކުރާ ކްލޭ ސްޓޫޑިއޯއެއް ހުޅުމާލޭގައި ހުޅުވުމުގެ ރަސްމިއްޔާތު -- ފޮޓޯ/ އެޗްޑީސީ
މި ސްޓޫޑިއޯގައި ވޯކްޝޮޕްތަކާއި ފަންނުވެރިންގެ ހުނަރު ދައްކުވައިދޭ އެގްޒިބިޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފްރީލާންސް އާޓިސްޓުންނަށް ވެސް ސްޓޫޑިއޯ ބުކްކޮށް ބޭނުންކުރެވޭނެއެވެ.
ފަންނުވެރި ހުނަރުވެރި ތަޖުރިބާކާރުންތަކެއް ހިންގާ މި ސްޓޫޑިއޯ އަކީ ރާއްޖޭގައި ހިންގާ ޕޮޓަރީ އަދި ކްލޭ އާޓްގެ ފުރަތަމަ ސްޓޫޑިއޯއެވެ.