ޚިޔާލު ތަފާތު ނަމަ އެކުގައި މަސައްކަތް ނުކުރެވޭނެ، އެކަމު އަދި ކޯލިޝަން އެބައޮތް: ރައީސް

ކޯލިޝަން މަޝްވަރާއަަށް މުލީއާގޭގައި އޮތް ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ރައީސް ވާހަކަދައްކަވަނީ -- ސަން ފޮޓޯ / މުހައްމަދު ޝާތިއު އަބްދުﷲ

ސަރުކާރު ކޯލިޝަންގެ ޕާޓީތަކުގެ ޚިޔާލު ތަފާތުވުންތަކާ އެކުގައި މަސައްކަތް ނުކުރެވޭނެ ކަމަށާއި އެހެން ނަމަވެސް އަދި ކޯލިޝަން ދެމި އެބަ އޮތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކޯލިޝަން މަޝްވަރާއަަށް މުލީއާގޭގައި މިއަދު މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ކެމްޕޭން ތެރޭގައި ޚިޔާލު ތަފާތުވެފައިވާ ޕާޓީތަކެއްގެ ވަޒީރުން ގޮވައިގެން މަސައްކަތް ކުރަން ދަތިވާނެ ކަމަށެވެ.

"ހަމަގައިމު ވެސް ޚިޔާލު ތަފާތުވާ ބަޔަކާއެކީގައި އެކީ ކެމްޕެެއިނެއް ނުކުރެވޭނެ. އެއީ ވަރަށް ސާފު ކަމެއް. މިހާރު މި އޮތް ކޯލިޝަން މިހެން އޮއްވައި އަނެއްކާ އަޅުގަނޑުމެން އިތުރު ކޯލިޝަނެއް މި ހެދީ. ދެން މި ކެމްޕޭން ކުރިއަށްދާއިރު އޭގެ ސަބަބުން އަޅުގަނޑުމެންނަށް މި އިންތިޚާބު ކާމިޔާބުކުރުމަށް ހުރި ކަންތައްތައް އަޅުގަނޑުމެން ކުރަމުން ގެންދާނަން،" ރައީސް ވިދާޅުވިއެވެ.

އެކުގައި މަސައްކަތް ކުރަން ދަތިވި ނަމަވެސް ސީދާ ކޯލިޝަން ރޫޅާލައްވާނެ ކަމަކަށް ރައީސް ވިދާޅެއް ނުވެއެވެ. އެ މަނިކުފާނު ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރުމަށް ކުރެވެން ހުރި ކަންކަން ކުރުމުގެ މާނައަކީ ޖުމްހޫރީ ޕާޓީއާ މެދު ފިޔަވަޅެއް އެޅުން ނޫން ކަމަށެވެ. އަދި މި ވެރިކަމުގައި އޮތް ކޯލިޝަންގެ އެގްރީމަންޓަކީ މި ދައުރު ނިމެންދެން ދަމަހައްޓަން އޮތް ކޯލިޝަން އެއްބަސްވުމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޯލިޝަން މަޝްވަރާއަަށް މުލީއާގޭގައި އޮތް ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ރައީސް ވާހަކަދައްކަވަނީ -- ސަން ފޮޓޯ / މުހައްމަދު ޝާތިއު އަބްދުﷲ

"ތި ވިދާޅުވާހެން އަޅުގަނޑުމެންގެ އެގްރީމަންޓެއް އެބައޮތް. އެ އެގްރީމަންޓުގައި މި އޮންނަނީ ދައުރު ނިމެންދެން އެކީގައި ތިބެން. އެއީ އަކުރުން އަކުރަށް މާނަކުރީމާ އޮންނަ ގޮތް. އެހެންނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ދާއިރުގައި އަޅުގަނޑުމެންނަަށް އެކީގައި ނުތިބެވޭ ކަމަށް ވަންޏާ އޭގައި އެ އޮތީ އެ އެގްރީމަންޓު ނިމުމަކާ ހިސާބަށް ގެންނަންޖެހިފައި، އޭގެ މާނައަކީ ކޯލިޝަން ނެތީއެކޭ ނޫން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު ވެސް ވެރިކަމުގައި ހުންނެވީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި، އެއިރު ވެސް މިހާރު ވެސް ގަބޫލުފުޅުކުރައްވާ ގޮތަކީ ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތަކީ ކޯލިޝަން ވެރިކަމެއް ކުރުން ކަމަށެވެ. އަދި ފާއިތުވި ހަތަރު އަހަރު ކޯލިޝަނެއްގެ ތެރެއިން ރަނގަޅު ވެރިކަމެއް ކުރެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޯލިޝަން އެކުލަވާލަން ކުރައްވަމުން ގެންދަވާ މަސައްކަތާ ގުޅިގެން ރައީސް ވިދާޅުވީ ޖޭޕީއަށާއި އެމްއާރްއެމްއަށް ކޯލިޝަން ހެދުމަށް އެދި ދައުވަތު ދެއްވައިފައިވީ ނަމަވެސް ރަސްމީ ޖަވާބެއް އަދި ނުދޭ ކަމަށެވެ.

"އެހެންނަމަވެސް ތި ވިދާޅުވާހެން ޖުމްހޫރީ ޕާޓީން ވަކިން އެކަނި ކުރިމަތިލާނެކަމަށް މިހާރުވަނީ އިއުލާނުކޮށްފައި. އަޅުގަނޑުގެ ވިސްނުމަކީ އަދި އަޅުގަނޑު މަޑުކޮށްގެން މިހުރީ ޖުމްހޫރީ ޕާޓީއިން އަޅުގަނޑުމެންގެ ރިކުއެސްޓަށް ރަސްމީ ސިފައެއްގައި ޖަވާބެއް ލިބޭނެކަމަށް،" ރައީސް ވިދާޅުވިއެވެ.

ކޯލިޝަން މަޝްވަރާއަަށް މުލީއާގޭގައި އޮތް ބައްދަލުކުރެއްވުމަށްފަހު -- ސަން ފޮޓޯ / މުހައްމަދު ޝާތިއު އަބްދުﷲ

ރައީސް ވިދާޅުވީ ޖޭޕީއާއި އެމްއާރުުއެމުން ވެސް އެ މަނިކުފާނަށް ތާއީދުކުރައްވާނަމަ އިންތިޚާބު ކާމިޔާބުކުރުމަށް ވަރަށް ފަސޭހަވާނެކަމަށެވެ. ނަމަވެސް ޖޭޕީގެ ނިންމުމަށް އިހްތިރާމްކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާތަނަށް ކޯލިޝަން ހަދަން އެއްބަސްވެފައިވާ ޕާޓީތަކާ އެކީ ކުރިޔަށް ދިޔަ ބައްދަލުވުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެ ބައްދަލުވުމުގައި ދެކެވުނީ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރާނެ ގޮތާ ގުޅޭ ވާހަކަތައް ކަމަށެވެ. އެގޮތުން މެނިފެސްޓޯ އެކުލަވައިލުމާއި ކެމްޕޭން އޮނިގަނޑު އެކުލަވައިލުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ހިތުން ކުރިއަށް މި އޮތް ރިޔާސީ އިންތިޚާބުގައި ރަނގަޅު މަސައްކަތްތަކެއް އަަޅުގަނޑުމެންނަށް ކުރެވޭނެ މިހާތަނަށް ދެކެވުނު ވާހަކަތަކުގެ އަލީގައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ ފުރަތަމަ ބުުރުން އިންތިޚާބު ކާމިޔާބުކުރުން. އެ ކަމުގެ އުންމީދު އަޅުގަނޑުމެންގެ އެބައޮތް،" ރައީސް ވިދާޅުވިއެވެ.

މި މަޝްވަރާތައް ކުރެވުނު ނަމަވެސް ޕާޓީތަކުގެ މެދުގައި ސަރުކާރުގެ މަގާމުތައް ބަހާނެ ސީދާ ނިސްބަތެއް ކަނޑައަޅާފައި ނުވެއެވެ. ރައީސް ވިދާޅުވީ ކޯލިޝަން އެއްބަސްވުމުގައި އެކަންކަން ހިމަނާނެ ކަމަށާއި އޭރުން އެ މައުލޫމާތު ހާމަކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް