ގަމުގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި ރާއްޖޭން ޕާކިސްތާނު ބަލިކޮށްފި

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު--- ފޮޓޯ/ ގައުމީ ފުޓުބޯޅަ ޓީމު

ލ. ގަމު ފުޓުބޯޅަ ދަނޑުގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި ރާއްޖޭން ޕާކިސްތާނު ބަލިކޮށްފިއެވެ.

މިއަދު ހަވީރު ކުޅުނު މި މެޗު ރާއްޖޭން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ރާއްޖޭން ޖެހި ހަމައެކަނި ގޯލު ޖަހައިފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު) ނެގި ކޯނަރަކަށް އަރައި އިބްރާހިމް އައިސަމް ބޮލުން ޖެހި ގޯލެކެވެ.

ފާކިސްތާނުން ރާއްޖެ އައިސް މިއަދު ކުޅުނު އެކުވެރިކަމުގެ މެޗަކީ 10 އަހަރަށް ފަހު އެ ޓީމުން ރާއްޖެއާ ދެކޮޅަށް ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ ފުރަތަމަ މެޗެވެ.

އެންމެ ފަހުން އެ ޓީމުން ރާއްޖެއާ ދެކޮޅަށް ނުކުތީ 2013 ވަނަ އަހަރެވެ. އެފަހަރު މާލޭ ގަލޮޅު ދަނޑުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ރާއްޖޭން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އަނެއް މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

ހަމަ އެހެންމެ ޕާކިސްތާނުން މިއަދު ކުޅުނު މެޗަކީ ފީފާގެ ސަސްޕެންޝަނުން ސަލާމަތްވުމަށް ފަހު އެ ގައުމުން ކުޅުނު ފުރަތަމަ މެޗު ވެސް މެއެވެ.

ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ އެންގުންތަކާ ހިލާފުވުމުން ޕާކިސްތާނަށް ވަނީ ފަސް އަހަރު ތެރޭގައި ދެ ސަސްޕެންޝަން އައިސްފައެވެ.

އެގޮތުން 2017 ވަނަ އަހަރު ފެށިގެން 2018 ވަނަ އަހަރުގެ މާޗުމަހާ ހަމައަށް އެ ޓީމު ސަސްޕެންޑުކުރިއެވެ. އަަދި 2021 ވަނަ އަހަރު ވެސް ފީފާއިން ވަނީ އެ ޓީމު ސަސްޕެންޑުކޮށްފައެވެ.

ފީފާގެ ސަސްޕެންޝަނުން ޕާކިސްތާނު ސަލާމަތްވީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.

comment ކޮމެންޓް